ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފާދިއްޕޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސްގެ މިދަތުރުފުޅުގައިވަނީ ޅ. އަތޮޅުގެ 3 ރަށަކަށް ވަޑައިގަންނަވާފައެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ އެއަތޮޅު ކުރެންދޫއަށެވެ. ޢެއަށްފަހު ހިންނަވަރާއި ނައިފަރަށް ވަޑައިގަތެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަތޮޅު ކައުންސިލްގެ އިތުރުން އެ އަތޮޅުގެ ރަށު ކައުންސިމްތަކާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ޙާލަތު ގާތުން ބެއްލެއްވުމަށް ކުރައްވަމުންދާ ދަތުރުފުޅުތަކެކެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އޮޅުންފިލުއްވުމާއި އެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ މަޝްވަރާ ހޯއްދެވުމަކީވެސް މި ދަތުރުފުޅުތަކުގެ މަޤްޞަދެކެވެ.
މިދަތުރުފުޅުގައި ރައީސް ވަނީ ރަށްރަށުގެ ކައުންސިލްތަކުގެ ތަރައްޤީއަށް ކުރައްވަން ނިންމަވާފައިވާ ކަންކަމާއި، ސަރުކާރުން ޤާނޫނުތަކާއި ސިޔާސަތުތަކަށް ގެންނަވާނެ މުހިންމު ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންނާއި އަދި ކައުންސިލްތަކާ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.
އަތޮޅުތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިހާތަނަށް ވަނީ 16 އަތޮޅެއްގެ 60އަށްވުރެ ގިނަ ރަށަށް ވަޑައިގަންނަވާފައެވެ. އަދި ލޯކަލް ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިމެނޭގޮތަށް އެމަނިކުފާނު ވަނީ 150 ކައުންސިލާއި ބައްދަލުކުރައްވާފައެވެ.
ރައީސް ވިދާޅުވީ ދަތުރުފުޅުތަކުން ބޭނުންފުޅުވަނީ ކައުންސިލްތަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަވަހަށް ހައްލުކޮށްދިނުންކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ އަވަހަށް ނަތީޖާ ހާސިލްކުރެއްވުންކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޢަމާޒަކީ މި ދަޢުރުފުޅުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެފަހަރު ވަޑައިގަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.