ޚަބަރު

ރާއްޖޭގެ އިސްލާމީ އިދާރާތައް ހިންގާނެ ލީޑަރުން ތަމްރީންކުރަނީ


  • މިޕްރޮގްރާމްގެ ދަށުން ވަޒީރުގެ މަގާމާއި އިދާރާތަކުގެ ހިންގުންތެރިންގެ މަޤާމަށް މީހުން ބިނާކުރެވޭނެ

  • ބޭރުގެ އެކި ޤައުމުތަކުގެ ހަރުދަނާ ޝަޚުސިއްޔަތުތަކާއި ބައްދަލުކުރެވޭނެ

  • ޕްރޮގްރާމްގައި ބައިވެރިވެވޭނީ އިސްލާމީ ދާއިރާއަކުން މަތީފާހެއް އޮތް ޢިލްމީ މީހުންނަށް

ރާއްޖޭގެ އިސްލާމީ އިދާރާތައް ހިންގާނެ ލީޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްއޮތް ރަމަޟާންމަހަށްފަހު ފައްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރުގެ މަޤާމާއި ކޮލެޖް ޔުނިވަރސިޓީތަކާއި އެހެނިހެން އިދާރާތައް ހިންގުމަށް ޤާބިލް ޒުވާނުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ، މިޕްރޮގްރާމުގައި ބައިވެރިވެވޭނީ އިސްލާމީ ދާއިރާއަކުން ދަށްވެގެން ޑިގްރީ އެއް އޮތް މީހުންގެ ތެރެއިން ހޮވޭ ޢިލްމީ ފަރާތްތައްކަމަށެވެ.

މިޕްރޮގްރާމުގައި އިސްލާމީ އިދާރީ ލީޑަރޝިޕްގެ ދާއިރާއިންނާއި، އިސްތިރާޖީ ވިސްނުމާއި އިސްތިރާޖީ ރޭވުންތެތިކަމާއި މުއައްސަސާތައް ބިންނާކުރާނެ ގޮތާއި، ހިންގުމާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ޑިޕްލޮމެސީއާއި ކްރައިސިސް މެނޭޖްމަންޓްގެ އިތުރުންވެސް ލީޑަރޝިޕާ ގުޅުން ހުރި ދާއިރާތަކުން ތަމްރީނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިޕްރޮގްރާމްގެ ތެރެއިން އިސްލާމީ ޤައުމުތަކުގެ މުހިއްމު ޝަޚްސިއްޔަތުތަކާއި ބައްދަލުކޮށް ޤައުމުތަކަށް ތަޖުރިބާގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިޕްރޮގްރާމްގެ ތެރެއިން ތަމްރީން ދެއްވާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންކަމަށެވެ. އަދި ޕްރޮގްރާމްގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިސްލާމީ މުއައްސަސާތައް ހިންގާގެ ހަރުދަނާ ޒުވާނުން ބިނާކުރުންކަމަށެވެ.

ރާއްޖޭގައި އިސްލާމްދީން ދެކެ ލޯބިވާ ޒުވާނުން ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީއިން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ޢާއްމުންނަށް ދިނީ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ އެންމެ ގާތުން މަސައްކަތްކުރައްވާ އިމާމުން އިތުރަށް ހަރުދަނާކުރުމުގެ ޕްރޮގްރާމްތައްވެސް އަންނަނީ ހިންގަވަމުންނެވެ. މީގެއިތުރުން ސްކޫލް ނިންމާ ކުދިންގެ ހިތްތަކުގައި އިމާމުވެ ނަމާދުކޮށް ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މަޤްސަދުގައި އެކުދިންނަށް އިމާމުވެ ނަމާދުކުރުމާއި ހުކުރު ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.