ދުނިޔެ

ތުރުކީވިލާތުގައި ދިން ބޮމުގެ ހަމަލާއެއްގައި މީހަކު މަރުވެއްޖެ


ތުރުކީވިލާތުގެ ހުޅަނގު އުތުރުގެ ރަށެއްކަމަށްވާ ބުރްސާގައި އަންހެނަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ޙަމަލާގައި އެކަކު މަރުވެ، 8 މީހުން ޒަޙަމްވެއްޖެއެވެ. 

ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަދު ދާވުތުލޫ ވިދާޅުވީ ބޮމުގެ އެ ޙަމަލާއާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާ ނަމަވެސް އެހަމަލާގައި ލިބުނު ގެއްލުންތައް ކުޑަކަމުން އުފާކުރައްވާކަމަށެވެ. އެހަމަލާގެ ގެއްލުންތައް ކުޑަކުރެވުނީ ޖާސޫސީ މައުލޫމާތުގެ އެހީގައި ތުރުކީވިލާތުގެ އަމަނާބެހޭ ފަރާތްތަކުން އެޅި ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުންކަމަށް އަހްމަދު ދާވުތުލޫ  ސިފަކުރެއްވިއެވެ. 

ތުރުކީވިލާތުގެ ކަންކޮޅުތަކުގައި ބޮންގޮއްވުމާއި ޓެރަރިސްޓް ހަމަލާތައް ދިނުން މިހާރު އާންމު ވެފައިވާއިރު މިކަން ހުއްޓުވުމުގައި އެގައުމުގެ އަމަނާބެހޭ އިދާރާތައް ނާކާމިޔާބު ވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. 

މިއަހަރު ފެށުނު ފަހުން ތުރުކީވިލާތުގެ އެކި ކަންކޮޅުތަކުގައި ހިންގި ބޮންގޮއްވުމުގެ ހަމަލާތަކުގެ އަދަދު އަށަކަށް އަރާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.