ޚަބަރު

ރަމަޟާންމަހު ވެމްކޯގެ ޚިދުމަތް ލިބޭނެ ގަޑިތައް އާންމުކޮށްފި


  • ރޯދަމަހުގައި އެމަރޖެންސީ ރެސްޕޯންސް ޓީމެއް ހަރަކާތްތެރިވާނެ

  • މިޓީމް ހަރަކާތްތެރި ވާނީ 07:00 އިން ފެށިގެން 16:00 އަށް

މި ފެށޭ ރަމަޟާންމަހު ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ ޚިދުމަތްތައް ލިބޭނެ ގަޑިތައް އެ ކޯރޕަރޭޝަނުން ހާމަކޮށްފިއެވެ.

ރަމަޟާންމަހު މާލެ ސަރަޙައްދުގެ ވެމްކޯގެ އިދާރީ މަސައްކަތްތައް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 14:00 އަަށެވެ. އަދި ކޯލް ސެންޓަރުތަކުގެ ޚިދުމަތް ހެނދުނު 9:00 އިން ފެށިގެން 14:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން 00:00 އަށް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ލިބެން ހުންނާނެކަމަށް އެކޯރޕަރޭޝަނުން ބުނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވެމްކޯގެ ސެންޓްރަލް އޮޕަރޭޝަންގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވީ، އެ ކޯރޕަރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަހުގެ ރޭގަނޑު 21:00 އިން ދެށިގެން 01:00 އަށް ލިބޭނެކަމަށެވެ. އަދި ހުކުރު ދުވަހަކީ ކަސްޓަމަރ ފްރޮންޓް އޮފީސް ބަންދު ދުވަހެއް ކަމަށާއި ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ކަސްޓަމަރ ފްރޮންޓް އޮފީސް ހެނދުނު 9:00 އިން ފެށިގެން 13:00 އަށް ހުޅުވިފައި ހުންނާނެ ކަމުގައެވެ.

ޝާން ވިދާޅުވީ މާލޭ ޓަރާންސްފަރ ސްޓޭޝަން ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 09:00 އިން ފެށިގެން 17:00 އަށް އަދި 21:00 އިން 01:00 އަށް ކަމުގައެވެ. އަދި ހުކުރު ދުވަހު 14:00 އިން 17:00 އަށް 21:00 އިން 01:00 އަށެވެ.

މި ރަމަޟާންމަހު މާލެ ރީޖަންގެ ހައުސް ހޯލްޑް ކަލެކްޝަން ނުވަތަ ގޭބިސީތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 20:30 އިން ފެށިގެން 02:30 އަކަށްކަމަށް ވެމްކޯއިން ބުނެއެވެ.

ނަމަވެސް ކުނި ނެގުމަށް ގޭގެއަށް އަރާނެ އެންމެ ފަހު ގަޑި އަކީ 00:00 ކަމަށް ޝާން ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ގޭގެ ވެރިފަރާތުގެ ހުއްދައެއް ނެތި ކުނި ނެގުމަށް އެއްވެސް ގެއަކަށް ނުވަންނާނެ ކަމުގައި ޝާން ވިދާޅުވިއެވެ. ޝާން ވަނީ ކުނިކޮތަޅު ރަނގަޅަށް ބަންދުކުރުމަށްފަހު 20:00 އާއި 21:00 ފަހު ބަހައްޓައިދިނުމަށް އާންމުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.

"ރޭގަނޑު ސުންގަޑި ސުންމިނެޓްގެ ފަހުން އަޅުގަނޑުމެން ގޭގެ ވެރިފަރާތް ނުވަތަ އެގެއެއްގައި ދިރިއުޅޭ ފަރާތެއްގެ ހުއްދަ ނެތި އަޅުގަނޑުމެން އެގެއަކަށް އެޓެންޑެއް ނުވާނަން. އަދި ހަމަ މިއާއެއްކޮން ފާހަގަ ކޮއްލަން ކުނި ތައްޔާރުކޮށްދީފައި އަޅުގަނޑުމެންނަށް ބަހައްޓާދެން ވާނެ 20:00 އާ 21:00 ދޭތެރޭ. އޭރުން އަޅުގަނޑުމެންގެ މަސައްކަތްތައް ލުއިފަސޭހަ ވެގެންދާނީ." ޝާން ވިދާޅުވިއެވެ.

ވެމްކޯއިން ބުނީ ރަމަޟާންމަހު މާލެ ސަރަޙައްދުގައި ކޮމާޝަލް ކަލެކްޝަން ކުރިއަށްދާނީ ހެނދުނު 09:00 އިން 15:00 އަށް އަދި 22:00 އިން 01:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 17:00 އަށް އަދި 22:00 އިން 02:00 އަށެވެ. ކެޕް ސަރވިސް ކުރިއަށްދާނީ ހެނދުނު 9:00 އިން 15:00 އަށް އަދި 22:00 އިން 00:00 އަށެވެ. ހުކުރު ދުވަހު 14:00 އިން 17:00 އަށް އަދި 22:00 އިން 01:00 އަށެވެ.

މި ރަމަޟާންމަހު ވެމްކޯގެ އެމަރޖެންސީ ރެސްޕޯންސް ޓީމެއްވެސް ހަރަކާތްރެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުގެ މަޤްޞަދަކީ ދިމާވާ އެމަރޖެންސީ ޙާލަތްތަކުގައި ވީހާވެސް އަވަހަށް އެތަނަކަށް ގޮސް ކުނި ނެގުންކަމަށް ވެމްކޯއިން ބުނެއެވެ. މި ޓީމް ހަރަކާތްތެރި ވާނީ ކޮންމެ ދުވަހަކު ހެނދުނު 07:00 އިން ފެށިގެން 16:00 އަށެވެ.