މުނިފޫހިފިލުވުން

ވާހަކަ: ތިޔަދިން އަނިޔާއަށް މަޢާފު ކޮށްފީމޭ


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: އަޙްމަދު މަޖީދު،ރ.ވާދޫ/ބިޖިލީގެ

  • ހުށަހެޅުއްވީ: އަޙްމަދު މަޖީދު،ރ.ވާދޫ/ބިޖިލީގެ

  • އެއަރކުރާ ދުވަސް: 27.03.2024

ބަނަވެފައިވާ އުޑުމަތީގައި ކަޅުވިލާތައް ފުދޭވަރަކަށް ހުއްޓެވެ. ދެކޮޅަށް ދުއްވާ އުޅަނދުތައް މަގުމަތީގައި ޙަރަކާތްތެރިވަމުން ދާއިރު އެކި އުޅަނދުގެ ދުވެލި ވަނީ އެކިވަރަށެވެ. ހިނގާ މީހުން މަގުގެ ދެފަރާތުގައި ވާ ދުވާރުމަތީ ބާރުބާރަށް މަގުގެ ދެކޮޅަށް އަވަސްއަވަހަށް ހިނގަމުންދާއިރުވެސް ހަމައެއް ލަމައެއް ނެތި ދުއްވަމުންދާ އުޅަދުތަކަށް ފާރަވެރިވަމުން ދެއެވެ. ޖެހެމުންދާ ވައިރޯޅިތަކުގައިވަނީ ތެތްފިނިކަމެކެވެ.ނަމަވެސް އަޑުގޮއްވަމުންދުންއަރުވަމުންދާ އިންޖީނުލީ އުޅަނދުތަކުގެ ސަބަބުން ވައިރޯޅީގެ ތާޒާކަން ވަނީ ގެއްލިފައެވެ. ހަމައެހެންމެ އެ އުޅަނދުތަކުން އިއްވަމުންދާ ބާރު އަޑުފައްގަނޑުން ކަންފަތްތަކަށް ވަމުންދާ އުނދަގުލަކަށް ކުޑަވެސް ލުއިކަމެއް ނުލިބެއެވެ.

ބޯކުރަމުންދިޔަ ވިލާތަކުން ކުއްލިއަކަށް ތުނިތުނިކޮށް ވާރޭ ކަނި ޖަހަންފަށައިފިއެވެ. ފައިމަގުގައި ހިނގަމުންދިޔަ މައިޝާން ހިތަށް އެތުނި ވާރޭގެ ތިކިތަކުން ލިބުނީ އުފަލެކެވެ. އެ ތިކިތައް އޭނާގެ މޫނުގައި ބޮސްދެމުން ދާއިރު ލޯމަރާލަން ކިތަންމެ ބޭނުންވިޔަސް އެފުރުސަތު ގެއްލިފައިވަނީ ތޮއްޖެހިފައިވާ މަގުގެ ސަބަބުންނެވެ. ޗާންދަނީ މަގުގެ މެދެއްހާ ހިސާބުގައި ހުރި ފިހާރައަކީ އަބަދުވެސް މައިޝާ ގޮސް އުޅޭ ފިހާރައެކެވެ. ދެތިން މީހަކު އެފިހާރައިގައި ހަރަކާތްތެރިވަމުންދާއިރު މައިޝާ ވެސް އަވަސްވެގަތީ ވިޔަފާރި ކޮށްލުމަށެވެ. ވާރޭގެ ތިކިތަކުން މައިޝާގެ ހެދުން ތެމިފައިވާއިރު އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވާފައިވާ ކަހަލައެވެ. ފުރަތަމަވެސް މައިޝާގެ ލޮލުގައި އަޅައިގަތީ މުޅިން އާމޫނެކެވެ. އެހެން ދުވަސް ދުވަހު އޭނާ ފިހާރައަށް އަންނައިރު އަބަދުވެސް ދިމާވަނީ އެއްބަޔަކާއެވެ. އަބަދުވެސް މަޢުޞޫމް ގޮތަކަށް ފެންނަ މައިޝާގެ މޫނުމަތިން ފެންނަނީ ލަދުރަކި ހިނިތުންވުމެކެވެ. އޭރު ފިހާރައިގެ ކައުންޓަރުގައި އިން ޒުވާނާ

އިސްޖަހާނުލާ މައިޝާގެ ހަރާކަތްތަކަށް ބަލަމުން ދިޔައެވެ. އެސްފިޔަތައް ދިގު އެރީތި ދެލޮލާ ސާދަވިލޭރޭގެ ހަނދެއްފަދަ އުޖާލާ މޫނާއި ތުނިތުނި ރީތި ހަށިގަނޑާ ކޮލުގައިވާ އަޑިކޮޅުން އެޒުވާނާއަކަށް ހިމޭނަކުން ނުއިނދެވުނެވެ. އޭނާގެ ހިތް އެހުރިހާ ސިފަތަކަށް އެއްފަހަރާ އާނބަސް ބުނީއެވެ. އެޒުވާނާގެ ޢަމަލުތައް ހުރިގޮތުން މައިޝާ އަވަހަށް ބެލީ އެފިހާރައިން ނުކުމެވޭތޯއެވެ. އޭނާއަށް ތަންކޮޅަކަށް ހިނގާ ނުލެވެނީސް މީހަކު އައިސް އޭނާގެ ކުރިމައްޗަށް އެރިއެވެ. އެއީ ދެންމެ މައިޝާ ނިކުތް ފިހާރައިގައި އުޅޭ ބޭރުމީހެކެވެ. ކިހިނެއްވީ؟ އަހަންނަށް އެއްޗެއް ބާއްވާފައި އާދެވުނީތަ؟ ދެސުވާލު އެއްފަހަރާ ކޮށްލުމަށްފަހު މައިޝާ އިންތިޒާރުކުރީ އޭނާގެ ޖަވާބަކަށެވެ. ނޫނޭ! މިއޮތީ ސޭޓް ދީފައި އޮތް ގަނޑުކޮޅެއް. ކިތަންމެ ނަފުރަތު ކުރިނަމަވެސް މައިޝާއަކަށް އެގަނޑުކޮޅުގައި ނުހިފައެއް ފަރަކު ނުޖެހުނެވެ. އަދި ލޮލުގެ ކުޑަކޮޅުން ގޮތެއް ހަދާލުމަށްފަހު އެގަނޑުކޮޅުގައި ހިފާ ޖީބަށް ލިއެވެ. ގެއަށް ގޮސް އޭގައިވާ އެއްޗެއް ބެލުމުގެ ނިޔަތުގައެވެ.

އެނދުމަތީގައި އޮވެ ފުންނޭވާއެއް ލުމަށްފަހު މައިޝާ އެގަނޑުކޮޅު ހުޅުވާލިއެވެ. އޭގައިވަނީ އެ ފިހާރައިން ދެންމެ ބައްދަލުވި ޒުވާނާގެ ފޯނު ނަންބަރާ ނަމެވެ. "އަޔާޒް" މައިޝާ އަޅައިގަތީ އެނަމުގައެވެ......

އެއަށްފަހު މައިޝާ ގެނބުނީ މީގެ ދެއަހަރެއްހާ ދުވަހުގެ ކުރީގެ ހަނދާންތަކުގެ ތެރެއަށެވެ. ގްރޭޑް 10 ނިންމުމަށްފަހު މައިޝާ އުޅުނީ އޭނަގެ އާއިލާގެ މީހުންނަ އެކުގައެވެ. އޭލެވެލްއަށް ފާސްވިކަމުގައިވިޔަސް އޭނަ އޭލެވެލް ނުކިޔަވާ ރަށު ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާއަށް ވަނެވެ. މައިޝާއާއެކު އެއާއިލާގައި ހަތަރު ކުދިން ތިބެއެވެ. މަހަށް ނިކުމެ އުޅެނިކޮށް އޭނާގެ ބައްޕަ މިދުނިޔެ ދޫކޮށްފައިވާއިރު މަންމަ އަދި ދުނިޔޭގައި އެބައިނެވެ. އެހެންކަމުން ދިރިއުޅުޅުމުގެ ޟަރޫރަތްތަކަށާ އެންމެ ލޯބިވާ މަންމަގެ ޙައްޤުގައި މަސައްކަތްކޮށް ފައިސާ ހޯދުމަކީ އޭނާގެ ވާޖިބެއް ކަމުގާ މައިޝާ އަށް ޤަބޫލުކުރެވުނެވެ.

ސްކޫލުގެ ދައުވަތަކަށް އެރަށައް ދިއުމަށް ސްކޫލް ޓީޗަރުން ދިޔައީ ތައްޔާރުވަމުންނެވެ. ދުވަހަކުވެސް ނުދާ ރަށަކަށްވެފައި އަދި މުޅިން އާޓީޗަރުންތަކަކާއި ބައްދަލުވާނެތީ މައިޝާ ހުރީ ވަރަށްވެސް އުފާވެފައެވެ. އެދަތުރު އެންމެ ދާހިތްވެގެން އުޅުނީ ވެސް މައިޝާ އާއި އޭނާގެ އެންމެގާތް ނުޒުދާ މިސްއެވެ. އެރޭ މައިޝާމެން އަވަދިނެތި އުޅުނީ ވާދޫ ސްކޫލް މުވައްޒަފުންނަށް ހަދިޔާކުރާނެ މާ ތައްޔާރުކުރުމުގައެވެ.

ކަނޑުމަޑު އުޑުމަތި ސާފު ދުވަހެއްގައި ސްކޫލުގެ ޓީޗަރުން ވާދުއަށް ދިއުމަށް ފުރީ ހެނދުނު ހައެއް ޖަހާއިރުއެވެ. ގާތްގަނޑަކަށް ދެގަޑިއިރުގެ ދަތުރަކަށްފަހު އެމީހުންނަށް ވާދުއަށް އާދެވުނުއިރު އެރަށު ބަނދަރުމަތީގައި އެމީހުންނަށް މަރުހަބާ ކިއުމަށް ސްކޫލްގެ ޕްރިންސިޕަލާއި ހުރިހާ މުވައްޒަފުން އައިސް ތިއްބެވެ. މަރްޙަބާކިޔައި ސަލާންގަލާން ކޮށް ސްކޫލަށް ޒޔާރަތްކޮށް ހަމަޖެހިފައިވާ ގޮތަށް ރަސްމީ ޕްރޮގްރާމުތައް ކުރިއަށް ގެންދެވުނެވެ. އަދި ހުރިހާ ސެޝަންތައް ނިންމާލުމަށްފަހު ރަށުތެރެ ބަލާލުމަށް ދެސްކޫލުގެ މުވައްޒަފުން ނިކުތެވެ. އެހުރިހާ ސަކަރާތެއްގައި އުޅުނުއިރު މައިޝާއަށް ކަމެއް ފާހަގަވާން ފެށިއެވެ. އެއީ އެތަނުން މުވައްޒަފަކު މައިޝާއަށް އާދަޔާ ޚިލާފަށް ބަލަމުންދާކަމެވެ. މައިޝާއަކީ އަބަދުވެސް ލަދުރަކި ކުއްޖެއްކަން އޭނާއަށް ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. " ހާދަވަރަކަށް ތިބަލަނީ" މައިޝާއަށް ނުހުރެވިގެން ބުނެލިއެވެ. އޭނާގެ ލަދުރަކިކަން އެތްފަރާތްކޮށްފައެވެ. އެހެންވެ ހަމަ ބަލާލީ. ބުނާ އެއްޗެއް ބަލާލަން ދިމާކޮށްލުމުގެ ރާގަކަށް އެޒުވާނާ ބުންނެޏެވެ. އަޔާޒް ކިޔަވައިދެނީ ކޮން މާއްދާއެއް. އަޔާޒްގެ ސްޓާފް ކާޑުގައިވާ ނަން ބަލާލުމަށްފަހު އޭނާއާ މުޚާޠަބުކޮށް މައިޝާ ބުނެލިއެވެ. އަހަރެން ކިޔަވައިދެނީ ދިވެހި. އެވަގުތު މައިޝާއަށް ހީނަގަނެވުނެވެ. އަނގަމަތީ އަތް އަޅާލުމަށްފަހުއެވެ. އެއީ މައިޝާވެސް ކިޔަވައިދެނީ ދިވެހިކަމަށް ވާތީއެވެ. އައްދެ! މާ ރަނގަޅަކަށްނު މިދިމަވީ. ނޭނގޭ އެއްޗެއް އޮވެއްޖެއްޔާ ގުޅާލާތި. ރެދަން ބީޗްގައި އެލުވަފައި އިން އުނދޯއްޔެއްގައި އިނދެ ވާހަކަދައްކަމުން އަޔާޒް މައިޝާއަށް ނަންބަރު ދިނެވެ. މެންދުރުގެ ކެއުންވެސް ތައްޔާރުކޮށްފައިވަނީ ރެދަން ބީޗްގައި ކަމަށްވާތީ

އެމީހުން މަޑުކުރީ ކައިނިމިގެން ތުނޑި ބަލާލަން ދިއުމަށެވެ. ކޮންމެއަކަސް އެދުވަހުގެ އެ ކުޑަވަގުތުކޮޅުވީ މައިޝާއާއި އަޔާޒުގެ ހިތުގައި ވެސް ލޯބީގެ އައު ތަޞްވީރެއް ކުރެހިގެން ދިޔަ ވަގުތު ކޮޅަކަށެވެ. ހިތާހިތް ގުޅާލުމަކަށް މާގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. އެދުވަހުގެ ޙަރަކާތްތައް ނިންމާލުމަށްފަހު ފުރުމަށް ހުރިހާ ޓީޗަރުން ހަވީރު ފަހެއް ޖަހާއިރު ބަނދަރަށް ނިކުތެވެ. ވާދޫ ސްކޫލްގެ މުވައްޒަފުންގެ ފަރަތުން ލިބުނު ހިތްގައިމު މެހުމާންދާރީއަށް އެކި ޢިބާރާތްތަކުން ޝުކުރެއް އަދާކުރުމަށް ފަހުގައެވެ. ހަމަ އެފަދަ ދައުވަވަތެއް ވާދޫ ސްކޫލުގެ މުވައްޒަފުންނަށްވެސް ދެމުންނެވެ.

މައިޝާ ހުރީ ވަރަށް ބޮޑަށް ދަތުރު ވަރުބަލިވެފައެވެ. އެހެންވެ ރަށައްގޮސް އެރޭ ނުވެސް ކައި ފެންވަރައިގެން އޭނާ ނިދީއެވެ. ނަމަވެސް ހަމަ ނިދުމާއެކު އޭނާއަށް ތަފާތު ކުލަ ހުވަފެންތައް ފެންނަން ފަށައިފިއެވެ. އަޔާޒުގެ އެ ފިރިހެންވަންތަ ސިފަތަކާއި އެހުރި ބަސްމޮށުންތެރިކަމާއި ކެރުންތެރިކަމެވެ. އޭނާއަށް ދިމާއަށް ކަތިނަޒުން ބަލާލައި އެކޮށްލާ ހިނިތުންވުމެވެ. ސަމާސާގޮތަކަށް ނަމަވެސް ސީރިއަސް ކަމާއެކު އެ އިއްވާލާ ލޯބީގެ ކުރިމަގުގެ ފަސާނާތެކެވެ. ކޮންމެއަކަސް ފަތިސްވުމާ ގާތަށްވެސް އޭނާއަކަށް ހަމަނިދި ނިދޭގޮތެއް ނުވިއެވެ. ހަމަ އަޔާޒުގެ ސޫރަ ފެންނަނީއެވެ.

ސްކޫލުގެ ވަޒީފާ ދޫކޮށްލާ އަޔާޒް މާލެ ބަދަލުވީއެވެ. އޭނާގެ ލޯބިވާ އާއިލާއާއި އެކުގައެވެ. އޭނާ މައިޝާ ގާތު އެވާހަކަ ބުނީ އެކަމަކީ މުހިއްމު ކަމަކަށް ވާތީއެވެ. މާލެއަށް ދިރިއުޅުން ބަދަލު ކުރުމަކީ މައިޝާގެ އާއިލާގެ ވެސް މާ ކުރިއްސުރެ ނިންމާފައިވާ ނިންމުމެކެވެ. އޭނާގެ ބަލި މަންމަގެ ބޭސްފަރުވާ އަށް އިރު އިރުކޮޅާ މާލެ ދާން ޖެހޭތީއެވެ. ނަމަވެސް އޭނާގެ ދޮންތަގެ ދަރިފުޅު ގްރެޑް5 އެއްކޮށް ނިމެންދެން މަޑުކުރީއެވެ.

ދުވަސްތަކަކަށް ފަހު މައިޝާމެންވެސް މާލެ ބަދަލުވިއެވެ. އޭނާ އާއި އަޔާޒްގެ ގުޅުން ވަރުގަދަ ކުރުމަށް އިތުރު ބާރެއް ލިބުނީއެވެ. މިހާރު މައިޝާ އެވަނީ އަޔާޒާ ދާދިގާތުގައެވެ. ކޮންމެ ރެއަކާ ދުވާލު ދެލޯބިވެރިންގެ

ބައްދަލުވުންތައް ބާއްވައެވެ. ކާވެންޏަށްފަހު ދިރިއުޅުން އާރާސްތުކުރާނެގޮތާ ކުރިމަގުގައި ޙަޔާތުގެ ކިއްލާ ބިނާކުރާނެ ގޮތަކާމެދުގައެވެ. އެމީހުންގެ ކައިވެންޏަށް މުޅި އާއިލާ ތިބީ ފުރިހަމައަށް ތައްޔާރުވެންނެވެ. އަޔާޒްގެ ހިތްހެޔޮ ކަމާއި ރިވެތި އަޚުލާގަކީ އެ އާއިލާއަށް އޮޅިފައިވާ ކަމެއް ނޫނެވެ ލަސްތަކެއް ނުވެ އެދެމީހުންގެ ކައިވެނި ކުރެވިގެން ދިޔައެވެ. މާލޭގެ މަޝްހޫރު ރެސްޓޯރންޓެއްގައި ކާވެނި ޕާރޓީ ކުރިއަށް ދިޔައީ ތަފަތު އެކި ކުލަ ކުލައިގެ ބޮކިތަކުގެ ދިއްލުންތަކާ ވެސް އެކީގައެވެ. ޕާރޓީ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ދިއްލާލެވިފައިވާ ވޮށްތަކުގެ އަލިން އެމަތިވެރި ގުޅުމުގެ ޚާއްސަކަން އިތުރަށް ރަމްޒުކޮށްދެއެވެ. އަޔާޒްގެ އުއްމީދުތައް ފުރިހަމަ ވުމުން ހަގީގަތުގައި ވެސް އޭނާ ހުރީ ދެން އިތުރު އުފަލަކަށް ބޭނުން ނުވާ ވަރަށް ހިތްހަމަ ޖެހިފައެވެ އޭނާ އެކަމަށް ކުރި އިންތިޒާރާ އެއިންތިޒާރުގެ ފޮނިރަހަ އޭނާގެ އަރުތެރޭގައި ލުމުން އެ ހައްސާސް ވަގުތުވެސް އޭނާގެ ލޮލުން ދިޔައީ އުފާވެރިކަމުގެ ކަރުނަ އަޅަމުންނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ.؟ މައިޝާގެ އެދުމުގެ މަތިން އަޔާޒް ދިރިއުޅެމުން ދިޔައީ މައިޝާމެންގެ ގޭގައެވެ. މައިޝާގެ މަންމަގެ ބަލިހާލަތު ހުރި ގޮތުން މަންމަ ގާތުގައި ހުރުމަށް އޭނާ ބޭނުންވީ އެވެ. އަޔާޒަށްވެސް ހީވަނީ މުޅި ދުނިޔެ މިލްކުވެގެން އުޅޭހެންނެވެ. މައިސާގެ އެސްފިޔަތަކުގެ ހިޔަލުން އެންމެ ހިނދުކޮޅަކަށްވެސް ދުރަށްދާކަށް އޭނާ ބޭނުމެއްނުވެއެވެ.

އަޔާޒްގެ ބޮޑުބޭބެ ނިޔާވެގެން އެއާއިލާގެ މީހުން ވާދޫއަށް ދިއުމަށް ތައްޔާރު ވަނީއެވެ. ހަމަ ކުއްލިއަކަށް ބޮޑުބޭބެ ނިޔާވުމުން އަޔާޒް އަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކުރުވާފައެވެ. އިފުރު އެއަރޕޯޓަށް ފުލައިޓް ޖެއްސި އިރުވެސް އަޔާޒް އިނީ މަޑުޖެހި ގަބުވެފައެވެ. މިލާ މޯޅިވެފައިވާ މޫނުމަތިން މީގެ ކުރިން ނުދެކޭހާ ހިތާމައިގެ އަސަރު ފާޅުވަމުންދެއެވެ.

ޖަނާޒާގެ ކަންކަން ނިމުމުން އަޔާޒުމެން ނިންމީ ހޮނިހިރު ދުވަހު މާލެދާށެވެ. ނަމަވެސް އޭނަ އުޅޭ އޮފީހުން ބުރާސްފަތި ދުވަހަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާތީ އަޔާޒަށް ބުރާސްފަތިދުވަހު މާލެދާން

މަޖުބޫރު ވީއެވެ. މައިޝާ މަޑުކުރީ އާއިލާގެ އެހެން މީހުންނާ އެކީ ހޮނިހިރު ދުވަހު މަލެ ދިއުމަށެވެ. ކަނޑު ގަދަ ދުވަހެކެވެ. ނޫކުލައިގެ މުޅި ކަނޑުގެ މައްޗަށް ގަދަވެގެންފައި ވަނީ ހުދުފޮނުގެ ބިޔަ ރާޅުތަކެކެވެ. 11:30ގައި ވާދޫއިން ފުރައިގެން ނަޔާ އެކްސްޕްރެސް އެދަނީ ކަނޑުގެ ބިޔަ ރާޅުތަކާ ހަނގުރާމަ ކުރަމުންނެވެ. ލޯންޗާ ދެކޮޅަށް އަންނަ ބިޔަ ރާޅުތަކުން ރެކެމުން ބ. ކުޑަރިކިލާ ހަމައަށް އާދެވިއްޖެއެވެ. ނަމަވެސް ނެރުމަތީ ނަގަނަގާ ހުރި ބިޔަ ރާޅުތަކުގެ ސަބަބުން އެރަށައް ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އެބޮޑު ލޯންޗު ބަންޑުން ޖަހާލީއެވެ. ލޯންޗުގައި ދަތުރުކުރި 3 މީހުން ގެއްލިފައިވާއިރު 5 މީހަކަށް ބޮޑެތި އަނިޔާ ތަކެއްވިއެވެ. ބައެއް މީހުންގެ ހަބަރުހުސްވެފައެވެ. ކުޑަރިކިލު ސިއްޙީ މަރުކަޒުގެ މުވައްޒަފުން ދިޔައީ ހާލުދެރަވި މީހުންނަށް ފަރުވާ ދިނުމުގައެވެ.

މިހާތަނަށް ފުލުހުންނާ ސިފައިނާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ގެއްލުނު 3 މީހުންގެ މަރިވެފައިވާ ހަށިތައް ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި މައިޝާގެ ލޯބިވާ ފިރިމީހާ އަޔާޒްވެސް ހިމެނުނެވެ. އެޚަބަރު ލިބުމާއެކު މައިޝާގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. އަޔާޒްގެ ބޮޑުބޭބެގެ މަރަށް 3 ދުވަސް ނުވަނީށް އަޔާޒް ވެސް މިދުނިޔެއާއި ވަކިވީއެވެ. މައިޝާ ކެތް ކުރެވޭތޯ ބެލިއެވެ. އެހެނަސް އޭނާގެ ހާލަތު ދިޔައީ ގޯސް ވަމުންނެވެ. ކެތް ކުރަން ކުރާ މަސައްކަތުގައި އޭނާގެ ހިތްވަރު ދިޔައީ އެލެމުންނެވެ. އޭނާއަކަށް ކެތެއް ނުކުރެވުނެވެ. އެންމެފަހުން ހަބަރު ހުސްވެގެން އެނދުމައްޗަށް ވެއްޓިއްޖެއެވެ. ހޭވެރިކަން ވުމުންވެސް އޭނާގެ ހިތަށް ވެރިވާންފެށީ ހަމަ އެހަނދާންތަކެވެ. ރިހުމާ ކެކުޅުމުން މައިޝާ ހަފަރާތް އެއްކޮށް ބައްދާލިއެވެ. ތަގުދީރުގައި ހިފެހެއްޓޭނީ ކާކަށް ހެއްޔެވެ. ދެފަރާތުގެ އާއިލާގެ އެތައް ނަސޭހަތަކާ އެކު މައިޝާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ނަމަވެސް އެފަކީރު ހުށައެޅުނީ ނަފްސާނީ ބަލީގެ ޝިކާރަ އަކަށެވެ. އެތަކެއް ވޭނާ ރިހުމެއް އޭނާގެ ހިތުގައި އަޅައެވެ. ނަމަވެސް ލައްކަ

ބުރަ މަސައްކަތުން މައިޝާ ހަމައަކަށް އެޅުނެވެ. ކުޑަކޮށް އޭގެ އަސަރު ހުއްޓަސް ތަޤުދީރުގެ ނިޔާއަށް ބޯލަނބާލައި އަލުން އާޙަޔާތަކަށް އުއްމީދުކުރަމުން އޭނާ ހިންދެމިލިއެވެ.

މާޒީގެ އެހަނދާންތަކުގެ ތެރެއިން ނިކުމެވުނުއިރު މައިޝާ ވަނީ އިސްޖެހިފައެވެ. މާޒީގެ ކަޅު ޞަފްހާ ތަށް މައިޝާގެ ކުރިމަތީ ނިއުޅެންފެށީ އަނެއްކާވެސް އަޔާޒް ކިޔާ މީހަކު އޭނާއާ ބައްދަލުވުމުންނެވެ. ކަރުނުން ފުރިފައިވާ އޭނާގެ ދެލޯ ވަނީ ދުޅަވެފައެވެ. މިހުރިހަ ދުވަހު އޭނާ ވަނީ އެހަނދާންތަކާ ކުޑަކޮށް ދުރުވެފައެވެ. މައިޝާ އެގަނޑުކޮޅު ފަތްޖަހާލުމަށް ފަހު ބާލީށް ދަށައް ލިއެވެ. ދޮރުގައި ޓަކި ޖަހާ އަޑަށް ކަރުނަ ފޮހެލުމަށް ފަހު މައިޝާ ދޮރު ހުޅުވިއެވެ. ކުރިމަތީގައިވާ މަންމަ ފެނުމާއެކު ބާރަށް މަންމަ ގައިގާ ބައްދާލެވުނެވެ. އެވަގުތުވީ ކަރުނަތައްވެސް ތަނެއް ދޮރެއް ނުބަލާ ހިލިގަތް ވަގުތަކަށެވެ. މައިޝާގެ މަންމަ އޭނާ އަތުލަފިކޮށްގެން ގޮސް އެނދުގައި ބޭންދިއެވެ. ވީގޮތް އޮޅުން ފިލުވުމަށް މަސައްކަތް ކުރީ މައިޝާ ހަމައަކަށް އެޅުމުންނެވެ. ކަންވީ ގޮތް ކިޔައިދެމުން ދިޔައިރު އަނެއްކާވެސް މައިޝާއަށް ރޮވެން ފެސިއެވެ. ދަރިފުޅާ! ދެން އަވަހަށް އަޔާޒާ ކައިވެނި ކުރަންވީނު! މަންމަ ބޭނުމެއް ނުވޭ ދަރިފުޅު އަނެއްކާވެސް ކުރީގެ ހާލަތަށް ރުޖޫޢަ ވާކަށް. ދަރިފުޅަށް ކުރިން އެވީވަރު ވާކަށް މަންމަ ބޭނުމެއް ނުވޭ.

މަންމަ ދިން އޯގާތެރި ފިރުމުންތަކާ ހިތްވަރުގެ ސަބަބުން މައިޝާ ހަމައަކަށް އެޅުނެވެ. އޭނާ ތެދުވެ ފާޚާނާއަށް ވަނެވެ. ފެންވަރައިގެން ނުކުމެ ހަމަ ނޭވާ އެއް ލުމަށްފަހު މައިޝާ އަޔާޒަށް މެސެޖު ކުރިއެވެ، މައިޝާގެ ޚަބަރެއް ނުލިބި ކަންބޮޑުވެފައިވާ އަޔާޒަށް ވީގޮތެއްވެސް ނޭނގުނެވެ. ފަސް ހަ ފަހަރު އޭނާ މައިޝާގެ މެސެޖު ކިއެވެ. މުޅި ދުވަސްވީ އަޔާޒަށް އީދެއް އައިފަދަ ދުވަހަކަށެވެ. އެހާ ހިސާބުން ދެމީހުން ބައްދަލުވުންތައް ބާއްވަން ފަށައިފިއެވެ. ފުރަތަމަ ދުވަހު އަޔާޒު ފިހާރައިން ފެނުނު އިރު މައިޝާއަށް ވެސް އަޔާޒު ކަމުދިޔައެވެ. ނަމަވެސް މައިޝާ ހުރީ އެކަން އަޔާޒަށް ސިއްރުކޮށްގެނެވެ.

އަޔާޒްއާ މައިޝަ އެތިބީ ރަސްފަންނުގައި ހުރި ޖޯއްޔެއްގައެވެ. އަޔާޒް ދިޔައީ އޭނާގެ ލޯބީގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އެފަސާނާތައް މައިޝާ ގެ ކަންފަތައް އަޑުއިއްވައިދެމުންނެވެ. އޭނާގެ ނޭވާގެ މީރުވަސް މައިޝާއަށް ފޯރުކޮށްދެމުންނެވެ. މަޑުމަޑު އެއަތުގައި ހިފަހައްޓައި ބާރުކޮށްލަމުން އަޔާޒު ތަކުރާރު ކޮށްލީ އެއް ވާހަކަ އެކެވެ. އޭނަ މައިޝާ ދޫކޮށްނުލާނެ ކަމެވެ. އެ ހިތުގެ ވިންދުން އެހެން މީހެއްގެ ހިތައް ވިންދު ފޯރުކޮށް ނުދޭނެ ވާހަކަ އެވެ. ހަލަބޮލި ވެފައިވާރަސްފަންނުން މައިޝާގެ ކަންފަތައް އުނދަގޫ ވިޔަސް އަޔާޒު ގެ އަޑުން މައިޝާގެ ކަންފަތައް އެހަލަބޮލި އަޑުތަށް ނީވޭ ކަހަލައެވެ.

ދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. ފެމެލީ ކޯޓްގައި މިއަދު ކައިވެނި ކުރި 30 މީހުންގެ ތެރޭގައި އަޔާޒްމެންގެ ކައިވެނީގެ ވެސް ރަޖިސްޓްރީ ކުރެވުނެވެ. އިނދެގެން އަޔާޒް މައިޝާ ގެންދިޔައީ އަޔާޒުގެ ގެއަށެވެ. ނަމަވެސް ކޮންމެ ދުވަހަކު މައިޝާ މަންމަގެ ހަލު ބެލުމަށް އޭނާ ގެއަށް ދެއެވެ. ކައިވެންޏަށް އަހަރެއް ވީއިރު އަދިވެސް އެމީހުންނަށް ދަރިއަކު ނުލިބެއެވެ. ހުޅުމާލެއިން ހިފައިފައިވާ އެޕާރޓްމަންޓެއްގައި އަޔާޒްއާއި މައިޝާ އުޅެނީ ވަކިންނެވެ. އެދުވަހު ރަސްފަންނުގައި އިނދެ އަޔާޒް ކީހާ ޅެން ފަރިއްސައް ނުވެ އެގޮތުގައި ކުރިއަށްދާތީ މައިޝާ ހުރީ އުފަލުންނެވެ.

ގޭގައި އެކަނި އިންނަން ޖެހުމުގެ ސަބަބުން ފޫހިކަން އިހުސާސްވާތީ މައިޝާ ވަޒީފާއަކަށް ދަން ފެށިއެވެ. އަޔާޒުގެ ރުހުމުގައެވެ. އަޔާޒުގެ ނުރުހުމުގައި އެސްފިޔައެއް ޖަހާލާކަށްވެސް މައިޝާ ބޭނުމެއް ނުވެއެވެ. އެހާވެސް ބޮޑަށް މައިޝާއަށް ވަނީ އަޔާޒު ދެކެ ލޯބިވެވިފައެވެ. ދުވަސްތައް ފާއިތުވަމުންގޮސް އާ އަހަރަކާ ކުރިމަތިލަނީއެވެ. އަޔާޒުގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ގިނަވަގުތު ބޭރުގައި އުޅުމާއި އޮފީހުގައި މާ ބިޒީކަމަށް ބުނެ އަޔާޒު ދިޔައީ ބަހަނާ ދައްކަމުންނެވެ. މިހުރިހާ ދުވަހު ރީތި ހުދު ބޯވިލާތަށް މައިޝާގެ ބޯމަތީގައި އެނބުރިފައި އެވިލާތައް ކަޅު ފުސް ވިލަތަކަކަށް ބަދަލުވަނީ ބާވައެވެ. ފުރަތަމަ ފަހަރަށް މައިޝާ އަޔާޒުއާ ސުވާލު ކުރިއެވެ. ރީތިކޮށް ލޯބިންނެވެ. ރުޅިވެރިކަން އެއްފަރާތް ކޮށްފައެވެ. އަޔާޒު ހީވީ

މައިޝާގެ ބޯމަތިން ފުންމާލިހެންނެވެ. މިހާރު މަށައް ޝައްކު ކުރަންވެސް ފެށީތަ. ރުޅިވެރިކަމާއެކު އަޔާޒަށް އެހެން ބުނެވުނުއިރު މުޅި މީހާ ހީވަނީ ހަމައިން ނެއްޓިފައި ވާހެންނެވެ.

އަޔާޒު ! ކިހިނެއްވެފަ ތިހުރީ، ތިރުޅި މައިތިރިކޮށްބަލަ. އަހަރެންނަށް ބުނެވުނީ އަޔާޒު ހާދަ ބަދަލުވެއްޖެއޭ. އެހެންބުނީމަ ތިވަރު ވަންޖެހޭތަ؟ އާނ! ނުޖެހޭ ކޮންމެހެން އަހާކަށް. އޮފީހުގައި މިހާ ބިޒީކޮށް އުޅެފަ ގެއަށް އައިސް ވަނީމަ ތިފާޑަށް ވާހަކަ ދައްކަންޏާ އަހަރެން ވަރަށް ފޫހިވޭ. މައިޝާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. މުޅި މީހާ ހިމޭންވެފައި ވާއިރު ދެން އިތުރަށް އެއްޗެއް ބުނެ އަޔާޒުގެ ލޭ ކައްކުވާލާކަށް މައިޝާ ބޭނުމެއް ނުވެއެވެ. ހިނގާ ކާން. އަޔާޒުގެ ބޮލުގައި ފިރުމަލުމަށްފަހު މައިޝާ އެހެން ބުނީ ލޯބިންނެވެ. އިތުރު އެއްޗެއް ނުބުނެ އަޔާޒު ގޮސް ކާން އިށީނނެވެ.

އަޔާޒު ކިތަންމެ ރުޅިއަޔަސް އަޔާޒަށް ބަދަލުތަކެއް އައިސްފިއެވެ. މައިޝާ ނޫން އެހެން މީހަކާ އޭނާ ގުޅުން ބާއްވައެވެ. އަޔާޒުމެން އޮފީހުގައި އުޅޭ ކުއްޖެކެވެ. މާލޭގެ ރެސްޓޯރެންޓަކުން މައިޝާގެ ދޮންތައަށް ވަނީ އެދެމީހުން ފެނިފައެވެ. މައިޝާއަށް ވާނެ ގޮތަކަށް ބަލާފައި އޭނާގެ ދޮންތަ އޭނާއަށް އެކަން ސިއްރުކުރިއެވެ. އަޔާޒު ކީ ހުރިހާ ޅެމެއް މިހާރުވަނީ ފަރިއްސައްވެ ނިމިފައެވެ. ކޮންމެއަކަސް އެދެމީހުންގެ ލޯބީގެ ކަންތައްގަނޑު ވަރަށް ބޮޑުވެއްޖެއެވެ. އަޔާޒު ރިފްދާ ގެއަށްވެސް ގެންދެއެވެ. އެފަދަ ވަގުތު ތަކުގައި މައިޝާގެ ހިތުގައި އަޅާ ވޭނާ ރިހުން ގަދަވެ ތަދު އިހުސާސް ވަމުން ދެއެވެ، ރިފްދާ ގޭގައި އުޅެނީ މައިޝާއަށްވުރެ ގަދަކޮށް އޭނާއަށް ދެރަބަސް ދީފައެވެ.

އެފަދަ ކޮންމެ ހަލަތެއްގައި މައިޝާއަށް ޖެހެނީ ކެތްތެރިވާށެވެ. މައިޝާގެ ރިވެތި އަޚުލާޤައި އޭނާގެ ކިބައިގައި ހުރި ތަރުބިއްޔަތު ރިފްދާއާ ނުބައްދަލެވެ. ރިފްދާ ކޮންމެ ޖެއްސުމެއް ކުރިޔަސް އެކަމަށް ރައްދު ނުދީ ކިޔަމަންތެރިކަމާއެކު މައިޝާ އުޅެމުން ދެއެވެ. ރިފްދާގެ ކޫސަނި ވާހަކަތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އިރުއަރަ އިރު އޮއްސޭ ކޮންމެ ދުވަހެއްގައި ރިފްދާ އޭނާއަށް ދޭ އިންޒާރުތަކާ ކުރާ

ފުރައްސާރައަށް އޭނާ ވަނީ ކެތްތެރިކަން އިސްކޮށްފައެވެ. އަޔާޒު ގެއަށް އަންނަ ކޮންމެ ފަހަރަކު މައިޝާގެ ޝަކުވާތައް އަޔާޒު ގާތު ރިފްދާ ކުރެއެވެ. ރިފްދާ ބޭނުންވަނީ އެގޮތައް ކަންތައް ކޮށްފައި އަޔާޒުލައްވާ އޭނާއާ ޒުވާބު ކުރުވާށެވެ. މައިޝާގެ ލޮލުން ކަރުނަ ނުހިލޭ އެންމެ ދުވަހެއްވެސް މިފަހުން ނާދެއެވެ. މަންމަގެ ހިތުގެ ބަލީގެ ސަބަބުން މައިޝާ ވަނީ އެކަންކަން އޭނާގެ މަންމައަށް ސިއްރުކޮށްފައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމުގައި ހަރުދަނާ މީހަކަށް ވުމަކީ މައިޝާގެ މިހަރުގެވެސް އެންމެ ބޮޑު އަޒުމެވެ.

އަޔާޒު ކޮޓަރީގައިވާ ފޮޓޯ ލޯގަނޑަށް ވަނީ ބަދަލެއް އައިސްފައެވެ. ކުރިން އޭގައި ވަނީ އަޔާޒްއާއި ރިފްދާގެ ފޮޓޯއެކެވެ. ނަމަވެސް މިހަރު އިނީ މައިޝާއާ އަޔާޒުގެ ފޮޓޯއެކެވެ. ގޭގައި ހުޅުރޯކޮށްލުމަށް ރިފްދާ އެފަދަ އެތައް ކަމެއް ކުރެއެވެ. އަޔާޒު ގެއަށް އައި ތަނާ ލޮލުގައި އަޅައިގަތީ އެފޮޓޯ ގަނޑެވެ. ބަލަކަށް ނުހުރެ އެފޮޓޯ ފްރޭމް ބިންމައްޗަށް ހޫރާލިއެވެ. މިއީ މިހާރު ކާކު ކޮށްފައި ހުރި ޖެއްސުމެއް. ރަނގަޅަށް ބުނޭ. އަޔާޒު ރުޅިގަނޑު އަމާޒުވީ އެނދުމަތީގައި ވާ ރިފްދާއަށެވެ. މަށަކަށް ނޭނގެ. މަމިގޭގައި އުޅުނަސް ތިކަހަލަ ކަންތައްތަކަކާ ނުބެހެން. އަޔާޒުގެ އަންހެނުން ގާތު އެހިއްޔާ މާ ރަނގަޅުވާނެ.

ރިފްދާވެސް ހުރީ ރުޅިއަންނަކަން މޫނުމަތިން ދައްކާފައެވެ. މައިޝާ ހުރީ ރޮށި ފިހާށެވެ. އަޔާޒު ގޮސް އޭނާގެ އަތުން ދޭފަތް އަތުލައި މައިޝާގެ އަތުގައި ޖެއްސިއެވެ. ދަނގަނޑު ދޭފަތެއް ކަމުން މައިޝާގެ އަތް ފިހުނެވެ. އޭނާއަށް ރޮވެން ފަށަފިއެވެ. އެވަރުން ނުފުދިގެން މައިޝާގެ ބޮލުގައި ހިފައި ކޮށްޕާލިއެވެ. މަތީގައި ހުރި ކަބަޑުގައި ޖެހިފައި އޭނާގެ ނިތްކުރި ފަޅައިގެން ދިޔައެވެ. އޭރު އެތާ ހުރި ތަނބެއްގައި ލެނގިގެން ހުރެ ރިފްދާ ހެނީއެވެ. މައިޝާއަށް ލިބުނު ތަދާ ވޭނުން ގިސްލެވެންފެށިއެވެ. އެފަކީރުގެ އަޑުވަނީ ބެދިފައެވެ. އެހީއަށް އެދި ގޮވާލެވޭނީވެސް އެގޭގައި އިންސާނަކު އުޅޭނަމަތާއެވެ. އެގޭތެރޭގައި މައިޝާއަށް ލިބިފައި ވަނީ ފިޔަކޮށާލެވިފައިވާ ދޫންޏޭއްގެ މަޤާމެވެ. އެހާވެސް މައިޝާގެ މަޤާމު ދަށެވެ.

ރިފްދާއަކީ މައިޝާއަށް ދަރިން ނުލިބޭތީ އެގެއަށް އަޔާޒު ގެނައި މީހެކެވެ. މިހަރު ރިފްދާއަކީ އަޔަޒުގެ އަންބެކެވެ. މިއަދު ބާރު ލިބިފައި ވަނީވެސް ރިފްދާއަށެވެ. ކާއެތިކޮޅެއް ރޯނުފިލުވާލާތަނުގައި މައިޝާ ކައްކާ ކާއެއްޗެހި ކަން އެމީހުން ލަދު ނުގަނޭ ބާވައެވެ. އެވަރުންވެސް އަނިޔާ ލިބެނީ ކުށެއްނެތް މައިޝާއަށެވެ. ބޮލަށް އަރާފަ ހުންނަ އެނބުރުމެއްގެ ސަބަބުން މައިޝާ ޑޮކްޓަރަށް ދައްކަން ދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ޓެސްޓްތައް ހެދުމުން އެނގުނީ މައިޝާ އިނީ ބަލިވެކަމެވެ. އުފަލުން މައިޝާއަށް ރޮވުނެވެ. އެކަން އަޔާޒަށް އަންގާކަށް ފަހަރެއްގައިވެސް މައިޝާ ބޭނުމެއްނޫނެވެ. ބުނެގެން ވާނީވެސް ވަކި ކީއްހެއްވެ. ލިބޭނީވެސް ކޮން އުފަލެއް ހެއްޔެވެ.

މައިޝާގެ ބަނޑަށް 3 މަސްވެފައި ވާއިރު ގޭތެރޭގެ ކަންތައްތައް ކުރުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެއީ ހީވާގި ކެރޭ މީހެކެވެ. އަޔާޒު އެވަރުކުރާއިރުވެސް ފިރިމީހާއަށް ޓަކައި ކޮށްދެންޖެހޭ އެއްވެސް ކަމަކަށް ބަދަލެއް ނާދެއެވެ. އަޔާޒު ރުޅިއަޔަސް ހުރިހާ ކަމެއް މައިޝާ ކޮށްދެއެވެ. ދުވަސްތަކުން ދުވަހެކެވެ. މައިޝާ ދިޔައީ ފިހާރައަކަށެވެ. ގޭތެރޭގައި އުޅުނީ ރިފްދާއެވެ. މައިޝާ ފިހާރައިން އަންނަން ވާއިރަށް ރިފްދާ ހުރީ ސިޑިމައްޗަށް ދިޔާ ސައިބޯނި އަޅާފައެވެ. މައިޝާ ކައްސާލިގޮތައް ގޮސް އުނަގަނޑު ޖެހުނީ ވަރަށް ބާރަށެވެ. އޭނާއަށް ހަޅޭލަވައިގަނެވުނެވެ. ރިފްދާ އަވަހަށް ގެއިން ބޭރަށް ދިޔައެވެ. ރޮއި ރޮއިފައި މައިޝާ އޭނަގެ ދޮންތައަށް ގުޅިއެވެ. އަޔާޒު ވީ އޮފީހުގެ ކަމެއްގައި ރާއްޖެއިން ބޭރުގައި ކަމުގައިވެސް މައިޝާ ބުންޏެވެ. ފާޅުގައި އޭނާ ދޮގުހެދިއެވެ.

ޑޮކްޓަރު ބަލާފައި ދިން ޖަވާބުން މައިޝާގެ ބޮލުގައި މީހަކު ބާރު އެތިފަހަރަކުން ޖެހިހެން ހީވިއެވެ. އޭނާގެ ބަނޑުގައިވާ ތުއްތު ފުރާނަ ސަލާމަތްނުވެ މިދުނިޔެއާ ވަކިވި ވަހަކައެވެ. ހިތަމައަކަށްފަހު ހިތާމައެކެވެ. މައިޝާގެ ލޮލުން ހޯސްލާފައި އައި ކަރުނަތައް ފުހެ ދިނުމުގައި އޭނާގެ ދޮންތަ އެހީތެރިވިއެވެ. މައިޝާއަށް ހިތްވަރުދީ މައިޝާ ގާތުން ދޮންތަ ދުރައްވެސް ނުދެއެވެ. ދޮންތާ!. ދޮންތައަށް ތިފެނުނީ އެންމެ ކަމެއް

ދޯ. ދެން މިކިޔައިދޭ ވާހަކަތައް އެއްވެސް މީހެއް ކައިރި ކިޔައި ނުދޭތި. ޚާއްޞަކޮށް މަންމައަށް. ގިސްލާފައި މައިޝާ އެވާހަކަތައް ކިޔައިދެމުން ދިޔައިރު ދޮންތަގެ ލޮލުންވެސް ފާއްދާލީ ހިތްދަތިކަމުގެ ކަރުނަ ތަކެވެ. ދޮންތަ މައިޝާއަށް ނަސޭހަތްތެރިވީ އެ އަނިޔާވެރި ދިރިއުޅުމުން ދުރަށް ދިއުމަށެވެ.

ނޫން ދޮންތާ އިހަށް މަޑުކުރޭ. އަހަރެން މިހުންނަނީ އަޔާޒު އަހަރެން މިނިވަން ކުރަންދެން. މިހާރު އަހަރެންނަށް އެނގިއްޖެ މީހަކު ހުންނަ ގޮތަކުން އެމީހެއްގެ ހަގީގަތެއް ނޭނގޭނެ ކަން. މައިޝާ ހޮސްޕިޓަލުގައި އޮތްވާހަކަ މައިޝާ އަޔާޒު ގާތު ބުނީ މެސެޖަކުންނެވެ. އެ މެސެޖު ބަލާފައި އަޔާޒު އަޅައިވެސް ނުލައެވެ. ހޮސްޕިޓަލަށް ދާކަށް އަޔާޒު ހިތުވެސް ނުލައެވެ. މައިޝާގެ އުނގަނޑުގައި ރެނދުލާފައިވާތީ އޭނާ ހޮސޕިޓަލުގައި އަދި ތިންހަފްތާ މަޑުކުރަން ޖެހެއެވެ. އެހާ ދުވަސްވަންދެން މައިޝާ ހޮސްޕިޓަލުގައި އޮތް އިރުވެސް އަޔާޒު އޭނާގެ ހާލުވެސް ބަލާނުލައެވެ. އޭނާގެ ހިތުގައި ރަހުމާއި ކުލުނާ ނެތީ އޭނާއަށް ޖެހިފައިވާ އަންހެނެއްގެ ސަބަބުންނެވެ. މިކުޑަ ދުވަސްކޮޅުގައި އެބޮޑު ގޭގެ ރަސްކަން ލިބުމުން އެދެމީހުންނަށް ދެއީދު އެއްފަހަރާ އައިސްގެން އުޅެހެން ހީވާނެއެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން މައިޝާ ދިޔައީ ހަމަ ކުރިންވެސް އުޅުނު އަޔާޒުމެންގެ ގެއަށެވެ. އޭނާ ދިޔައިރު ދެމަފިރިން ސިޓިންގ ރޫމްގައި ތިއްބެވެ. ހިމެން ކަމާއެކު މައިޝާ އިސްދަށައް ޖަހާލައިގެން ހުރެ ކޮޓަރިއަށްދާން ހިނގައިގަތެވެ. މައިޝާ ދެން އިތުރަށް އެއްވެސް ފިޔަވަޅެއް ނަޅާތި. މިހިރީ ކަލޭގެ މުދާތައް މިހުރިހަ އެއްޗެއް ހިފައިގެން އެހެރަ ދޮރުން ނިކުމެގެން ދޭ. އަދި މިއަދުން ފެށިގެން ކަލެއަކީ އަހަރެންގެ އަންބެއް ނޫން. މައިޝާގެ ހުރިހާ ސާމާނެއް އަޅާފައިވާ ފޮށި އޭނާއާ ދިމާއަށް އެއްލައިލުމަށްފަހު އަޔާޒު އިޝާރާތްކުރީ މައިޝާ ގެއިން ނިކުތުމަށެވެ.

ރޯލަން އަދި ގުޑާލަންވެސް ނޭނގިފައި މައިޝާއަށް އެތައް އިރަކު ހުރެވުނެވެ. ނަމަވެސް އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އެންމެފަހުން މައިޝާއަށް ބާރަށް ރޮއިގަނެވުނެވެ. އޭނާގެ ހިތްވެސް ފެޅިގެން

ބޭރަށް ނިކުންނަހާ ވަރަށް އޭނާގެ ހިތަށް އަނިޔާ ލިބިއްޖެއެވެ. ހޮސްޕިޓަލުގައި އެތައް ދުވަހަކު އޮތުމަށްފަހު ގެއަށް އައިސް ވަންދުވަހު މައިޝާއަށް މިލިބުނީ ކޮންފަދަ ހަދިޔާއެއް ހެއްޔެވެ. އޭނާގެ ހަޔަތަށް އައީ ބޮޑުތޫފަނެކެވެ. މައިޝާ ދެލޯ ފޮހެލާ ހިންދިރުވައިލިއެވެ. އެއަށްފަހު އޭނާވެސް އެގެއިން ނިކުމެގެން ދިއުމުގެ ކުރިން ކޮންމެސް އެއްޗެއް ބުނެވޭތޯ މަސައްކަތް ކުރިއެވެ.

އަޔާޒު!. އަހަރެން މިގެއަށް އައިސް މިގޭގައި އުޅެންފެށީ އަޔާޒު ބެނުންވެގެން އަހަރެން ގެނައިމަ. ކޮބާ އެދުވަހު ރަސްފަންނުގައި އޮވެ އަޔާޒު ދެއްކި ވާހަކަ. ބުނަން ކޮންމެ މީހަކުވެސް ނުލިބޭހާއިރު ތިޔަކަހަލަ އެތައް ފޮންޏެއް ކަނޑާނެ. އަޔާޒު ހީކުރީ އަޔާޒުއާ އަޔާޒުގެ އަންހެނުން އަހަންނަށް ޖެއްސުންކޮށް އަނިޔާކޮށް ހެދީމައި އަހަރެން އެކަމުގެ ބަދަލު ހިފަން ނިކުންނާނެ ކަމަށްތަ. ނުނިކުންނާނަން. އަހަރެން މިގެއިން މިނިކުންނަނީ ދެން ދުވަހަކުވެސް އަނބުރާ މިގެއަށް ނާންނަ ގޮތަށް. ހަނދާން ކުރާތި އަދި ބުނަން އަޔާޒު ތިޔަދިން އަނިޔާއަށް އަހަރެން މަޢާފުކޮށްފިން. އެއީ ހަމައެކަނި އަޔާޒު ދެކެ ވާ ލޯތްބަށްޓަކާ. ދެން އިތުރަށް އަހަރެން ހޯދަން މަސައްކަތް ނުކުރާތި.

މައިޝާގެ ހިތުގައިވާ ކުރު މެސެޖު އަޔާޒަށް ދިނުމަށްފަހު ފޮށި ހިފައިގެން އޭނާ ގެއިން ނިކުތެވެ. އޭނާ ރޮމުން މަންމަމެންގެ ގެއަށް ދިޔައިރު އެންމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ، ބުނަން ! އެކަކުވެސް އަހަރެންނާ ދޭތެރޭ ވިސްނާ ހިތާމަކޮށްގެން ނުވާނެ. މަންމަވެސް މިކަމާ ނުވިސްނާތި. އަހަންނަށް އާ ބާރަކާ އާހިތްވަރެއް ލިބި އާދިރިއުޅުމަކަށް އާމަގެއް ކޮށުމުގައި ތިޔަހުރިހަ އެންމެންގެ އެހީވެސް ބޭނުން. އިތުރަށް އެއްޗެއް ނުބުނެ މައިޝާ ގޮސްވަނީ ކޮޓަރިއަށެވެ.

އިތުރު ދިރިއުޅުމަކަށް ވިސްނައި މައިޝާ ބެލީ އަޔާޒު މަތިން ހަނދާން ނައްތާލެވޭތޯއެވެ. އޭނާ ދިން އަނިޔާތަކުގެ ތެރެއަށް ދެވަނަ ފަހަރަށް ދާން ބޭނުން ނުވާތީއެވެ. އޭނާ ކިތަންމެ އަޔާޒުދެކެ

ލޯބިވިޔަސް ދެން އަޔާޒު ގާތަކަށް ނުދާނެއެވެ. މައިޝާ އެވަނީ ބިންގަލާއި އެކު އެހަނދާންތައް ފުހެލައިފައެވެ.

ދުވަސްގަނޑަކަށްފަހު މައިޝާ އަނެއްކާވެސް އާ ލޯބިވެރިއަކު ހޯދިއެވެ. މިފަހަރު އެކަމަށް އިސްވެ އުޅުނީވެސް ޚުދު މައިޝާއެވެ. އާޚިރުގައި ކަންވީގޮތް އެނގޭހެއްޔެވެ. މައިޝާ ލޯބީގެ ގޮތުން ގުޅުނީ އަޔާޒުގެ އެއްބަނޑު އެއްބަފާ ކޮށްކޮ ރިލްވާންއާއެވެ. އެކަމުން އެންމެ ބޮޑު އަސަރެއް ކުރީ އަޔާޒަށެވެ. އެކަމުގެ ސަބަބުން އަޔާޒުގެ މުޅި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކާއެކު ހުއްޓުމަކަށް އައި ފަދައެވެ. މުޅި ހުރިހާ ގުނަވަންތަކުގެ ހަރަކާތް އެއްފަހަރާ ހުއްޓުނުހެން ހީވިއެވެ. އަޔާޒު ހަމަބިމަށް ތިރިވާން ފެށިއެވެ. މުޅި މީހާއަށް މޮޔަ ގޮވަން ފެށުނެވެ. ފަހު ވަގުތު އަޔާޒުގެ އަންހެނުން ރިފްދާ މަސްތުވާ ތަކެއްޗާއެކު ވިލިމަލެއިން ހައްޔަރު ކުރީއެވެ. އާނއެކެވެ! އަޔާޒު ހަމަ ރަނގަޅަށްވެސް މޮޔަވީއެވެ. ހަމަޖެހޭ އެއްޗެއް ނުކިޔޭ ތާނގައި ހަމަޖެހޭ ކަމެއްވެސް ނުކުރެއެވެ. އެންމެފަހުން އަޔާޒަށް ހަމަޖެހިފައިވާ މަންޒިލަށް އޭނާ ގެންދެވުނެވެ. އާދެ! ގުރައިދޫގައި އޭނައަށް ޚާއްޞަ ކުރެވިފައިވާ ތަނަށެވެ.
- ނިމުނީ -