ދުނިޔެ

ޑޮނަލްޑް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތު ހާމަކުރައްވައިފި


ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓްކަން ހޯދުމަށް މަސައްކަތްކުރައްވާ ހަރުކަށި ލީޑަރު ޑޮނަލްޑް ޓްރަމްޕް، އޭނާގެ ޚާރިޖީ ސިޔާސަތު ހާމަކުރައްވައިފިއެވެ. އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންފިނަމަ ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތު ބަޔާންކުރައްވައި ދެއްވި ޚިތާބެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ޗައިނާއާއި ރަޝިޔާއާއެކު ބަދަހި ގުޅުންތަކެއް ގާއިމްކުރައްވާނެ ކަމަށެވެ. 

ޓްރަމްޕްގެ ޚިތާބުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ އޮބާމާގެ ވެރިކަމުގައި އެމެރިކާ ވަރަށް ބޮޑަށް ބަލިކަށިވެ ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ގަދަރާއި އިޙްތިރާމް މުޅިން ގެއްލި އައިއެސް ޖަމާއަތް ބަލިނުކުރެވި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާ ވަރަށްބޮޑަށް ނާކާމިޔާބު ވެފައިވާކަމަށެވެ. އަދި އެމެރިކާގެ ބަލިކަށިކަމުގެ ފައިދާ ޗައިނާ އިގްތިސާދީގޮތުން ވަރަށްބޮޑަށް ނަގާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އޮބާމާ ގެންގުޅުއްވާ ސިޔާސަތަށް ފާޑުކިޔުއްވަމުން ޓްރަމްޕް ވިދާޅުވީ ޓެރަރިސްޓުންނަކީ ކޮންބައެއްކަމާ އަދި އެމެރިކާގެ ދުޝްމަނުންނަކީވެސް ކޮންބައެއްކަންވެސް އޮބާމާ ކަނޑައަޅުއްވާފައިނުވާ ކަމަށެވެ. ދުޝްމަނުންނަކީ ކޮންބައެއްކަން ކަނޑަނާޅާހާ ހިނދަކު އެމީހުންނާ ހަނގުރާމަ ކުރެވޭނެގޮތެއް ނޯންނާނެ ކަމަށާ އަދި މައްސަލަވެސް ހައްލުނުކުރެވޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަހަރެމެން މިދަނީ ހަރުކަށި ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން، ނަމަވެސް ދުޝްމަނުންނަކީ ކޮންބައެއްކަމެއް ނޭނގޭ، އަދި އެމީހުންގެ ނަމެއް ރައީސް އޮބާމާ ހާމައެއް ނުކުރައްވާ، ދުޝްމަނުންނަކީ ކާކުކަން ނޫނީ ކޮންބައެއްކަން ނޭންގޭހާ ހިނދަކު މައްސަލައެއް ޙައްލެއް ނުކުރެވޭނެ އަދި ކުރެވޭނެ ގޮތެއްވެސް ނޯންނާނެ." ޓްރަޕްގެ ޙާރިޖީ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14618266868473.jpg|ޑޮނާލްޑް ޓްރަމްޕް / ފޮޓޯ: ޒިންހުއާ

ޓްރަމަޕް ވިދާޅުވީ އޭޝިޔާއާއި ވިލާތުގެ ބައްރުގައިވާ އެމެރިކާގެ ބައިވެރިންގެ ދިފާއަށް ޓަކައި ޒަމާނުއްސުރެ އެމެރިކާގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރަމުން ގެންދާކަމަށާ މިއީ ވަރަށްބޮޑު ގޯހެއްކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެމެރިކާގެ ބައިވެރިންގެ ދިފާއީ ޚަރަދުތަކުގެ ބޮޑުބައި އެގައުމުތަކުން އަދާކުރަންޖެހޭގޮތަށް އެމެރިކާގެ ސިޔާސަތު ބަދަލުކުރައްވާނެ ކަމަށާ މިކަމުގެ ސަބަބުން އެމެރިކާގެ ބަޖެޓަށް ބޮޑު ލުއިކަމެއް އަންނާނެ ކަމަށް ޓްރަމަޕް ވިދާޅުވިއެވެ. 

ޓްރަމްޕް ހާމަކުރެއްވި ޚާރިޖީ ސިޔާސަތުގައި ފުށުއަރާ އަދި ދެކޮޅު ނުޖެހޭ އެތަށް ކަމެއް ހުރިކަން މުރާސިލުން ފާހަގަކުރެއެވެ. މިގޮތުން އެމެރިކާގެ ރިބަޕްލިކަން ޕާޓީގެ ވެރިކަމުގައާއި އަދި ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައިވެސް ބޭރުގެ ހަނގުރާމަތަކުގައި އެމެރިކާ ބައިވެރިކޮށްފައިވާތީ އެކަމަށް ޓްރަމްޕް ފާޑުވިދާޅުވެފައިވާއިރު އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްތައް ބަލިކުރުމަށްޓަކައި އޭނާގެ ވެރިކަމުގައިވެސް އެމެރިކާ ބާރުގެ ބޭނުންކޮށް ބޭރުގައި ހަނގުރާމަ ކުރަންޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން އެމެރިކާގެ ދުޝްމަނުންނާ ކުރިމަތިލުމަށްޓަކައި ބޭރުގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބާރުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު އޭޝިޔާއާއި ވިލާތުގައިވާ އެމެރިކާގެ ބައިވެރިން ދިފާއުގައި އެމެރިކާ މަސައްކަތްކުރާނީ އެގައުމުތަކުން އެކަމުގެ މާލީ ބަދަލު އެމެރިކާއަށް ލިބޭނެ ގޮތެއްގެ މަތިންކަމަށް ޓްރަމްޕް ވިދާޅުވުމަކީވެސް ދެކޮޅު ނުޖެހޭކަމެއްކަމަށް މުރާސިލުން ދެކެއެވެ. 

ވައިޓް ހައުސްއިން ވަނީ ޓްރަޕްގެ ޚާރިޖީ ސިޔާސަތު ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަތަކަކީ ރައްދު ދޭންވެސް ނުޖެހޭފަދަ އޮއްޓަރެއްނެތް ވާހަކަތަކެއް ކަމަށް ސިފަކޮށްފައެވެ.