ޚަބަރު

އެއްވަނަ ކެޑޭޓް ހެވިއެދުރު ކޯހުގެ ދަސްވެނިވުން ބާއްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ހެވިއެދުރުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އަލަށް 14 ކެޑޭޓަކު ތަމްރީން ކުރައްވައިފިއެވެ.

މި ޕްރޮގްރާމުގެ ދަސްވެނިވުން ބާއްވާފައިވަނީ ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވެވި މި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކެޑޭޓް ޑްރިލް އިންސްޓްރަކްޓަރ ކޯހުގެ ކަރިކިއުލަމްވެސް ވަނީ ރަސްމީކޮށް ނެރުއްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ހެވިއެދުރުން އުފެއްދުމުގެ ތަމްރީން ޕްރޮގްރާމަކީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގައި ހިންގަވާ ޕްރޮގްރާމެކެވެ. މިއަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހުން ފެށިގެން މެއި 12 ވަނަ ދުވަހަށް ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ހިންގެވި އެއްވަނަ ކެޑޭޓް ޑްރިލް އިންސްޓްރަކްޓަރ ކޯހުގައި އުނގަންނައިދެއްވި ބައިތަކުގެ ތެރޭގައި ފުޓް ޑްރިލް، ރައިފަލް ޑްރިލް، ހޭންޑް ޑްރިލް، ފްލެގް ޑްރިލްއާއި ޓީޗިންގ ޕްރެކްޓިސްއާއި، ޑްރިލް އިން ސްކޮޑްގެ ބައިތައް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14633770594122.jpg|އެއްވަނަ ކެޑޭޓް ޑްރިލް އިންސްޓްރެކްޓަރ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

މި ކޯހުގެ މެރިޓުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކެޑޭޓް ކޯޕްރަލް ޢަބްދުﷲ ފިރާޝްއެވެ. މުޅި ކޯހުގެ މެރިޓުން ދެވަނަ ދަރިވަރަކަށް ކެޑޭޓް ވޮރަންޓް އޮފިސަރ ގްރޭޑް 1 އަޙްމަދު އައިމަންއެވެ. މުޅި ކޯހުގެ މެރިޓުން ތިންވަނަ ދަރިވަރަކަށް ހޮވުނީ ކެޑޭޓް ލެފްޓިނަންޓް ރިއްފާން ޢަލީއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ހެވިއެދުރުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އަލަށް ތަމްރީންކުރެއްވި ކެޑޭޓުންނަށް ސެޓްފިކެޓް ދެއްވީ މިކަމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލްއެވެ. އަދި ކެޑޭޓް ޑްރިލް އިންސްޓްރަކްޓަރ ކޯހުގެ ކަރިކިއުލަމް ރަސްމީގޮތުން ނެރެދެއްވީވެސް އިބްރާހީމް އިސްމާޢީލްއެވެ.

މި ރަސްމިއްޔާތުގައި، ކޯހުގެ ދަރިވަރުން ވަނީ ސިންކްރޮނައިޒްޑް ޑްރިލް ޑިސްޕްލޭއެއް ހުށަހަޅައިދީފައެވެ. މި ޑްރިލް ޑިސްޕްލޭގައި ހިމެނިފައިވަނީ ކޯހުގެ މުއްދަތުގައި ދަރިވަރުންނަށް އުގަންނައިދެވުނު ހަރަކާތްތަކުގެ އިތުރުން ޑިސްޕްލޭއަށް ޚާއްޞަކޮށްގެން ދަރިވަރުންނަށް ދަސްކޮށްދެވުނު ހަރަކާތްތަކެވެ.