ދިވެހިރާއްޖެއަކީ މިތަނުގައި މީހުން ދިރިއުޅެން ފެށީއްސުރެ މިނިވަން މުސްތަޤިއްލު ރާއްޖެއެއްކަން ތާރީޚު ހެކިދެއެވެ. މިއީ ސަރަޙައްދުގައި އޮތް އެންމެ ދޮށީ ދައުލަތެވެ. މުއްސަނދި ސަޤާފަތަކާއި ތާރީޚެއް ލިބިގެންވާ ފަޚުރުވެރި ޙަޟާރަތެއްމެއެވެ.
އެހެންނަމަވެސް ޣައްދާރުންނާއި ޚާއިނުގެ މަދު ބައެއްގެ ނުބައިކަމުން މިޤައުމުގެ އަރުގައި އަޅުވެެތިކަމުގެ ހިތި ރަހަ ލާފައިވާ އެތައް ފަހަރެއްގެ ވާހަކަ ތާރީޚީ ކަޅު ސަފްޙާތަކުގައި ލިޔެވިފައިވެއެވެ. މިއިން ކޮންމެ ފަހަރަކުވެސް ޣައްދާރުން ފާޅުވެ އެނގެއެވެ. އަދި މިނިވަންކަމުގެ ރަތް ރޮނގު އެމީހުންގެ ޖާނާއި ފުރާނައިން ފަވާލާ، ޤައުމީ އަބްޠާލުން މިރާއްޖެ ދިފާޢުކުރެއެވެ.
2018ވަނަ އަހަރުން 2023ވަނަ އަހަރަށް ފާއިރުވެދިޔަ ފަސް އަހަރު ދުވަހަކީވެސް ދިވެހިންގެ އަރުގައި އަޅުވެތިކަމުގެ ހިތިރަހަ "ފޮނި ޒަހަރެއް"ހެން ލައްވާލި ފަސް އަހަރުދުވަހޭ ދަންނަވަންޖެހެއެވެ. ޤާނޫނީގޮތުން ރާއްޖެ މިނިވަނެވެ. ޑިމޮލޮމެޓިކް ގޮތުން މިއީ މުސްތަޤިއްލު ރާއްޖެއެކެވެ. އެހެންނަމަވެސް ރާއްޖެ އޮތީ އަމިއްލަ ފައިމައްޗަށް ތެދުވޭވަރަށް އިނދަ ޖައްސާލާފައެވެ. ޚާރިޖީ ގޮތުން ވަކި ބައެއްގެ ފައިބުޑަށް ވެއްޓި ކުޑަކަކޫ ޖެހިފައެވެ. ބައިނަލްއަޤްވާމީ ދުނިޔޭގައި ބައެއްގެ ދުލުން ބަސްބުނާހާ ނިކަމެތިވެފައެވެ. މިޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރު މަޢުރޫފް ހިންގަވާ ބޭރު ޤައުމެއްގެ ސަފީރަކު މިތަނުގައި ހުންނަކަމުގެ ތުހުމަތު ދިޔައީ ކުރެވެމުންނެވެ.
ދިވެހި ދައުލަތާއި ބޭރުގެ ދައުލަތަކާ ދެމެދު ގޮތް ނޭނގޭ ހަޤީޤަތް ނޭނގޭ އެތައް އެއްބަސްވުމެއް އޮތީ ހެދިފައެވެ. އެއިން އެއްބަސްވުމެއައި އޮތް އެއްޗެއް ދިވެހިންގެ ޤާނޫނުހަދާ މަޖިލީހަކަށް ނޭނގެއެވެ. އަމުދުން ޢާންމު ރައްޔިތަކަށް ނޭނގެއެވެ. އެކަމާމެދު ސުވާލެއް ކޮށްލުމުގެ ފުރުސަތުވެސް ދިވެއްސަކަށް ނެތެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އުތުރުކަރައާއެކު، ގޮތް ނޭނގޭ 100 އަށްވިގެ ގިނަ ސިޔާސީ އެއްބަސްވުންތައް ހަދާފައި އޮތެވެ. އެއީ ތަރައްޤީގެ މަޝްރުޢުތަކުގެ ނަމުގައި "ފިނިހަކަ ދުވެލީގައި" ހިނގަމުންދިޔަ ކަންކަމާ ގުޅޭ އެއްބަސްވުންތައް ނުހިމަނައެވެ. އެވެސް އޮތީ ދިވެހި ދައުލަތަށް ތުރާލަކަށް ވާހެނެވެ.
ގޮތް ނޭނގޭ އެއްބަސްވުންތައް އޮތީ ކިހިނެއްތޯ ބަލާލުމުގެ ފުރުސަތު ދިވެހިންނަށް ލިބުނީ 2023ވަނަ އަހަރު ވެރިކަން ބަދަލުވެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވުމުންނެވެ.
ބިތުފަންގި ނަގައި ރަނގަޅަށް ބަލާލިއިރު، އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ނުރައްކާތެރި އެތައް ކަމެއް ހިމެނޭކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ. އެހެންކަމުން ރައީސް ޑރ.މުޢިއްޒު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި އެއް ކަމަކީ ވެރިކަމުގެ ފުރަތަމަ ދެދުވަހުގެ ތެރޭގައި ނުރައްކާތެރި އެއްބަސްވުންތައް އުވާލެއްވުމާއި އަނެއްބައި އެއްބަސްވުންތަކުގައި ހުރި ޤައުމީ ސަލާމަތަށް ނުރައްކާވާ ބައިތައް އުވާލެއްވުމެވެ.
"މިއީ އަމިއްލަވަންތަ ފަހުރުވެރި މިނިވަން ގައުމެއް. މި ގައުމުގެ ކަންކަން ދިވެހިން ނިންމާނީ، ބޭރު ބަޔަކު ބުނާހާ ގޮތަކަށް ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަށް އެކަންޏެއް ނޫން މި ގައުމުގެ ކަންކަން ހިނގަން ޖެހޭނީ. އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ޙުއްބުލްވަޠަނުގެ ވަރުގަދަ ވަޢުދެއް ވެވަޑައިގަންނަވަމުންނެވެ. ތިމަން މަނިކުފާނު ރާއްޖޭގެ މިނިވަންކަމުގެ އިން ވަރަށް ފަލަކޮށް ލަތްކުލައިން ފަވާލައްވާނެކަމަށް ވިދާޅުވިއެވެ.
އެއާއެކު ރާއްޖޭގައި ގާއިމުވެތިބި އުތުރުކަރައިގެ ސިފައިން ބޭލުމުގެ ޢަމަލީ މަސައްކަތް ފެށްޓެވިއެވެ. މިއީ 2007ވަނަ އަހަރުން ފެށިގެން ކޮންމެ ވެރިއަކުވެސް ކުރައްވަން ބޭނުންފުޅުވި، ނަމަވެސް ކާމިޔާބުވެ ވަޑައި ނުގެންނެވި ކަމެކެވެ. ރާއްޖެއާއި އުތުރުކަރައާ ދެމެދުގައި ވެފައިއޮތް އެއްބަސްވުމެއްގެ ދަށުން އެކަރައިން ހަދިޔާކުރި ވައިގެ އުޅަނދުތައް ދުއްވުމުގައި ޤައުމީ ދިފާއީބާރަށް އެހީވުމުގެ ގޮތުންކަމަށްބުނެ އައި އުތުރުކަރައިގެ ސިފައިން އަނބުރާ ނުގޮސް މިރާއްޖޭގައި ފައި ހަރުކުރިއެވެ. މިކަމަށް އެތައް އަހަރުތަކެއް ވެގެންދިއުމަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. ރާއްޖޭގައި އެހެން އެއްވެސް ޤައުމެއްގެ ސިފައިންނަށް ގާއިމުވެތިބެވިގެން ނުވާނެ ކަމަށާ ގާއިމުވެ ތިބި ސިފައިން އަނބުރާ ފޮނުވާލާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ދެއްވިއެވެ.
ރައީސް ޞާލިޙުގެ ވެރިކަން ބަދަލުވުމަށްފަހު މިސަރުކާރުން މިމައްސަލަ ބެލިއިރު، ސެނަހިޔާގައި ތިބި ޑޮކްޓަރުން ހިމެނޭހެން ރާއްޖޭގައި ޤާއިމުވެތިބި އުތުރުކަރައިގެ ސިފައިންގެ ޢަދަދު 83އަށް އަރާކަމަށް ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުން ދައްކައެވެ. އެހެންނަމަވެސް މިއީ މިދިޔަ ވެރިކަމުގައި މިރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އަސްލު ޢަދަދުތޯ، ނުވަތަ އިންތިޤާލީ މަރުޙަލާގައާއި އޭގެކުރިން ބަޔަކު ފިލީތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އެއީ ހދ.ހަނިމާދޫގައި ވަކި ޢަދަދެއް ނޭނގޭހެން އުތުރުކަރައިގެ ސިފައިން ޤާއިމުވެ ތިބިކަމާއި ރާއްޖޭގެ އިމިގްރޭޝަނަށް ނޭނގި ބޭރަށް އެމީހުން ރާއްޖެ އެތެރެވުމައި ބޭރުވުމުގެ ދަތުރުތައް ކުރަމުންދިޔަކަމުގެ ތުހުމަތު ދިޔައީ ކުރެވެމުންނެވެ. ރާއްޖެއަށް ވަދެ ނުކުތީ އެ ޤައުމުގެ ކިހާ އަދަދެއްގެ ސިފައިންކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ. މިއީ އެއްވެސް ޤައުމެއްގައި ބޭރުގެ ބާރަކަށް ދޭ މިނިވަންކަމެއް ނޫނެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް ޑރ.މުޢިއްޒު ވަނީ އުތުރުކަރައިގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ޤައުމުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ސުލްހަވެރިކަމާއި ޑިޕޮލޮމަސީގެ އުސޫލުގެ ތެރެއިން ފަށްޓަވާފައެވެ. އެގޮތުން ދެ ޤައުމުގެ ކަމާ ގުޅުންހުރި އިދާރާތައް މަޝްވަރާކޮށް މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އުތުރުކަރައިން ވަނީ އެއްބަސްވެފައެވެ.
މި މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ ދެ ޕްލެޓްފޯމެއްގައި ގާއިމުވެތިބި އުތުރުކަރައިގެ ސިފައިން ސަރުކާރުން ވަނީ އަނބުރާ ފޮނުވާލައިފައެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް މެއި 10ގެ ފަހުން އެ ޤައުމުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
އިންޑިއާއިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމަށް އެ ޤައުމުގެ ސިވިލިއަނުން ނުވަތަ އަސްކަރިއްޔާއަށް ނިސްބަތްނުވާ ކްރޫއިން ވަނީ ގެނެސްފައެވެ. މި ކްރޫއިން ގެނައި ނަމަވެސް އެ މީހުންގެ އޮޕަރޭޝަނަލް ކޮންޓްރޯލް ދިވެހި އަސްކަރިއްޔާ، އެމްއެންޑީއެފަށް ވަނީ ދީފައެވެ. އެހެންކަމުން ހުރިހާ އޮޕަރޭޝަނެއް ހިންގާނީ ސީދާ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. އަދި އެމީހުންގެ އުޅަނދުތަކުގައި ކުރަމުންއައި، ބަލިމީހުން އުފުލުމުގެ ދަތުރުތަކަށް ދިވެހި އަމިއްލަ، ވައިގެ އުޅަނދުތައް ވަނީ ބޭނުންކުރަން ފަށާފައެވެ. އެއަރ އެމްބިއުލާންސާއެކު އިންޤިލާބީ ބަދަލެއް ވަނީ މިދާއިރާއަށް ގެނެސްފައެވެ.
ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ވަކި ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ޤައުމުގެ އަސްކަރިއްޔާ ވަރުގަދަކުރުމުގެ މަސައްކަތް ވެސް ރައީސް ޑރ.މުޢިއްޒު ވަނީ ފަޚުރުވެރިކަމާއެކު ފަށްޓަވާފައެވެ. މީގެ ކުރިން ކަނޑާއި އެއްގަމު މަގުން ރާއްޖޭގެ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ޤާބިލްކަމެއް ނެތް މި ޤައުމުގެ ތާރީޚު މިހާރުވަނީ ބަދަލުކޮށްލާފައެވެ. ވެރިކަމަށް ވަޑައިގެންނެވިތާ ދެމަހެއްހައި ދުވަހުގެ ތެރޭގައި ރާއްޖޭގެ އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް "އެއަރ ކޯ" ތައާރަފުކުރައްވައި ޤައުމީ ދިފާޢީ ބާރަށް އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްދެއްވާފައެވެ.
އެއަރ ކޯއާއެކު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ވައިގެ މަގުން ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ވަނީ އަސްކަރީ ޑްރޯންތައް ބޭނުން ކުރަން ވެސް ފަށައިފައެވެ. މިތަކެތި އޮޕަރޭޓް ކުރުމުގައި ދިވެހި ސިފައިން ހަރަކާތްތެރިވާއިރު މިއަހަރުގެ ތެރޭގައި ރާއްޖޭގައި "ހެލިކަޕްޓަރ ސަރވިސް" ފެށުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ވެސް ރައީސުލްޖުމްހުރިއްޔާ ވަނީ ނިންމަވާފައެވެ. އެގޮތުން، ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވާތީ ކޯސްޓުގާޑުގެ ގާބިލުކަން އިތުރުކުރުމަށް މި ފަސް އަހަރު ތެރޭގައި އެކި ސައިޒުގެ އުޅަނދުތައް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކޯސްޓްގާޑުގެ އިތުރުން އެއަރކޯއަށް ވެސް ވައިގެ އިތުރު އުޅަނދުތަކާއި އެމްއެންޑީއެފަށް އެއްގަމުގެ އިތުރު އުޅަނދުތައް ހޯއްވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުން އިސްކުރާ، ދިވެހީންނަށް ރަނގަޅު ގޮތް އިހުތިޔާރު ކުރެވޭ ކޮންމެ ގޮތަކީ ރާއްޖެއަށް ރަނގަޅު ގޮތް. އެގޮތަކަށް އެހީތެރިކަން ދޭ ކޮންމެ ޤައުމަކީ އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން އޮންނާނީ އިއުލާންކޮށްފައި. އެ ސިޔާސަތުގެ ދަށުން އިއްޔެވެސް މިއަދުވެސް ކުރިއަށް މިދަނީ. އަދި އިރާދަކުރެއްވިއްޔާ މާދަމާވެސް ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެވެ.
ދިވެހިންނަށް ހުރިހާ ގޮތަކުން ހަގީގީ މިނިވަންކަން މި ފަސް އަހަރު ތެރޭގައި ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ. އެގޮތުން، ކުރީ ސަރުކާރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ވެސް މިހާރު ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ވަކި ޤައުމަކަށް ބަރޯސާވެފައި މިހާތަނަށް ރާއްޖެ އޮތް އޮތުން ބަދަލުކޮށް އެކި ޤައުމުތަކާއެކު ގުޅުން ބަދަހި ކުރުމަށް ޚާރިޖީ ސިޔާސަތުތައް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް އަދި 5 މަސްދުވަސް ނުވެއެވެ. އެހެންނަމަވެސް އެމަނިކުފާނު ވެވަޑައިގެންފައިވަނީ ފޮހެވެމުން ދިޔަ، ރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގު ފަވާލެއްވި ރައީސްގެ ގޮތުގައެވެ.