ޚަބަރު

ޖަވާބުދާރީކުރުވުމާއެކު ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ތަނަކަށްވެސް މަޖިލިސް ވާންޖެހޭ: ޝިޔާމް


  • ސަރުކާރު ޒިންމާދާރު ކުރުވުމަކީ މަޖިލީހުން ކުރަންޖެހޭކަމެއް

  • ހަމައެއާއެކު ސަރުކާރު ހިންގުމަށްވެސް އެއްބާރުލުން މަޖިލީހުން ދޭންޖެހޭ

  • މެނިފެސްޓޯ ތަންފީޒުކުރުމަށް ބޭނުންވާ ބިލްތައް އަވަހަށް ފާސްކޮށްދޭންޖެހޭ

  • މިމަޖިލީހުން އުޅެނީ އެއްވެސް އަސާސެއްނެތި ރައީސްގެ ކެބިނެޓަށްވެސް ރުހުން ނުދޭން

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއެކު ސަރުކާރު ހިންގުމުގައިވެސް އެހީތެރިވެދޭ ތަނަކަށް ވާންޖެހޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އެއީ ރައްޔިތުންނަށް ޙައްގުވާ ތަރައްޤީ ގެނެސްދިނުމަށް ރައްޔިތުންނަށް ވެދޭ އެހީތެރިކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު އޮތް ފަރާތްކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ޚިދުމަތްކުރުމަށް އިންތިޚާބުކުރައްވާފައިވާ މެންބަރުން، ސަރުކާރު ހިނގުމަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީވެސް މަޖިލީހުން ކުރަންޖެހޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ބޭނުންވާ ބިލްތައް ވީހާވެސް އަވަހަކަށް މަޖިލީހުންޖެހޭ ފާސްކޮށްދޭންޖެހޭ. ސަރުކާރު ޒިންމާދާރު ކުރުވުމާއެކު ސަރުކާރަށް އެއްބާރުލުން ދިނުމަކީ ތަހުޒީބު މުޖުތަމަޢުތަކުން ފެންނަ މަންޒަރެއް." މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިދިކޮޅުގެ މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލީހުގެ ޢަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ އަޣްލަބިއްޔަތުން ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާއަކު އެކުލަވާލައްވާފައިވާ ކެބިނެޓަކަށް ރުހުން ނުދީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ޒިންމާދާރުކަން ކުޑަކޮށް އެކަން ދިގު ދަންމަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު މިފަދައިން ވިދާޅުވެފައިމިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ 3 ވަޒީރަކަށް މިހާތަނަށް ރުހުން ދެއްވާފައި ނުވާތީއެވެ.


އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހަކަށް ހެއްދެވުމަށް ވަޒީރުވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.