ޒަމާނާ ގުޅޭގޮތަށް ބަދަލުތައް ގެނައުމަށްފަހު ބިމާ ބެހޭ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުއެވެ. ބިލާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ވަނީ ބަހުސް ފަށާފައެވެ.
މި ބިލަކީ ރާއްޖޭގެ ބިމުގެ ބާވަތްތައް ކަނޑައަޅައި، އެކި ބޭނުންތަކަށް ބިން އެކަށައެޅުމާބެހޭ އުސޫލުތަކާއި ވުޒާރާތަކާ ބަންޑާރަ ބިން ހަވާލުކުރުމުގެ އުސޫލުތައް އަދި އެކި ފަރާތްތަކަށް ބަންޑާރަ ބިން ދޫކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގައިވާގޮތުން ބިމާބެހޭ ޤައުމީ އަދި އާންމު ސިޔާސަތުތައް ކަނޑައަޅުއްވާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
މި ބިލުގެ ދަށުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ރަޖިސްޓްރަރ އޮފް ލޭންޑުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފައްދައި، ސަރވެޔަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނެއެވެ.
ރާއްޖޭގެ ބިންތައް ބެހޭނީ ބަންޑާރަ ބިމާއި ފްރީހޯލްޑް ބިމުގެ އިތުރުން ލީޒްހޯލްޑް ބިމުގެ ގޮތުގައި ކަމަށް މި ބިލުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ބިންތައް ދޫކުރެވޭނީ ދިރިއުޅުމަށާއި އިގްތިސާދީ ބޭނުމަށާއި ސިނާއީ ބޭނުމަށާއި އިޖުތިމާއީ ބޭނުމަށާއި ތިމާވެށި ރައްކާތެރިކުރުމުގެ ބޭނުމުގެ އިތުރުން ދައުލަތުގެ ބޭނުމަށް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
ބިލު ހުށަހަޅުއްވައި މުސާ ސިރާޖު ވިދާޅުވީ މިހާރު އަމަލުކުރަމުންދަނީ 2002 ވަނަ އަހަރުގެ ޤާނޫނަކަށް ކަމަށެވެ. އެބިލަށް އެއިރެއްގައި ދިމާވާ ކަންކަމާ ގުޅިގެން އިސްލާހުތައް ގެނައި ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ މި ބިލުގައި ޒަމާނާ ގުޅޭ ބަދަލުތައް ގެނެސްފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބިލުގައި ސަރުކާރުން ވަނީ ބިމާގުޅޭ ޙައްގުތަކާއި ބަންޑާރަ ބިން ދޫކުރުމާއި ބިން ކުއްޔަށް ދޫކުރުމާއި ބިން ވިއްކުމާއި ބިން ރަހުނު ކުރުމާއި ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާއި ބިމުގެ މިލްކުވެރިކަމާއި ބިމާ ގުޅޭ ޙައްގުތައް ބަދަލުކުރުމާއި ގުޅޭގޮތުން އަމަލުކުރަން ޖެހޭ މާއްދާތައް ހިމަނުއްވާފައެވެ. އަދި ބިން ވަކި ކުރުމާއި ދައުލަތަށް ނެގުމާއި ރީ-ރަޖިސްޓްރީ ކުރުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.
އަދި މިބިލުން ބިމާބެހޭ ސާވޭ ކުރުމާއި އަގުކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނެ ކަމަށް ވެސް ބިލު ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވިއެވެ. ކުރިން ޤާނޫނުގެ ތެރެއިން އެފަދަ އުސޫލެއް ނެތުމުން ބިމުގެ އަގު އެކި ގޮތްގޮތަށް ކުރަމުން އައުން ފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިރާޖުވަނީ މި ބިލުގެ މުހިންމުކަން ފާހަގަކުރައްވައި ބިލު ފާސްކުރެއްވުމަށް މެންބަރުންނަށް ގޮވާލައްވާފައެވެ. ނަމަވެސް ބަހުސްގެ ތެރެއިން ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ އެ ބިލު ބޭރުކުރަން ޖެހޭ ކަމަށް ވިދާޅުވެ ބަހުސްކުރައްވާފައެވެ.