ޚަބަރު

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވީ މެއި މަހު


  • 2023 މެއި މަހު 34.2 ޑިގްރީ ސެލްސިއަސް

  • އެންމެ ބޮޑަށް ގިނައިން ވާރޭ ވެހުނީ ޑިސެމްބަރު 31ވަނަ ދުވަހު

  • އެންމެ ވައިގަދަވީ ޖުލައި މަހު، 55 މޭލުގެ ބާރުމިނުގައި

ނިމިދިޔަ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ހޫނުވީ މެއި މަހުގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.

މެޓް އޮފީހުގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެންމެ ހޫނުގަދަވީ މެއިމަހުގެ 26 ވަނަ ދުވަހުކަން ވަނީ ރިކޯޑް ކުރެވިފައެވެ. އެގޮތުން އެ ދުވަހު ހޫނުމިން ހުރީ 34.6 ޑިގްރީ ސެލްސިއަސްގައިކަމަށް ތަފާސްހިސާބުން ދައްކައެވެ.

ދެން އެންމެ ހޫނުވީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫއަށް ކަމަށް ވެސް މެޓްއިން ބުނެއެވެ. އެ ދުވަހު 34.2 ޑިގްރީ ސެލްސިއަސް ރިކޯޑްކުރެވިފައިވެއެވެ.

އެންމެ ވައިގަދަކަމަށް ރިކޯޑްކުރެވިފައި ވަނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ހުޅުލެއަށެވެ. އެ ދުވަހު ހުޅަނގުން 55 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށް ރިކޯޑް ކުރެވިފައިވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ދެވަނައަށް އެންމެ ވައިގަދަވީ މެއި މަހުގެ ފަސް ވަނަ ދުވަހު އައްޑޫ ސިޓީ ގަމަށެވެ. އެ ދުވަހު ހުޅަނގު އުތުރުން 54 މޭލުގެ ބާރުމިނުގައި ވައިޖެހުނެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ އަހަރު އެންމެ ބޮޑަށް ވާރޭ ވެހުނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުޅުލެއަށެވެ. އެ ދުވަހު 179.7 މިލިމީޓަރަށް ވާރޭ ވެހުނުކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީ ގަމަށެވެ. އެ ދުވަހު 154.8 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާގެ 2023 ވަނަ އަހަރުގެ ރެކޯޑް ތަކުން ދައްކައެވެ.

މި އަހަރުގެ މި ހިނގާ މާޗް އަދި އަންނަ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ. ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ ހޫނުމިން އިޙްސާސްކުރެވޭ މިންވަރު އުޅެނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައެވެ.

ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދެއްވާފައެވެ. އެގޮތުން، އެންމެ ހޫނުގަދަވާ ވަގުތުގައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ނަމަ ކުޑަ ބޭނުންކުރުމާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނައިން ފެން ބުއިމާއި، އަވީގައި އުޅޭ ވަގުތު "ސަންލޯޝަން" ބޭނުންކުރުމުގެ އިތުރުން އަވި އައިނު އެޅުމަކީ މުހިންމުކަމެކެވެ.