ޚަބަރު

ސަޤާފީ ކުޅިވަރުތަކާއެކު މިފަހަރު ކުޑަޢީދު މާލޭގައި ފާހަގަކުރަނީ


  • މާލޭގެ އެކި ސަރަޙައްދުގައި މަޑުކޮށްގެން ސަޤާފީ ކުޅިވަރުތައް ކުޅޭނެ

  • ވީހާވެސް ގިނަ މީހުންނަށް ކުޅިވަރުތައް ދައްކާލުމަކީ އަމާޒެއް

ސަޤާފީ ކުޅިވަރުތަކާއެކު މިފަހަރު ކުޑަޢީދު މާލޭގައި ފާހަގަކުރުމަށް ބިދަބިން ބޮޑުބެރު ގްރޫޕުން ނިންމައިފިއެވެ.

ކުޑަޢީދުގެ މިހަރަކާތްތައް ކުރިއަށްދާނީ "ސިޓީ ކަންމަތި ޢީދު އުފާ"ގެ ނަމުގައެވެ. މިއީ ބިދަބިންގްއާއި ސިޓީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ގުޅިގެން ކުރިއަށްގެންދާ ސަޤާފީ ހަރަކާތްތަކެކެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސިޓީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މެންބަރު ފަހުދު ފާއިޒް ބުނީ މިއީ އަބަދުވެސް އެޖަމްޢިއްޔާއިން ކުރަމުން އަންނަ ކަމެއްކަމަށާ، އެހެންނަމަވެސް މިފަހަރު ތަފާތުވަނީ މުޅި މާލޭގައި ސަޤާފީ ހަރަކާތްތައް ކުރިއަށްގެންދާތީކަމަށެވެ.

މީގެ އިތުރުން ދިވެހިންގެ މުއްސަނދި ތާރީޚާއި ސަޤާފަތް މި ފަހަރު ކުޑަޢީދުގައި ބާއްވާ ހަރަކާތުން ފެނިގެންދާނެކަމަށްވެސް އެ ގްރޫޕުން ބުނެއެވެ.

"ވަރަށް ތަފާތު ކުޅިވަރުތައް އޮންނާނެ. ސަޤާފީ ކުޅިވަރުތައް ބޮޑަށް ކުރިއަށްދާނީ.. ވީހާވެސް ގިނަ ރައްޔިތުންނަށް މި ހަރާތްތަތައް ދައްކާލުމަކީ އެންމެ ބޮޑު ބޭނުން. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި މަޑުކޮށްގެން ސަޤާފީ ކުޅިވަރުތައް ކުޅޭނަން" ފަހުދު ބުންޏެވެ.

މި ހަރަކާތް ކުރިއަށްދާނީ ސަބުދެލި މަގާއި އިއްޒުއްދީންމަގު ސަރަޙައްދުގެ ޒުވާނުންތަކެއްގެ މެދުގައި މަޝްވަރާކުރެވިގެން އުފައްދާފައިވާ ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ރާއްޖޭގައި ސަޤާފީ ކުޅިވަރުކުޅޭ ބޮޑުބެރު ގްރޫޕް ބިދަބިންގް ބޮޑުބެރު ގްރޫޕާއި ގުޅިގެންގެނެވެ.

ކުޑަޢީދު ދިވެހި ސަޤާފީ ހަރަކާތްތަކާއެކު މާލޭގައި ބާއްވާއިރު މިކަމަށް ސަރުކާރުން އަދި ސިޓީ ކައުންސިލާ ފުލުހުންގެ އެހީތެރިކަން ބޭނުންވާނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. އަދި މިހާރުވެސް ސިޓީ ކައުންސިލުން މިކަމަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.