ޚަބަރު

ބިމާ ބެހޭ އައު ބިލާއެކު ހަފްތާ 14ގައި ހިމެނޭ 9 ބިލެއް މަޖިލީހަށް ހުށައަޅައިފި


  • ބައެއް ބިލްތައް ވަނީ އެއްކޮށްލާފައި

  • ބިމާ ބެހޭ ޤާނޫނަކީ ދުވަސްވެފައިވާ ޤާނޫނަކަށްވުމުން، އައު ބިލެއް ވަނީ ހުށައަޅާފައި

  • ނަފްސާނީ ޞިއްޙަތުގެ ބިލް 2 ހަފްތާ ތެރޭ ހުށައަޅާނެ

ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ 9 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށްޓަކައި ޖިނާއީ އިޖްރާޢަތުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށްޓަކައި މަޖިލީހަށް ބިލެެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އަދި ބިލް ފާސްވެގެން ދިއުމުން ކަފާލާތުގެ ނިޒާމު މިހާރަށްވުރެ ފުރިހަމަވެގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރަށް އެކި މިނިސްޓްރީތަކަށް މަތިވާ ގިނަ ބިލްތަކެއް އެކުލަވާލެއްވުމަށްފަހު މަޖިލީހަށް 9 ބިލެއް ހުށަހަޅުއްވާފައިވާކަމަށާއި ބައެއް ބިލް ވަކިވަކި ބިލްތަކުގެ ބަދަލުގައި އެއްކޮށްލާފައި ހުޅަހަޅުއްވާފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ ބިމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބަދަލުގައި މުޅިން އައު ބިމާ ބެހޭ ޤާނޫނެއް އުފެއްދުމުގެ ބިލެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

"އެހެންކަމުން އެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބަދަލުގައި މުޅިން އައު ބިމާ ބެހޭ ޤާނޫނެއް، ބިލެއް ވާނީ މަޖިލީހަށް ހުށަހަޅާފައި. އެ ބިލުގައި ވާނީ ކޮންވެންސިންނާ ލޭންޑް ރީ-އެޖެސްމެންޓާ ބެހޭ ބައިތަކެއް ހިމަނާފައި. އަދި ފްރީ ހޯލްޑް އަދި ލީޒް ހޯލްޑް އުސޫލުގެ ބައެއް ވެސް ވާނީ އެ ޤާނޫނުގައި ހިމަނާފައި." ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލްތައް

* އިޖްތިމާއީ ބޯހިޔާވަހިކަމުގެ ބިލް
* ބިމާ ބެހޭ ބިލް
* އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލް
* ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލް
* ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލް
* ޓްރެވަލް އޭޖެންސީއާ ބެހޭ ބިލް
* ކޮޕީރައިޓްސް ބިލަށް އިސްލާހް ގެނައުމުގެ ބިލު
* ޞިއްޙީ ޚިދުމަތުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު
* ޖިނާއީ އިޖްރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ހަފްތާ 14މަގު ޗާޓްގައި ޕްރިވެންޓަބަލް ހެލްތު ކެއާގެ ބިލެއް ހުށަހަޅަން ޖެހޭކަމަށާއި ނަމަވެސް އިތުރު ބިލެއް ހުށަހެޅުމުގެ ބަދަލުގައި މިހާރު ވެސް އަމަލުކުރަމުންދާ ޤާނޫނަށް އިސްލާހު ހުށައަޅާފައިވާކަމަށެވެ.

އުޝާމް ވިދާޅުވީ މަޖިލީހަށް 14 ހަފްތާގެ ތެރޭގައި ހުށަހަޅަން ޖެހޭ ބިލްތަކުގެތެރެއިން މިހާތަނަށް ހުށަނާޅާ އޮތީ ނަފްސާނީ ޞިއްޙަތުގެ ބިލް ކަމަށެވެ. އެ ބިލް ޑްރާފްޓްކޮށް ސްޓޭކް ހޯލްޑަރުންނާ ހިއްސާކުރައްވާފައި ވާނެ ކަމަށާއި އެ ބިލް ފަރުމާކޮށްފައިވާ ގޮތުން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރުމުން އިތުރަށް އެ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ފަހު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބިލްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް މީގެ ކުރީގެ ސަރުކާރަކުން ގެނެސްފައިވާ ފުރަތަމަ އިސްލާހު ބާތިލްކުރުމަކީ ވެސް މިސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ އިސްލާހު ބާތިލް ކުރުމަށް ބިލެއް މަޖިލީހުގެ މިދިޔަ ދައުރުގައި ހުށައަޅާފައި އޮތުމުން މަޖިލީހުގައި އޮތް ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމަން އެދިފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.