މި އަހަރުގެ ފުރަތަމަ 2 މަސް ނިމުނުއިރު، ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 15.7 މިލިއަން ރުފިޔާ އިތުރުކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ފެބްރުއަރީމަހުގެ ނިޔަލަށް ދައުލަތަށް 6.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި އެ މަހުގެ ނިޔަލަށް ޙަރަދުތައް ހުރީ 6.4 ބިލިއަން ރުފިޔާގައެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ފެބްރުއަރީމަހުގެ ނިޔަލަށް ލިބިފައިވާ ޢަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 5.6 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 817 މިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 26.3 މިލިއަން ރުފިޔާއެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
• އިމްޕޯޓް ޑިއުޓީން 467.9 މިލިއަން ރުފިޔާ
• ބީޕީޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ
• ޖީއެސްޓީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ
• ގްރީން ޓެކްސްގެ ގޮތުގައި 191.7 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 180.9 މިލިއަން ރުފިޔާ
މި އަހަރުގެ ފެބަރުއަރީމަހުގެ ނިޔަލަށް ޚަރަދުތައް ހުރީ 6.4 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޙަރަދުތައް ހުރީ 8.2 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ދައުލަތުގެ ޙަރަދުތައް ވަނީ ވަރަށް ބޮޑަށް ކުޑަ ކުރެވިފައިކަން ފާހަގަކުރެވެއެވެ.
ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 5.2 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 1.2 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 2.1 ބިލިއަން ރުފިޔާއާއި އިދާރީ ހިންގުމަށް ހިނގާފައިވާ 3 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.