ޚަބަރު

ތިނަދޫ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން އެޅުމުގެ ތައްޔާރީތައް


ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ބިނާކުރައްވާ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން އެޅުއްވުމުގެ ތައްޔާރީތައް ފައްޓަވައިފިއެވެ. 

މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދެއްގައި ޤާއިމްކުރައްވާ އެންމެ ބޮޑު އިސްލާމީ މަރުކަޒު ޢިމާރާތްކުރެއްވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ، މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެމް.އާރު.ޑީ.ސީއާއެވެ.

ޕީ.އެސް.އެމް.އަށް މައުލޫމާތުދެއްވަމުން އެމް.އާރު.ޑީ.ސީގެ ތިނަދޫ ސައިޓް އޮފީހުން ވިދާޅުވީ، ތިނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރެއްވުމަށްޓަކައި މިހާރު ކުރެވެމުންދަނީ، ފައުންޑޭޝަން އެޅުމަށް ބިން ކޮނުމުގެ މަސައްކަތް ކަމަށެވެ. ތިނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރެއްވުމަށް ކުރިން ހަމަޖެއްސެވި ބިމުގެ ބަދަލުގައި މިހާރު އެތަން އަޅުއްވަނީ، އެރަށުގެ ހުޅަނގު ފަރާތުގައި އިސްލާމީ މަރުކަޒުގެ ބިނާގެ މަލަ ރީތިވާ ސަރަޙައްދެއްގައެވެ. އަދި މިކަމަށް ކުރިން ކަނޑައެޅުއްވި 40 ހާސް އަކަފޫޓްގެ ބަދަލުގައި މިހާރު ކަނޑަޅުއްވާފައިވަނީ 60 ހާސް އަކަފޫޓްގެ ބިމެކެވެ. 

ގދ. ތިނަދޫގައި ބިނާކުރައްވާ އިސްލާމީ މަރުކަޒަކީ، އެތަނުން ކުރެވޭނެ ބޭނުންތަކަށް ބަލާއިރު މާލޭގައި ހުންނަ އިސްލާމީ މަރުކަޒާ ދާދި އެއްގޮތަކަށް ފަރުމާކުރެވިފައިވާ މަރުކަޒެކެވެ.

ކޮންފަރެންސް ހޯލަކާއި ކްލާސް ރޫމްތަކަކާއި، އޮފީހަކާއި އިމާމުންވެސް ތިއްބަވާގޮތަށް ގާއިމްކުރެވޭ މި މަރުކަޒުގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅަކަށްވެސް ޢިލްމީގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަންވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މިއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ބިނާކުރައްވާ އިސްލާމީ މަރުކަޒެކެވެ. މި މަޝްރޫޢަށް ތިރީސް ހަތަރެއް ޕޮއިންޓް ހަތަރެއް މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.