ރިސޯރޓެއް ހެދުމަށް ޅ.މާބިންހުރާ ކުއްޔަށް ދިނުމަށްފަހު ލިބުނު 5 މިލިޔަން ޑޮލަރަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބްގެ މައްޗަށް އުފުއްލަވާފައިވާ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ސިއްރު ހެކިންގެ ގޮތުގައި ނުވަމީހަކު ހުށައަޅުއްވައިފިއެވެ.
މިމައްސަލާގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތާއި އަދީބާ ގާތްގުޅުމެއް އޮންނަ މ.ޝުރާމަންޒިލް ޙާމިދު އިސްމާޢީލްގެ މައްޗަށްވެސް ދައުލަތުން ވަނީ ޚިޔާނާތުގެ ދަޢުވާ އުފުއްލަވާފައެވެ. މި ދަޢުވާއަށް މި 3 ބޭފުޅުންވެސް ވަނީ އިންކާރުކުރައްވާފައެވެ.
މި މައްސަލަ ސާބިތުކުރެއްވުމަށް ދައުލަތުން ސިއްރު ހެކީގެ ގޮތުގައި ނުވަ މީހެއްގެ އިތުރުން ބޭންކް ސްޓޭޓްމަންޓްތަކެއްވެސް ހުށައަޅުއްވާފައިވެއެވެ. މި މައްސަލައިގެ ދަޢުވާއަށް ޖާވާބުދާރީވެވަޑައިގަންނަވަމުން ޒިޔާތު ވަނީ ޅ. މާބިންހުރާ ކުއްޔަށް ދިނުމަށްފަހު ލިބުނު ފަސްމިލިއަން ޑޮލަރުގެ ޗެކާ އޭނާ ޙަވާލުވެޑައިގެންނެވިކަމަށް އިޢުތިރާފްވެވަޑައިގެންފައެވެ. އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބު އަންގަވާފައި އޮންނަ ގޮތަށް އެ ފައިސާ ޙަވާލްކުރައްވާފައިވާނޭކަމަށް ޒިޔާތު ކޯޓްގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ މިއަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ފުރަތަމަ އޮންނާނީ ދައުލަތުން ހުށައެޅުއްވި ހެކިން ހުށައެޅި ސަބަބު ޝަރީޢަތަށް އިއްވެވުންކަމަށެވެ. އަދި އެއަށްފަހު ހެކިންގެ ހެކިބަސް ނެންގެވުން އޮންނާނެކަމަށްވެސް ޤާޒީ ވިދާޅުވިއެވެ. ހެކި ހުށައަޅާ ސަބަބު އިއްވުމަށްފަހު ހަމަ އެ އަޑުއެހުމުގައި ހެކި ބަސް ނަންގަވާނަމަ ހެކިންނާ ސުވާލުކުރުމަށް އެކަށީގެންވާވަރަށް ތައްޔާރުވުމުގެ ފުރުޞަތު ލިބިގެން ނުދާނެކަމަށް ވިދާޅުވެ، އެކަމާ ޙާމިދު އިސްމާޢީލް ގާނޫނީ ވަކީލް ޙުސްނުން ސުޢޫދު މިއަދުގެ އަޑުއެހުމުގައި ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.