އޮއްސެމުން ދިޔަ އިރުގެ ދޯދިތަކުން އުދަރެހުގައި ތަފާތު ކުލަތައް ޖައްސަމުން ދިޔައެވެ. ރާޅު ބީއްސަމުން ދިޔަ ހިމުން ދޮންވެލިގަނޑަށް ބަލަން އިންއިރު އަހަރެންގެ ލަގޮނޑިއަށް ބާރުވެ، ދެލޯ ފެންކަޅިވެ، ހިތް ކުދިކުދިވަމުން ދިޔައެވެ.
"އަނބި ޤަބޫލުކޮށްފިން." ހުދުކުލައިގެ ޝޯލްގެ ތެރެއިން ފެންނަން އިން ޒީލާގެ ދޮން މޫނަށް ބަލައިލަމުން އަހަންނަށް ހިނިތުންވެވުނެވެ.
އާނއެކެވެ. 12 އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު ޒީލާ އަހަރެންގެ ހައްޤަކަށްވީއެވެ. ދެ ފަރާތުގެ ޢާއިލާގެ ފުރިހަމަ ރުހުމާ އެކުގައެވެ.
ކައިވެނީގެ މަޖިލީސް ނިމުމުން ޒީލާއާއެކު ފޮޓޯނެގުމަށް ޚާއްޞަކުރެވިފައިވާ މައިދާނަށް ދިޔައީމެވެ. ޒީލާގެ އެދުމުގެ މަތިން ކައިވެނިކުރުމާއި ފޮޓޯނެގުމުގެ ހުރިހާ ކަމެއް އިންތިޒާމުކުރީ ރަށުގެ ހުދު ދޮންވެލި ތުނޑި މަތީގައެވެ.
ފޮޓޯނަގައިދޭ ކުއްޖާގެ އިރުޝާދާ އެއްގޮތަށް ޒީލާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައިލުމަށްފަހު އެ ލޯބި މޫނަށް ބަލައިލީމެވެ. އެއާއެކު، މާޒީގެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި ރަސްކަންކުރަން ފެށިއެވެ.
ލޯތްބަކީ ކޮން އެއްޗެއްކަން އެނގުނީންސުރެން އަހަރެންގެ ހިތުގެ ރާނީއަކީ ޒީލާއެވެ. އަހަރެންނަށް ވަޒީފާ ލިބި އަމިއްލަ ފައި މައްޗަށް ތެދުވެވެންދެން އެކަން ސިއްރެއްގެ ގޮތުގައި ބޭއްވީ، ޒީލާއަކީ ރައްޓެހިވުމެއް ނެތި ކައިވެނިކުރާ އުސޫލު ޤަބޫލު ކުއްޖެއްކަން އެނގޭތީއެވެ. އަހަރެންގެ ދަޢުވަތު ޒީލާއަށް ހުށެހެޅީ މީގެ ދެ ހަފުތާ ކުރިންނެވެ. އެ ހުށަހެޅުމަށް ޒީލާއާއި ޒީލާގެ ޢާއިލާ އެއްބަސްވިލެއް އަވަސްކަމުން އަހަރެން ވެސް ހައިރާންވިއެވެ.
ސިހިފައި ހަމަބިމަށް އާދެވުނީ ފޮޓޯނަގާ ކުއްޖާގެ އަތް ކޮނޑުގައި ބާއްވާލުމުންނެވެ. އެ ވަގުތު ލަދުން ގޮސް ރަތްވެފައިވާ ޒީލާގެ ދޮން މޫނު ފެނުމުން ވީގޮތް ރޭކާލިއެވެ. ޚިޔާލީ ދުނިޔެއެއްގައި ހުރެވުމުން އެހެން މީހުން ދައްކާ ވާހަކަ ވެސް ނީވުނީއެވެ.
އަހަރެމެންގެ މާމުއި ހަނދުގެ ދުވަސްތައް ނިމިގެން ދިޔައީ ދެ ހިތަށް ވެސް ބަހާރު މޫސުން ގެނުވައިފައެވެ. ވަރަށް އޮމާންކަމާއި އަމާންކަމާ އެކުގައިއެވެ.
"ވަޒީފާ ހަމަޖެހިއްޖެ! މާދަން ނުކުންނާށޯ ބުނީ!" ފިހާރާގެ ހިސާބު ހަދަން އިންދައި އަހަރެންގެ ބެބޭ އަކްޔަލް އައިސް ކަރުދާސްތަކެއް ދިއްކޮށްލިއެވެ.
އެއާއެކު އަހަރެންގެ ހިތް އުފަލުން ނަށަން ފެށިއެވެ. 'ބިޒުނަސް މެނޭޖުމެންޓު'ގެ ދާއިރާއިން އަހަރެން މަތީ ތަޢުލީމު ހާސިލްކުރީ ވަރަށް ފޮނި އުންމީދުތަކަކާއެކުގައެވެ. ކިޔަވައިގެން އައިސް ވަޒީފާ ހަމަޖެހެންދެން ބޭބެގެ ފިހާރާގައި މަސައްކަތްކުރީ އެއީ ވަގުތީ ވަޒީފާއެއްގެ ގޮތުގައި ދެކިގެންނެވެ.
ވަޒީފާއަށް ދިޔަ ފުރަތަމަ ދުވަހު ހުރިހާ މުވައްޒަފުންގެ ފަރާތުން ވެސް ފެނުނީ އެކުވެރިކަމެވެ. އަހަންނާ ވާހަކަދައްކާލެއް ގާތްކަމުން ދުވަހަކު ނުދަންނަ ބައެކޭ ވެސް ހީނުވެއެވެ. ފުރަތަމަ ދުވަސްކަމުން އަހަރެންގެ މަސައްކަތެއް ކަމުގައިވީ މާހައުލަށް ހޭނިލައި އެހެން މުވައްޒަފުންނާ އެކުވެރިވެލުމެވެ.
ދެވަނަ ދުވަހު އޮފީހަށް ގޮސް ސޮއިކޮށްލުމަށް ފަހު ހަމަޖެހިލައިގެން މަސައްކަތް ފެށީމެވެ.
"ހެލޯ، ކައިލާން!" އަށްގަޑި ބައިވެ ބޮޑުވިފަހުން އައިސް އަހަރެންގެ ގާތުގައި ހުރި ގޮނޑިއަށް ވެއްޓިގަތް ޒުވާނާ ބުނެލިއެވެ.
ބަލާބެލުމަށް އުމުރުން 25 އަހަރަށް ވުރެ ދޮށްޓެއް ނުވާނެވެ. އިސްކޮޅު ދިގުވެފައި ކުލައަލި ޒުވާނެކެވެ.
"މަށަށް ކިޔަނީ އަބާން. ކަލޭގެ ދަށުން މަސައްކަތްކުރާނީ މަ! އިއްޔެ މަށަށް ނާދެވުނީމަ ނޭނގިދާނެތީ މި ބުނެލީ. އޮފީހުގައި ވިޔަސް އެހާ ރަސްމީވެގެން މަށަކަށް ނޫޅެވޭނެ! އަނެއްކާ ކަލޭ އެއްޗެކޭ ހީނުކުރައްޗޭ!" ސުވާލުގެ ނަޒަރަކުން އަހަރެން ބަލަން އިންދައި އަހަރެންގެ ކޮނޑަށް އަތް ވައްޓައިލުމަށް ފަހު އެ ޒުވަނާ ވާހަކަދެއްކިއެވެ.
އަބާނާއެކު މަސައްކަތްކުރާތާ 3 މަސް ވީއިރު އަބާނާ އަހަރެންގެ ގުޅުން ފުދޭވަރަކަށް ރަނގަޅެވެ. އަބާންގެ ކިބައިގައި ވަޒީފާއަށް ގަޑިޖެހިގެން އައުމާއި މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ ހަރުދަނާކަން ކުޑަ އާދަތައް ހުރުމަކީ އޭނާއާމެދު ނުރުހުންވެ، ބާކީކުރަން ޖެހޭ ސަބަބެއްކަމަށް އަހަރެން ނުދެކެމެވެ.
"ލާން، ހިނގާ ކާން. ޒީ ވަރަށް ބަނޑުހައިވެއްޖެ. ހުންނާނެ ކުޅިމަސް ހަދައިފަ. " ގެއަށް ވަނުމާއެކު ޒީލާ އައިސް އަހަރެންގެ އަތުގައި ހިފައި ލިއެވެ.
ޒީލާއަކީ އަހަރެންގެ ނަސީބެވެ. އަހަރެންގެ އުފަލެވެ. މިހާރު ކައިވެންޏަށް އަހަރެއް ފުރެން ގާތްވަނީއެވެ. އަދިވެސް އެ މޫނު ފެންނަ ކޮންމެ ފަހަރަކު ހިތަށް ލިބޭ އުފާ ބަޔާންކުރަން ދައްޗެވެ. މުޅި އުމުރަށް ވެސް ޒީލާ އަހަރެންގެ އަތުތެރޭގައި ބޭއްވޭނެނަމައޭ ހިތަށް އަރައެވެ.
"މިއަދު މާ ލޯޑު ބޮޑީދޯ؟" އާދައިގެ މަތިން މިއަދު ވެސް އަބާން އައީ ގަޑިޖެހިގެންނެވެ .
ކޮންމެ ދުވަހަކު ގަޑިޖެހިގެން އޮފިހަށް އައިސް، މަސައްކަތަށް އެއްވެސް ފަރުވާލެއް ނުބަހައްޓާއިރު އޭނާއަށް ވަޒީފާގައި ހުރެވޭކަމަށް ޓަކައި އަހަރެން ވެސް އަޖައިބުވީމެވެ. ކަމުގެ ފަހަތުގައިވާ ސިއްރު ހާމަވެގެން ދިޔުމުގެ ކުރީންނެވެ.
އަބާނަކީ އަހަރެމެން މަސްކަތްކުރާ ކުންފުނީގެ ވެރިޔާއަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. ކުންފުނީގެ ވެރިޔާ ވެސް އަބާނަށް ސިއްރިޔާތުގައި ނަސޭހަތްދީ ހަދައެވެ. ނަމަވެސް ބޮޑުބޭބެގެ ނަސޭހަތްތައް އަބާނަށްވަނީ ބޭކާރު ވާހަކަތަކަކަށެވެ. އަބާންގެ ފަރުވާކުޑަކަމާހުރެ މައްސަލަތައް ފެންމަތިވި ނަމަވެސް، އޭނާގެ ބޮޑުބޭބެ ހަރުކަށި ފިޔަވަޅެއް ނާޅަނީ އަބާންގެ ބައްޕައަށް ކުރާ ޤަދަރެއްގެ ބޮޑުކަމުންނެވެ. އަބާންގެ ވިސްނުން ހުރީ ޒުވާން އުމުރުގައި މަޖާކޮށްލައި އުފާކޮށްލުމަށެވެ. ޒިންމާނެގުމާއި ޤަވާއިދުތަކަށް ބޯލެނބުމަކީ އަބާން އެއްވެސް ހާލެއްގައި ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ.
"ހިނގާ ކޮފީއެއް ޖަހައިލަން! މިހާރު ތީނީ ވިސްނާ ވިސްނާ ބޮލުން ދުންއަރައިފަ!" ކޮފީއަކަށް އަބާން ދިން ދަޢުވަތު ޤަބޫލުނުކުރަން އުޅުމުން އަބާން އަހަރެންގެ އަތުގައި ހިފައި ދަމަން ފެށިއެވެ.
"ސަޅި ބިޓެއް ދޯ!" އަބާން، އޭނާގެ ފޯނުން އަހަރެންނަށް އަންހެން ކުއްޖެއްގެ ތަސްވީރެއް ދައްކައިލިއެވެ.
ނިވާކަން ކުޑަ ހެދުން އަޅައިފައި ތިބޭ އަންހެން ކުދިންގެ ފޮޓޯތައް އަހަރެންނަށް ދައްކަމުން ދިޔަ އިރު އަހަރެން މީ މިހެއްގެ ފިރިއެއް ކަން ވެސް އަބާން ހަނދާންނެތް ފަދައެވެ. އަބާންގެ އެ ޢަމަލުން އަހަރެންގެ ބޮލަށް އުނދގޫވާން ފެށިއެވެ. އެއީ އެހެންޏާ އަބާންގެ ކިބައިން ނުފެންނަ ސިފައެކެވެ.
' ޓްރީން! ޓްރީން!' އެހެން އިންދައި އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އެ ކަންވީ އަބާންގެ ގާތުން ސަލާމަތްވުމަށް އަހަންނަށް ލިބުނު ރަނުގެ ފުރުޞަތަކަށެވެ. ލަސްނުކޮށް، ހިހޫވެފައިވާ ކޮފީތަށި އެއް ނޭވާއިން ދަމާލުމަށްފަހު ފޯނު ކަންފަތުގައި ޖަހައިގެން ކެފޭއިން ނުކުތުމަށް ހިނގައިގަތީމެވެ.
"ލާން! ޒީގެ މާމަ ބުނީ، މާދަން ލާން ގޮވައިގެން ކާން އަންނައްޗޯ! ކީކޭ ބުނަންވީ؟" ފޯނުގެ ތެރެއިން އައި ޒީލާގެ ހިމަހިމަ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާ އެކު ހިނިތުންވެވުނެވެ.
ކިތަންމެ ކުޑަކުޑަ ކަމެއްގައި ވެސް އަހަންނާ މަޝްވަރާނުކޮށް ޒީލާ ގޮތެއް ނުނިންމައެވެ. އަބަދު ވެސް އަހަންނާ ވާހަކަދައްކަނީ ވަރަށް ލޯބިންނެވެ. ދުވަހަކު ވެސް އަހަރެންގެ ކަމަކަށް ފަރުވާކުޑައެއް ނުކުރެއެވެ. އަނތްބެކޭ ބުންޏަސް އެއީ ހަމަ އަނބި ޖަވާހިރެކެވެ.
"މާމަ ހިތަށް މި އަރަނީ، މި މާމައަށް މުނި މާމަ ކިޔާ ދަރިއަކު ލިބޭނީ ކޮން ދުވަހަކުންބާއޭ؟" ޒީލާގެ މާމަ ނުސީދާކޮށް ކޮށްލި ސުވާލާއެކު ޒީލާގެ މޫނަށް ވީގޮތުން އަހަރެންގެ ހިނިގަނޑު ހިފަހައްޓާލެވުނީ ކިރިޔާއެވެ.
"ދެން މާ ލަހެއް ނުވާނެ ދޯ ؟" ކުރިމަތީގައި ކާން އިން ޒީލާއާ ދިމާއަށް އެއް ލޯމަރައިލަމުން އަހަރެން އެހެން ބުނެލީ ޒީލާ އިތުރަށް ލަދުގަންނަވައިލުމުގެ ބޭނުމުގައެވެ.
"ބުރޯ! ހާދަ އަވަސް އަރުވައިލައިގެން!" ޖެހިގެން އައި ދުވަހު ޑިއުޓީ ނިންމާފައި ގެއަށްދާން ސައިކަލަށް އެރިތަނުން އަބާންގެ އަޑު ކަންފަތުގައި ޖެހުނެވެ.
"އާން! އަންހެނުންނާއެކު ތަނަކަށް ދާންވެގެން." އިރުއޮއްސޭ މަންޒަރު ބަލައިލަން ތުނޑިއަށް ދާން ޒީލާއަށް ވަޢުދުވީކަން ހަނދާންކުރަމުން ސައިކަލު އިސްޓާޓުކޮށްލީމެވެ.
"ލާން! ޒީ ވަރަށް ބިރުގަނޭ ޒީމެންގެ މި ގުޅުމަށް އެހެން މީހެއްގެ ހިޔަނި އެޅިދާނެތީ! އެސްފީނާއާއި ހަސަދަ ވެސް އެއީ ވާ އެއްޗެއްނު ދޯ!" އަހަރެންގެ ކޮނޑުގައި ބޯއަޅައިލައިގެން، އޮއްސެމުން ދިޔަ އިރަށް ބަލަން އިނދެ ޒީލާ ބުނެލިއެވެ.
"އިންޝާ ﷲ، އެހެންނުވާނެ! އަހަންނާ ޒީއާ އަބަދު ވެސް ވާނީ އެކީގަ! އަހަރެން ޒީދެކެ ވަރަށް ބޮޑަށް ލޯބިވޭ!" ދޮންވެލިގަނޑުމަތީގައި އޮތް ޒީލާގެ ކަނާއަތް ނަގައި ބޮސްދެމުން އަހަރެން އިއްވައިލީމެވެ.
ޖެހިގެން އައި ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި ވަރަށް އުފާވެރި ދުވަހަކެވެ. ވަޒީފާއަށް ނުކުތްތާ އަހަރެއް ވެސް ނުވަނީސް އަހަންނަށް ވަޒީފާގެ ކުރިއެރުން ލިބުނީއެވެ. އެއީ ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި ކަމަށް ކަމޭހިތައިގެން، ވަގުތުން ވަގުތަށް އަހަރެން ކުރި މަސައްކަތުގެ ފޮނި ނަތީޖާއެވެ. އަހަންނަށް ލިބުނު އެ އުފާވެރި ޚަބަރު އެންމެ ފުރަތަމަ ވެސް ދިނީ އަހަރެންގެ ލޯބިވާ އަނބިމީހާއަށެވެ.
"ބުރޯ، އަހަންނަށް ކުޑަކަމެއް ޖެހިގެން ކަލޭ ދޭ ކެއުމުގައި ބައިވެރިވެވޭކަށް ނެތް! " އަހަންނަށް ކުރިއެރުން ލިބުމުގެ އުފަލުގައި، އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ދޭ ކެއުމަށް ނާދެވެނެ ވާހަކަ އަބާން އެންގީ މެސެޖަކުންނެވެ.
"ތަހުނިޔާ!" ގެއަށް ވަނުމާއެކު އަހަރެންގެ އިންތިޒާރުގައި ސޯފާގައި އިން ޒީލާ ފުންމައިގެން ތެދުވިއެވެ.
އަހަންނާމެދު ފަޚުރުވެރިވާ ވާހަކައާއި އަހަންނަށް އިތުރު ކާމިޔާބީތައް ލިބުމަށް އެދޭ ވާހަކަ ބުނެލިއިރު ޒީލާގެ މޫނުމަތިން ފެނުނީ އުޖާލާކަމެވެ. އަހަންނަށް ލިބުނު ކުރިއެރުމާ ގުޅިގެން އަހަންނަށް ވުރެ ބޮޑު އުފަލެއް ޒީލާއަށް ލިބުނުހެން ހީވެއެވެ.
ޖެހިގެން އައި ދުވަސްތައް ވެގެންދިޔައީ އަހަންނަށް ވަރަށް ބުރަ ދުވަސްތަކެއް ކަމުގައިއެވެ. ޢާއިލާ މީހަކު ބަލިވެގެން ކުއްލި ގޮތަކަށް މާލެ ދާން ކަމަށް ބުނެ، އަބާން ޗުއްޓީ ނެގުމުން ' މެނޭޖިން ޑިޕާޓުމެންޓް'ގެ ހުރިހާ މަސައްކަތެއް ކުރަން ޖެހުނީ އަހަރެން އެކަނިމާއެކަންޏެވެ. އަބާންގެ ހާލު ބަލައިލަން ގުޅުމުން ވެސް އަބާން ފޯނެއް ނުނަގައެވެ.
"ހެލޯ ބުރޯ!" ކޮންޕިޔުޓަރުގެ ' ސްކްރީނަށް' ގެއްލިފައި އިންދާ އަބާންގެ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
އަބާން ފެނުމާއެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ. މިއީ ހުވަފެނެއްބާއޭ ވެސް ހިތަށްއެރިއެވެ. ވާނީ ވެސް އެހެނެއްނުން ހެއްޔެވެ؟ ކުރިމަތީގައި އެހުރީ މުޅިން އެހެން އަބާނެކެވެ. އަބާންގެ ދެލޯވަނީ ވަޅުވަދެފައެވެ. މީގެ މަހެއްހައި ދުވަސް ކުރިން ރޫފަ ރަނގަޅު އެ ހަށިގަނޑު، މިއަދު ހީވަނީ ހިކި ހޯލިކޮޅެއް ހެންނެވެ.
"އަބާން، ކިހިނެއްވެފައި ތިހުރީ؟" ބޭއިޚުތިޔާރުގައި އަހަންނަށް އެހެން އަހައިލެވުނީ އަބާނަށް ކޮންމެ ވެސް ބޮޑުކަމެއްވެއްޖެކަމަށް އަހަރެންގެ ހިތް ބުނުމުންނެވެ.
"ހެހެހެ! ބުރޯ ހާދަ ހާސްވީ! މަށަކަށް ކަމެއް ނުވޭ!"އަބާން އެ ހެދީ ދޮގެއްކަން އޭނާ ފެނުނު ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.
ފަހަރުގައި އަބާން، އަބާނަށް ދިމާވި ކަމެއްގެ ވާހަކަ ދައްކަން ބޭނުންނުވަނީ ކަމަށް ވެސް ވެދާނެއެވެ. ނޫންނަމަ ހިއްސާކުރަން ބޭނުން ވިޔަސް އަހަންނަށް އިތުރުބާރުނުކުރެވެނީއެވެ.
އެދުވަހަށްފަހު އަހަންނަށް އެހެން ކަމެއް ފާހަގަވާން ފެށިއެވެ. ކުރިއާ ޚިލާފަށް، އަބާން އުޅެނީ އޮފީހުގެ ހުރިހާ މުވައްޒަފުންނާ ވެސް ވަރަށް ދުރުދުރުންނެވެ.
"ލާން! ހިތާމައެއް ކުރިމަތިވީމަ ގިނަ މީހުންނަށް އެހެންވާނެ! އަބަދު ވެސް އެކަނިވެރިކަމަށް ލޯބިކުރާނީ! ގިނަ ފަހަރު އެކަން ހައްލުވާނީ އެ މީހެއްގެ އިހުސާސްތައް އަހައި، އެހީތެރިވެދޭނެ މީހެއް ލިބުނީމަ." އަބާންގެ ކަންތަކާމެދު ފިކުރު ބޮޑުވެގެން ޒީލާއާ އެ ވާހަކަ ހިއްސާކުރުމުން، ޒީލާއަށް އެނގިފައިވާ ބައެއް މަޢުލޫމާތު ހިއްސާކުރިއެވެ.
އޭގެ އަނެއް ދުވަހު އަހަރެން އަބާނަށް ކޮފީއަކަށް ދަޢުވަތުދިނީމެވެ. ބަލާބެލުމަށް އަބާން އެ ދުވަހު ހުރީ ތަންކޮޅެއް ހަމަޖެހިފައެވެ.
"ބުރޯ! ކަލޭއަށް ހީވޭތަ މަށާ އިންނަން އެއްވެސް އަންހެނަކު ޤަބޫލުވާނެހެން؟" ކޮފީތަށިން އެތިފޮދެއް ބޮއިލުމަށްފަހު އަބާން އަހަންނާ ދިމާއަށް ބަލައިލިއެވެ.
"އާނ! ކީއްވެ ނުވާންވީ؟" އަހަރެން ބެލީ ވީހާ ވެސް ބޮޑަކަށް އަބާން ދެރަނުވާނެހެން ވާހަކަދެއްކޭތޯއެވެ.
"އެކަމަކު މަ ބޭނުމީ އެންމެ ކުއްޖެއް! މިހާރު އޭނަ އެއީ މީހެއްގެ ހައްޤެއް!" އަބާން ބަލަހައްޓައިގެން އިން ގޮތުން އަހަންނަށް އުނދަގޫވިއެވެ.
"އެކަމާ ދޯ ދެރަވެފަ ތި ހުންނަނީ! އެހައި އަވަހަށް ހާސްވާކަށް ނުވާނެ! ތި ބުނާ ކުއްޖާއަށްވުރެ މާ ފުރިހަމަ ކުއްޖެއް ވެސް އަބާނަށް ލިބިދާނެއްނުން!" އެ ވަގުތު ކެފޭގައި ވަރަށް ގިނަ މީހުން ތިބުމުން އަހަރެން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
"އާން، ކަލޭމެންނަށް ހުރިހާ އުފަލެއް ލިބުނީމަ ބުނާނީ ތިހެން! ވަރިހަމަ މީހެއްގެ އަނތްބަކަސް! މަ ބޭނުމީ އޭނަ! އިވިއްޖެތަ؟" ހަޅޭއްލަވައިގެންފައި އަބާން ތެދުވެގެން ދިޔައިރު އަހަންނަށް އިނދެވުނީ ހައިރާންވެފައެވެ.
މިއަދު ނޫނީ އަބާން ދުވަހަކު ވެސް އަހަރެންނާ އެ ބީދައިން ވާހަކައެއް ނުދައްކައެވެ. އަދި އެހެން މީހަކާ ވެސް އަބާން އެގޮތަށް ވާހަކަދައްކާތީ އަހަރެން ނުދެކެމެވެ.
"ވެދާނެއްނުން އަބާން ތިބުނާ ކުއްޖެއްދެކެ މާބޮޑަށް ލޯބިވާތީ، އެ ވަގުތު ރުޅިއާދެވުނީ ކަމަށް! އަޅެ، ލާން ގުޅައިލައިފަ އޭނަގެ ޙާލެއް ބަލައިލަންވީނުން! އެއިރު ރުޅި އައިސް ހުއްޓަސް މިހާރު އޭނަ ހަމައަކަށް އެޅިދާނެ ކަންނޭނގެ!" ރޭގަނޑު ކައުމުގެ ތެރެއިން މިއަދުގެ ހާދިސާ ކިޔައިދިނުމުން ޒީލާ އިރުޝާދުދިނެވެ.
"ހަލޯ!" ގުޅަންނުގުޅަން އުޅެފައި ވެސް އަހަރެން އަބާނަށް ގުޅީމެވެ.
އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭނީ އޭރުންކަމަށްވާތީއެވެ.
"ބުރޯ، މަށަށް މިއަދު ވަރަށް ރުޅި އާދެވުނުދޯ؟ ވަރަށް ބޮޑަށް ސޮރީއޭ ބުނެވެނީ! އަހަން މި ދުވަސްކޮޅު މި ހުންނަނީ ވަރަށް ކަޓާފަ! ކަލޭ ހިތަށް އެއްޗެއް ނާރުވައްޗޭ!" ފޯނުގެ އަނެއް ފަރާތުން އިވުނު އަބާންގެ އަޑުގައި މަޑު ރިހުމެއް އެކުލެވިގެންވިއެވެ.
އެދުވަހަށްފަހު އަބާނާ އަހަރެންގެ ގުޅުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުންނެވެ. އަބާނަށް ދިމާވެފައިވާ ހިތްދަތިކަމުގެ ތެރެއިން އެނާ ނެރުމަށް އަހަރެން ވަރަށް ބޭނުންވިއެވެ. އެހެނަސް އަބާންގެ ކަންބޮޑުވުމުގެ ހަޤީޤީ ސަބަބަކީ
ކޮބައި ކަމެއް އަހަންނަކަށް ބުނެއެއްނުދެއެވެ. އަބާނަކީ އަމިއްލަ ހަޔާތުގެ ވާހަކަތައް އެހެން މީހުންނާ ހިއްސާކުރާ ހިތްވާ މީހެއްނޫންކަން އެނގޭތީ ސުވާލުކުރާކަށް ނުކެރެއެވެ.
" ޒީއަށް އެނގޭތަ؟ ޒީދެކެ އަހަރެން ވަރަށް ލޯބިވޭ! އެކަމަކު ހިތާމަޔަކީ މި ލޯބި ވަޒަންކުރެވޭނެ ކައްޓާއެއް މި ދުނިޔޭގައި ނެތްކަން." އަހަރެންގެ މޭގައި ބޯއަޅައިލައިގެން އޮތް ޒީލާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން، އެ ނިތުގައި ބޮސްދިނީމެވެ.
"ޓްރީން! ޓްރީން!" އެ ވަގުތު އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ.
"ހަލޯ! ކައިލާންތަ؟" ފޯނު ކަންފަތުގައި ޖަހައިލުމާއެކު އިވުނީ އަންހެން އަޑެކެވެ.
"އާނ، މީ ކައިލާން! ތީ ކާކު؟" އަހަރެންނަށް ވިސްނައި ވިސްނައި ވެސް މިހާ ދަން ގަޑިއެއްގައި އަހަންނަށް ގުޅާނީ ކޮން އަންހެން ކުއްޖެއް ކަމެއް ނުވިސްނުނެވެ.
"ހެހެހެ! މީ މާޔާ! ކައިލާނަށް ފަހަރެއްގައި އަހަރެން ނޭނގިދާނެ! އެކަމަކު އަހަރެން ވަރަށް ރަނގަޅަށް ކައިލާން ދަންނަން!" މާޔާގެ ވާހަކައިން އަހަރެންގެ ބޮލުތެރޭގައި ޖެހުނީ އިތުރު ސުވާލުމާކެވެ.
"ކޮން މާޔާއެއް؟ އަހަރެން ދަންނަ މާޔާއެއް ނުހުންނާނެ. ކީއްކުރަން އަހަންނަށް ތި ގުޅަނީ؟" އަހަންނަށް ވާހަކަދެއްކުނީ ހިސާބަކަށް ހަރުކަށިކަމާ އެކުގައެވެ.
" އަހަރެން ބޭނުން ކައިލާންއާ ބައްދަލުކޮށްލަން! މާދަމާ ރޭ 9 ޖަހާއިރު، ބްލެކް ކެފޭއިން!" މާޔާ އެހެން ބުނެލުމަށްފަހު، އަހަރެން އިތުރު އެއްޗެއް ބުނާނެ ފުރުޞަތު ނުދީ ފޯނު ކަނޑައިލީއެވެ.
"ކޮން މާޔާއެއް؟" އަހަރެން ފޯނު ބޭއްވުމާއެކު ގާތުގައި އޮތް ޒީލާ ސުވާލުކޮށްލިއެވެ.
"ނޭނގޭ އެއްގޮތަކަށް ވެސް. ވަރަށް ނިދި އައިސްފި، ހިނގާ ދޯ ނިދަމާ!" ޒީލާގެ ކޮލުގައި ހިފައިލަމުން އަހަރެން އެހެން ބުނެލީ އެ ގޮތްނޭނގޭ މާޔާއާމެދު އިތުރަށް ވިސްނަން ބޭނުން ނުވާތީއެވެ.
"ހަނދުމަ. މިރޭ 9 ޖަހާއިރު ބްލެކް ކެފޭއަށް." ޖެހިގެން އައި ދުވަހު އަހަރެން އޮފީހުގައި އިންދާ މާޔާގެ މެސެޖެއް އައެވެ.
ގޮތްނޭނގޭ މީހުންގެ ދަޢުވަތު ޤަބޫލުކުރަން ބޭނުންނުވާކަމަށް ބުނެ ރައްދުގައި މެސެޖެއް ފޯނުވައިލުމަށް ފަހު އަނެއްކައި ވެސް ކޮމްޕިޔުޓަރުގެ ސްކްރީނަށް ނަޒަރު ހުއްޓައިލީމެވެ.
މާޔާގެ ދެވަނަ މެސެޖުގައި އޮތީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބަ އޮތްކަމަށާއި، އޭނާއަކީ ގޮތްނޭނގޭ މީހެއްކަމަށް ނުދެކުމަށެވެ. އެ މެސެޖު ކިޔުމަށްފަހު އެއަށް ރައްދެއް ނުދިނީ ނުދަންނަ އަންހެނަކާ އެ ގޮތަށް ވާހަކަދައްކަން ބޭނުންނުވާތީއެވެ.
"ޒީ އަބަދު ވެސް ލާންއަށް އިތުބާރުކުރަން! ޒީއަށް އެނގޭ، ލާން ޒީއަށް ދެރައެއް ނުދޭނެކަން! ލާން މިރޭ މާޔާއާ ބައްދަލުކުރަން ދިޔަޔަސް ޒީއަށް އެއްވެސް މައްސަލައެއް ނެތް!" ގެއަށް ގޮސް ޒީލާ ގާތު މާޔާގެ ދަޢުވަތުގެ ވާހަކަދައްކަމުން ޒީލާ ދިން ޖަވާބުން ޒީލާގެ ހިތުގައި އަހަންނަށް ޓަކައިވާ ލޯބީގެ ފުންކަން ހާމަވެގެންދިޔައެވެ.
އެރޭ 9 ޖެހިއިރު އަހަރެން ހުރީ ބްލެކް ކެފޭ ދޮރުމަތީގައެވެ. ނުދާން އުޅެއުޅެފައި ވެސް އަހަރެން އެތަނަށް ދިޔައީ ޒީލާ ކުރުނުކޮށް ކިޔަން ފެށުމުންނެވެ. މާޔާ ދައްކަން އެއުޅޭ ވާހަކައަކީ ވަރަށް މުހިންމު ވާހަކައަކަށް ވެސް ވެދާނެތީ ކޮންމެހެން ވެސް އަހަރެން ފޮނުވަން ބޭނުންވީއެވެ.
"ހައި ކައިލާން!" ފޫހިކަމާ އެކު ފޯނާ ކުޅެން ހުއްޓާ ހިމަހިމަ އަންހެން އަޑެއް ކަންފަތުގައި ޖެހުނެވެ.
ކާކުތޯ ބަލައިލަން އިސްއުފުލައިލާފައިމެ، ދެވަނަ ސިކުންތުގައި އިސްއޮބައިލައިފީމެވެ. ކުރިމަތީ ހުރި އަންހެން ކުއްޖާ ހެދުން އަޅައިފައި ހުރިގޮތުން ފިރިހެނަކު އޭނާއާ ދިމާއަށް ބަލައިލުން ވެސް ހުއްދަނުވާނެއެވެ.
"ތީތަ މާޔާއަކީ؟ ތި ދައްކަން އުޅޭ ވާހަކައެއް އަވަހަށް ދައްކަންވީނު!" ކެފޭތެރެއިން ގޮނޑިއެއްގައި ހަމަޖެހިލެވުމާއެކު، ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ އަހަރެން ބުނީމެވެ.
"ހޫމް! މީ މާޔާ! އިސްޖަހައިގެން ތީނީ އަހަރެން ހުތުރުކަމުންތަ؟ " ތުއިވެލައިފައި މާޔާ ވާހަކަ ދެއްކި ގޮތުން އަހަރެންގެ ގާތަށް ކުޑަކޮށް ރުޅިއައެވެ.
އަހަރެން އިސްޖަހައިގެން އިނީ މާޔާ ހެދުން އަޅައިފައި ހުރިލެއް "ރީތި" ކަމުންކަން މާޔާއަށް ނޭނގެނީހެއްޔެވެ؟ މާޔާއެކު މިވީ ދެ މިނެޓު ތެރޭގައި މާޔާ ޖަހައިފައި ހުރި ސެންޓުގެ ވަހުން އަހަރެންގެ ބޮލަށް އެނބުރުން ވެސް އަރައިފިއެވެ.
"ކޮން އެއްޗެއް ގެންނަންވީ؟" އަހަރެން އެއްޗެކޭ ނުބުނުމުން އަނެއްކާ ވެސް ވާހަކަދެއްކީ މާޔާއެވެ.
"އެއްޗެއް ގެންނާނެކަމެއް ނެތް! އަހަރެން ބޭނުން ވަރަށް އަވަހަށް ދާން!" ހަމަ ހަޤީޤަތުގައި ވެސް އަހަރެން އިނީ އާދެވުނު މޮޔަ ހިތަށް އަރައިފައެވެ.
"ކައިލާން! އަހަރެން ބޭނުން ކައިލާންއާ މެރީކުރަން!" ތުއިވެލަމުން މާޔާ ބުނެލި ވާހަކައިން ހީވީ އަހަރެންގެ މޫނުމަތީގައި އެތިފަހަރެއް ވިހެލިހެންނެވެ.
" އޭން، ކީކޭ؟ އަހަރެން މީ މީހެއްގެ ފިރިއެއް." ލިބުނު ސިހުމާ އެކު އަހަންނަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.
"އަހަންނަށް ތިކަން އެނގޭ. އެކަމަކު އަހަރެން ކައިލާން ބޭނުން. ކައިލާން ބޭނުމިއްޔާ ޒީލާ ވަރި ވެސް ކުރެވިދާނުން!" މާޔަގެ ހިތް އޮތީ އަރައި އާސްމާނުގައެވެ.
" ތިކަހަލަ އަންހެނަކާ ވައިއެޅެން ވެސް އަހަރެން ބޭނުމެއް ނޫން! މިއަދަށް ފަހު ކަލޭ އަހަންނާ ބައްދަލުކުރަން ހިތަށް ވެސް ނާރުވާތި! ކަލޭއަށް ދުވަހަކު ވެސް އަހަރެންގެ ހަޔާތުން ޖާގައެއް ނުލިބޭނެ! އިވިއްޖެތަ؟ " އައި ރުޅީގައި މާޔާއާ ދިމާއަށް ކިޔުނު އެއްޗެއް ވެސް އަހަންނަކަށް ނޭނގެއެވެ.
" އެކަމާ މާ ބޮޑަށް ނުވިސްނައްޗޭ!" މާޔާގެ ކަންތަކާ އަހަރެން ރުޅިއައިސް އިނުމުން ޒީލާ އަހަރެން ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.
" ހޭ، ބުރޯ ! ހިނގާ ކޮފީއަކަށް. " ޑިއުޓީ ނިންމައިފައި ގެއަށް ދާން ނިކުތް ވަގުތު ، ބޭރުގައި ސިނގިރޭޓުބޯން ހުރި އަބާން ބުންޏެވެ.
ކެފޭއަށް ވަދެ އަބާނާ ވާހަކަދައްކަން އިންދައި ވޭޓަރު ދެ ޖޯޑު ކަޅު ކޮފީ ގެނެސްދިނެވެ. އެ ވަގުތު ވީ އަހަރެންގެ ފޯނު ރިންގުވާން ފެށި ވަގުތަށެވެ. ގުޅަނީ ޒީލާކަން އެނގުމުން، އަބާނަށް އިޝާރާތެއް ކޮށްލުމަށް ފަހު ކެފޭއިން ނިކުމެ ކަންފަތުގައި ފޯނު ޖަހައިލީމެވެ.
" ލާން، ކޮންއިރަކުން ގެއަށް އަންނާނީ؟" ޒީލާގެ ލޯބި އަޑުން އަހަރެންގެ ހިތައް ފިނިކަންލިބިގެންދިޔައެވެ.
" ފަނަރަ ވަރަކަށް މިނެޓު ވެދާނެ. މިއުޅެނީ އަބާނާއެކު ކޮފީއަކަށް އައިސްގެން." ޒީލާގެ ސުވާލަށް ޖަވާބުދިން އިރު އަހަންނަށް ހުރެވުނީ ހިނިތުންވެފައެވެ.
" އަވަހަށް އަންނަށްޗޭ . ގެއަށް އައީމަ އޮންނާނެ ވަރަށް ބޮޑު ސަޕުރައިޒެއް!" އެހެން ބުނެލުމަށް ފަހު ޒީލާ ފޯނު ކަނޑައިލިއެވެ.
ކޭފޭތެރެއަށް ވަދެގެންދިޔައިރު ވެސް އަހަންނަށް ވިސްނުނީ ޒީލާ އެބުނި ބޮޑު ސަޕުރައިޒަކާމެދުގައެވެ.
ކޮފީ ބޮއެ ނިމިގެން ނިކުމެ، ސައިކަލަށް އެރިއިރު ބޮލަށް ފާޑެއްގެ އުނދަގޫތަކެއްވަމުން ދިޔައެވެ. އެހެންނަމަވެސް، އެކަމަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ސައިކަލު ސުޓާޓުކޮށްލުމަށް ފަހު ދުއްވާލީމެވެ.
ގޭދޮށުގައި ސައިކަލު ޕާކުކޮއްލެވުނުއިރު މީހާ ދަހިއްލާފޯވެއްޖެއެވެ. ބޮލަށް ވަމުންދިޔަ އުނދަގޫ އިތުރުވެ، ފެންނަމުންދިޔަ މަންޒަރު އެކުވާން ފަށައިފިއެވެ. ސައިކަލުން ފޭބުނުކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގެއެވެ.
ހަމަހޭވެރިކަންވީއިރު އިނދެވުނީ ކޮޓަރީގެ މުށިގަނޑު މަތީގައެވެ. މޫނުގައި ހުރި ދާތައް ފުހެލި ވަގުތު އެއްޗެއް ހޭކުނު ހެން ހީވިއެވެ. އަތަށް ބަލައިލި އިރު މުޅި އަތުގައި ހުރީ ހުސް ލެއެވެ. ތެޅިގެންފައި ކޮޓަރި ތެރެއަށް ނަޒަރު ހިނަގައިލެވުނެވެ.
އަހަންނާ ދެ ފޫޓެއް ހައި ދުރުގައި ލެއިން ތަތްތެޅިފައި އޮތް ޒީލާގެ ފުރާނަނެތް މަސްގަނޑު ފެނުމާއެކު ހީވީ މެއަށް ތޫނު ހަންޖަރެއް ހަރައިލިހެންނެވެ. ރޮމުން ގިސްލަމުން ގޮސް އެ ހަށިގަނޑުގައި އޮޅުލައި ގަނެވެވުނެވެ.
ހަށިގަނޑުގެ ތިރީސް ތަނަކަށް ވަޅިޖަހައި މަރައިލެވުނު ޒީލާގެ އަނިޔާވެރި މަރާ ގުޅޭ ގޮތުން ފުލުހުން ކުރަމުން ދިޔަ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. އަނގައިންބުނަން ނޭނގި ގަނޑުވެފައި އިން އިރު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަހަރެންގެ ގަމީހުގެ ގިރުވާން ފޯކުރަމުން ދިޔައެވެ.
ފުލުހުންގެ އެދުމުގެ މަތިން ކަން ވީގޮތް ހަނދާނަށް ގެނެވޭތޯ ނެތް ހިތްވަރުލައިފައި ސިކުނޑިއަށް ބާރުލީމެވެ. އެއާއެކެ ފަނޑު ގޮތަކަށް ލޯމަށްޗަށް މަންޒަރުތައް ސިފަވާން ފެށިއެވެ.
ގެއަށް ވަނުމާއެކު އަހަރެން ގެ ގައިގައި ޒީލާ ވަރަށް ލޯބިން ބައްދައިލިއެވެ.
" އަހަރެން ބަނޑު ބޮޑު! " އަހަރެންގެ ކަންފަތް ދޮށުގައި ވައި އަޑުން އެހެން ބުނެލުމަށް ފަހު ޒީލާ ދުވެލައިފައި ގޮސް ކޮޓަރިއަށް ވަނެވެ.
އެވަގުތު އަހަރެން ގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޒީލާގެ ބަނޑުގައި އޮތީ އަހަރެން ގެ ދަރިއެއް ނޫނޭ ހިތް ބުނީ ކީއްވެކަމެއް ވެސް ނޭނގެއެވެ.
ކޮޓަރިއަށް ވަތް ވަގުތު ' ސައިޑު ޓޭބަލް ' މަތީގައި އޮތް މޭވާ ކޮށާ ވަޅި ލޮލުގައި އަޅައިގަތެވެ. ލިބުނު ސިހުމާއި ވޭނުގެ ސަބަބުން ޒީލާ ހަޅޭއްލަވައިގަތެވެ. ޒީލާގެ ކަރުނަތައް ވީ އަހަންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ.
" ނޫން! ނޫން! " ލޯމައްޗަށް ސިފަވަމުން ދިޔަ މަންޒަރުގެ ސަބަބުން އަހަންނަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ.
" އާން! އަހަރެން އެ ކޮފީ ތައްޓަށް މަސްތުވާތަކެތި އެޅީ! އަހަރެން ބޭނުންވީ ކައިލާންގެ ދިރިއުޅުން ހަލާކުކޮށްލަން! " އަހަރެން ފުލުހުންނަށް ދިން ބަޔާނާ ގުޅިގެން، ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވުނު އަބާން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުންދިޔަ އިރު އަހަރެންގެ ލޭ ކެކެމުން ދިޔައެވެ.
އަބާން ގުޅެން ބޭނުންވި ހަމައެކަނި އިންސާނަކީ ޒީލާއެވެ. ޒީލާ އާއި އަހަރެންގެ ކައިވެނި ވެގެން ދިޔައީ އަބާންގެ ހިތުގައި ރޯވި ނަފުރަތުގެ އަލިފާނުގެ ފެށުމަށެވެ. އެއަށްފަހު، ވަޒީފާގެ މައިދާނުގައި އަހަންނަށް ލިބުނު ކާމިޔާބީއާއި އަހަރެންގެ އުފާވެރި ދިރިއުޅުން ވެގެން ދިޔައީ އަބާންގެ ހިތުގައި ރޯވަމުންދިޔަ އަލިފާންގަނޑުގެ ހުޅުފަޅައިގެން ދިޔުމުގެ އަސްލަށެވެ. މާޔާގެ ކުޅިގަނޑަކީ ވެސް އަބާންގެ ފަނުފުލުންލީ ރޭވުމެކެވެ.
އެ ދުވަހު އަހަރެން ތުހުމަތުން ބަރީއަވިޔަސް އަހަރެންގެ އަމިއްލަ ނަފުސަށް ދުވަހަކު ވެސް މާފެއްނުކުރެވޭނެއެވެ. ކެހިވެރިއެއްގެ މަޅީގައި ޖެހި، އަހަރެންގެ ލޯބިވާ އަންހެނުނާއި ލިބެން އުޅުނު ދަރިފުޅު މަރައިލެވުނީ އަހަރެންގެ މި ދެ އަތުންނޭ ހިތަށްއަރާ ކޮންމެ ފަހަރަކު އަމިއްލަ ނަފުސުދެކެ ރުޅި އާދެވެއެވެ. 25 އަހަރުގެ ޖަލު ހުކުމަކާ އަހަންނަށް އަބާން ދިން އަނިޔާއާ އަޅާ ވެސް ނުކިޔޭނެއެވެ.
މިއަދު މި ދޮންވެލިގަނޑު މަތީގައި އިންނަ އިރު ވެސް އަހަންނަށް ސިފަވަނީ ޒީލާގެ ފުރާނަ ނެތް މަސްގަނޑެވެ. ލެއިން ތަތް ތެޅިފައިވާ އެ ހިމަތޮޅި ހަށިގަނޑެވެ. މި ދޮންވެލި ތުނޑި މަތިން ފެށުނު އެ އުފާވެރި ހަޔާތުގެ ނިމުންއައި ގޮތެވެ. މިއަދު އަހަރެންނަށް އެއްވެސް އުފަލެއްނެތެވެ. އެ ހިތާމަވެރި ހަނދާންތައް އަހަރެންގެ ހިތުން ފިލުވައިލާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން ނިމިދާނީ ވެސް ޒީލާގެ ހަނދާނުގައެވެ.
- ނިމުނީ -