ޚަބަރު

މައްސަލަތައް މުރާޖަޢާކުރުމަށްފަހު "ވާނުވާ ބަންދުގައި" ތިބި މީހުންނަށް ލުޔެއް ދެނީ


  • ވަނުވާ ބަންދުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ސަރުކާރުގެ ވައުދެއް

  • ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން މައްސަލައަށް ހައްލު ހޯދުމަށް ދަނީ މަސައްކަތްކުރަމުން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް މުރާޖަޢާކުރުމަށްފަހު ލުޔެއް ދެވެން އޮތްނަމަ އެކަން ކޮށްދެއްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުޞާން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިޙުޞާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެއްވެސް މީހަކަށް ލުޔެއް ދެވެން އޮތްނަމަ އެ ލުޔެއް ދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލާއި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ވާނުވާ ބަންދުގައި އެންމެ ގިނައިން ތިބީ ބޮޑެތި މާރާމާރީތަކާއި ޓެރަރިޒަމްގެ ކުށަށް ތުޙުމަތުކުރެވޭ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ އެމީހުން ދޫކޮށްލައިނަމަ މުޖުތަމައުއަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އޭގެއިން އެއްވެސް މީހަކަށް ލުޔެއް ދެވޭނީ އެ މީހުންގެ މައްސަލަތައް މުރާޖައާކުރުމަށްފަހުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރައީސްގެ ޚާއްސަ އިސްނެންގެވުމާއެކު އެންގެވި އެންގެވުމާއެކު މިދަނީ ރިވިއު ކުރަމުން. މިހާރު މިތިބި މީހުންގެ ކޭސްތައްވެސް. އެއްވެސް މީހަކު އިތުރު ލުޔެއް ދެވޭނެގޮތެއް އޮވެއްޖެކަމަށްވާނަމަ މުޖުތަމަޢުއަށް ގެއްލުން، ނުރައްކަލެއް ކުރިމަތިނުވާގޮތަށް ކުރެވޭ ކަމެއްވިއްޔާ އެކަމެއް ކުރާނަން." ވަޒީރު އަލީ އިޙުސާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބަންދުގައި ތިބި މީހުންގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށެވެ. އަދި ހުކުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބޭތިއްބުމަކީ އެދެވޭ ގޮތެއް ނޫންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ބެއިލް ޤާނޫނާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި ޤާނޫނުލް އުޤޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.

މި މައްސަލައިގެ އަސްލަކީ ކޯޓުތަކުގައި މައްސަލަ ދިގުލައިގެން ދިއުންކަން ފާހަގަކުރައްވާ ވަޒީރު ވަނީ މައްސަލަތައް އަވަސްކުރެވޭނެ ގޮތްތައް ހޯދުމަށް ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.

"ޚާއްސަކޮށް ކްރިމިނަލް ކޯޓަށް އެންމެ ބޮޑަށް ދިމާވެގެން އުޅޭ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މިހާރު ސަރުކާރުން ވަނީ ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީގައި ކޯޓް ކޮމްޕްލެސްއެއް ޤާއިމްކުރުމަށް ޑެޑިކޭޓްކޮށް އެތަން ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި. ރަމަޟާންމަސް ނިމެންވާއިރަށް ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ނިމި ކްރިމިނަލް ކޯޓާ ހަވާލުކުރެވޭނެ ގޮތަށް މަސައްކަތް ރާވަން." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާނު ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ އެމަނިކުފާނުގެ މިދިޔަމަހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. މީގެއިތުރުން ޖަލުތަކުގެ ކަންކަން ހަރުދަނާކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އެކަންކަން މިދައުރުގެ ތެރޭގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.