ޚަބަރު

"ދަނޑުވެރިކަމަށް ވަކި ވުޒާރާއެއް އުފެއްދުމުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން"


  • ދަނޑުވެރިކަން ކުރިއަރުވަން އޮންނަ ބަޖެޓްވެސް ވަނީ ބޮޑުވެފައި

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ވަކި ވުޒާރާއެއް އުފެއްދުމުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ވުޒާރާއިން ވޭތުވެދިޔަ މުއްދަތުގައި ކުރިއަށްގެންދިޔަ މަސައްކަތްތަކާއި، ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދަނޑުވެރިކަމާއި މަސްވެރިކަމަށް މީގެކުރިން އެއް ވުޒާރާ އޮތްނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދަވާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެވުޒާރާގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާ އަހްމަދު ވިދާޅުވީ އެވުޒާރާއިން އެންމެ ބޮޑު އިސްކަމެއް ދެއްވީ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވަން އޮންނަ ބަޖެޓް ބޮޑުކުރުންކަމަށެވެ. އެގޮތުން ދާއިރާ އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ އޭގެ އަލީގައި ބަޖެޓް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މީގެކުރިން ދަނޑުވެރިކަން ކުރިއަރުވަން ހޭދަކުރާ މިންވަރަށްވުރެ ބޮޑު އަދަދެއް ސިނާއަތުގެ ތަރައްޤީއަށް ކަނޑައަޅާފައިވާކަމަށް ވިޝާމާ ވިދާޅުވިއެވެ.

"ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އިތުރުކޮށް ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްދީ ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ފާހަގަވި ކަނަތައްތަކުގެ އަލީގައި ބަޖެޓް ރިކުއަރމެންޓެއް ހަދައި މިނިސްޓްރީގެ މިއަހަރުގެ ބަޖެޓަށް އިތުރު 45 މިލިއަން ރުފިޔާ ވަނީ އިތުރު ކޮއްފަ. އެހެންމަ މިއަދަދަކީ ފާއިތުވެ ދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ދަނޑުވެރިކަމުގެ ދާއިރާއަށް އަދި ދަނޑުވެރިކަމުގެ މަޝްރޫތަކަށް ކުރެވޭ ހަރަދާއި އަޅާ ބަލާއިރު އެތައް ގުނައއް ބޮޑު ބަޖެޓެއް" ވިޝާމާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ ރާއްޖެއަކީ ބިމުގެ ގޮތުން ކުޑަ ގައުމަކަށްވުމުން ދަނޑުވެރިކަން ތަރައްގީކޮށް އިތުރު ގޮތްތައް ބަލައި ދިރާސާކުރުންކަމަށެވެ. އެގޮތުން ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްގައި 4 މޮޑެލްއެއް ތަޖުރިބާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ހަނިމާދޫގައި ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ރާއްޖެއަށް އެންމެ ރަނގަޅީ ކޮން ނިޒާމެއްތޯ ބަލައި، ދިރާސާކޮށް އެ ނިޒާމު ދަނޑުވެރިންނަށް ތާރަފްކުރައްވާނެކަމަށެވެ.