މޮނިކޮން އަމުރު ނެރެފައިވާ މީހަކު އަމުރާ ޚިލާފުވުމުން ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހައިކޯޓުން ނެރެފައިވާ މޮނިކޮން އަމުރާއި ޙިލާފްވެގެން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ނެރުނީ ގ. ޝާރާޒް، މުޙައްމަދު މަފާޒް ޙުސައިން ސަލީމް (18އ) މައްޗަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ހާމައެއްނުކުރައްވައެވެ. މިއީ މޮނިކޮން އަމުރާ ޚިލާފްވެގެން ޖަލަށްލުމަށް ކޯޓުން އަމުރުކުރި ފުރަތަމަ ފަހަރެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޮނިކޮން އަމުރު ނެރުމަށް ހޯމް މިނިސްޓަރ ނިންމަވައި ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރެފައިވާ މީހުންނަކީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ ބައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ މޮނިކޮން އަމުރުގައިވާ މީހުން މޮނީޓަރކުރުމުގެ ގޮތުން ކަނޑައެޅޭ ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމާއި، މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި، ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަރ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަރކޮށް ކޮންޓްރޯލްކުރުމަށް އަމުރުކުރައްވާފައިވެއެވެ.
img:http://s3.psmnews.mv/images/660x400/14618238469743.jpg|ދިވެހިރާއްޖޭގެ ހައިކޯޓު / ފޮޓޯ: ޕީއެސްއެމް ނިއުސް ފައިލް
ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މޮނިކޮން އަމުރުގެ ދަށުން ފިޔަވަޅު އަޅާފައިވާ މީހަކު އެ އަމުރުގެ އެއްވެސް ފިޔަވަޅަކާއި ޚިލާފުވުމަކީ ޖިނާޢީ ކުށެކެވެ. އަދި މި ކުށެއްގެ އަދަބެއްގެ ގޮތުން ގިނަވެގެން 18 މަސްދުވަހަށް ގޭބަންދުކުރުން ނުވަތަ ޖަލަށް ލެވިދާނެއެވެ. އަދި އެ އަމުރާ ޚިލާފު މީހެއްގެ މައްސަލަ ތަޙްޤީޤުކޮށް ޝަރީޢަތުން ގޮތެއް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ފެނިގެން އެކަމަށް ލިޔުމަކުން ކޯޓުގައި އެދިއްޖެނަމަ ޝަރީޢަތް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރޭނެއެވެ.
މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެއެވެ.
މިހާތަނަށް 11 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ހައިކޯޓުން ނެރުއްވާފައިވެއެވެ.