ޚަބަރު

ފަރުމަހުގެ މަސްވެރިކަމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހަމަވާނެ


  • ލޯނަށް ހުށައެޅުމަށް ހުޅުވާލީ ފެބްރުއަރީ މަހުގައި

  • ފަހުމަހުގެ މަސްވެރިކަމާއި ގުޅޭ އެކިއެކި ކަންކަމަށް ލޯނަށް އެދެވޭނެ

ސަރުކާރުގެ ހަފްތާ14 މަގުޗާޓުގައި ހިމަނައިގެން ފަރުމަހުގެ މަސްވެރިންނަށް ހުޅުވާލި ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހަމަވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މި ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ.

ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ސަރުކާރުން ވަކި ލޯނެއް ތައާރަފްކުރުމުގެ ބޭނުމަކީ ފަރުމަހުގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ތައާރަފްކޮށްފައިވާ މިލޯނަކީ އެސްޑީއެފްސީގެ ކަނޑުފަޅުގެ ނަފާގެ ދަށުން ތައާރަފްކޮށްފައިވާ ލޯނެކެވެ. މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް އޮތީ ހުޅުވާލާފައެވެ.

ލޯނަށް އެދި ހުށައެޅޭނެ ދާއިރާތައް:

* ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު އަލަށް ބަނުމަށް ނުވަތަ ގަތުމަށް
* ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު މަރާމާތުކުރުމާއި އިތުރު ބަދަލު ގެނައުމަށް
* ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގައި އިންޖީނު އެޅުމަށް
* ފަރުމަހުގެ މަސްވެރިކަމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް

ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އިފްތިތާހް ކޮށްފައިވާ މި ލޯނު ނަގާއިރު ރަހުނު ނުބަހައްޓާ 7 ލައްކަ ރުފިޔާއާ ހަމައަށް ލޯނު ނެގޭނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރާ ފަރުމަހުގެ މަސްވެރިކަމަށް ހާއްސަކޮށްގެން ލޯނެއް ތައާރަފްކޮށްފައިވާއިރު ސަރުކާރުގެ ސިޔާސަތަކީ ފަރުމަހުގެ މަސްވެރިކަން ކުރިއެރުވުމަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދިނުންކަން ވަނީ ހާމަކުރައްވާފައެވެ.