ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ޓްރާންސްފަރ ސްޓޭޝަންތަކަށް ހިލޭ ކުނި އުކާލެވޭނެ


  • ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމެއް

ކުރިއަށް އޮތް 3 ދުވަހު ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކަށް އެއްވެސް ފީއެއް ދެއްކުމެއް ނެތި އާއްމުންނަށް ކުނި އުކާލެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ރަމަޟާންމަހާއި ދިމާކޮށް ކުރިއަށްގެންދާ ގޭތެރެ ސާފުކުރުންފަދަ މަސައްކަތްތަކުން އުފެދޭ ކުނި އުކާލުމުގައި އާއްމުންނަށް ފަސޭހަކޮށްދެއްވުމުގެ ގޮތުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ރޯދަމަހާއި ގުޅިގެން ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލުދެއްވާފައެވެ.

ވަޒީރު ވިދާޅުވީ ރޯދަމަހަކީ އެހެން މަސްތަކާއި ޚިލާފަށް ކުނީގެ މައްސަލަ ބޮޑު މަހެއް ކަމުގައެވެ. އަދި ރޯދައަށް ތައްޔާރުވުމަށް ގޭތެރެ ސާފުކޮށް، ގޭބިސީތަކުން މަގުތަކަށް މިދިޔަ ދެތިންދުވަހު ގިނަ ޢަދަދަަކަށް ކުނި އަޅާފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށާއި ކުނި އަޅަން ހާއްސަ ތަންތަނަށް މިގޮތަށް ނެރޭ ކުނި ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ސާފުކުރުމުގެ މަސައްކަތުގައި ރައްޔިތުންނަށް ލުޔެއް ދެއްވުމުގެ ގޮތުން، ކުނި އުކާލުމަށް އާއްމުން ޓްރާންސްފަރ ސްޓޭޝަންތަކަށް ދައްކަންޖެހޭ ފީ ކުރިއަށް އޮތް 3 ދުވަހު މައާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު އަދި ސަރުކާރުގެ ވަރަށްބޮޑު އިލްތިމާސެއް އެހެން ނެރެ މަގުމަތީގަ ކުނި ނުބެހެއްޓުމަކީ. މިއަދު ރައީސް ނިންމާފަ ވަނީ ވެމްކޯއިން ކުރިއަށް އޮތް ތިން ދުވަސް މާލެ ޓަރާންސްފަރ ސްޓޭޝަނަށް އަމިއްލަ ފަރާތްތަކުން ކުނި ގެންދާ އެއްވެސް ވެހިކަލަކުން ގޭޓްފީ އަކާ ނުލާ ވަދެ ކުނި އުކާލާ އެކުނި ޑިސްޕޯސް ކުރެވޭ ގޮތަށް." ވަޒީރު ވިދާޅުވިއެވެ.

މާރިޗު މަހުގެ 10 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 13 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ޓްރާންސްފަރ ސްޓޭޝަންތަކަށް އާއްމުން ވަނުމަށް ނަގާ ފީ ދައްކަން ނުޖެހޭނެކަމަށް ވޭސްޓް މެނޭޖްނެމްޓް ކޯޕަރޭޝަން ވެމްކޯއިން ބުނެއެވެ. ނަމަވެސް ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނި އުކައިދޭ ފަރާތްތަކުން މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް ފީ ދައްކަންޖެހޭނެކަމަށް ވެމްކޯއިން ބުނެއެވެ.