ދުނިޔެ

ޙަލަބްގައި ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލައްވައިފި


ސޫރިޔާގެ އުތުރުގެ ބޮޑު ސިޓީއެއްކަމަށްވާ ޙަލަބްގައި އެޤައުމުގެ ސަރުކާރާއި، އިދިކޮޅު ފަރާތްތަކުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީއާއި އދ އިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްތަފަން ދެ މިސްތޫރާ ގޮވާލައްވައިފިއެވެ.

ހަމަލާ ބަދަލުކުރުންތަކުގައި މިދިޔަ ދިހަވަރަކަށް ދުވަހުގެ ތެރޭގައި ސޫރިޔާގެ 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އ.ދ.އިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަ ޚާއްޞަ މަންދޫބު ސްތަފަން ދެ މިސްތޫރާއާއި ޖެނީވާގައި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވީ މިހާރު ޖެނީވާގައި ކުރިޔަށްދާ މަސައްކަތުގެ ޒަރިއްޔާއިން އެމެރިކާއާއި ރަޝިއާއިން މެދުވެރިވެ މިދިޔަ ފެބްރުއަރީމަހު ސޫރިޔާގައި އެކުލަވާލެވުނު އަސްކަރީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުން ވިހާވެސް އަވަހަށް ރުޖޫއަ ކުރެވޭނެކަމަށް އުންމީދުކުރާކަމަށެވެ.

ހަލަބްގައި މީގެ ހަފްތާއެއްގެ ކުރިން ދެފަރާތުން ބަދަލުކުރަމުންދިޔަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މިކަމުގެ ސަބަބުން ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ހަލަބްގެ 250 އަށްވުރެ ގިނަ ރައްޔިތުން ވަނީ ވައިގެ ހަމަލަތަކުގެ ސަބަބުން މަރުވެފައެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ކެރީ ވިދާޅުވީ ފެބްރުއަރީ މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެވުނު އެއްބަސްވުން ތަންފީޒުކުރަމުން ދިޔަ ދުވަސްވަރު ސޫރިޔާގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެން ދިޔަކަމަށެވެ. މިގޮތުން ހާލުގައި ޖެހިފައިތިބި މީހުންނަށް އިންސާނީ އެހީފޯރުކުރުމާއި، އާންމުންގެ ދިރިއުޅުން އާރާސްތުކޮށް، އާންމު ހާލަތަށް ކަންތައްތައް ގެނައުމަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ސަބަބުން ބޮޑު އެހީއެއް ލިބިގެން ދިޔަކަމަށެވެ. ކެރީ ވިދާޅުވީ މިދިޔަ ދެހަފްތާއެއްގެ ތެރޭގައި ސޫރިޔާގެ، ހާއްސަކޮށް ހަލަބުގައި ވަރަށް ބޮޑަށް ހަމަނުޖެހުންތައް ގޯސްވެފައިވާކަމަށެވެ. ހަލަބުގެ ހާލަތު މިހާބޮޑަށް ގޯސްވީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހުއްޓުމެއްނެތި ހަމަލާ ބަދަލުކުރަމުން ދިއުމުގެ ސަބަބުންކަން ކެރީ ފާހަގަކުރެއްވިއެވެ.

ސޫރިޔާ އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވީ ސަރުކާރުގެ ފަރާތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގައުމުގެ ލަތާކިއާ އަދި ދިމިޝްގުގައި ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލިކަން އިއުލާންކުރި ކަމަށެވެ. އަދި މިއީ މިދިޔަ ފެބްރުއަރީމަހު އެއްބަސްވި އަސްކަރީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ރުޖޫއަކުރުމަށް އެޅި ފިޔަވަޅެއްކަމަށް ސޫރިޔާގެ އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް ހަމަލާ ބަދަލުކުރުން ހުއްޓާލި ސަރަހައްދުތަކުގެ ތެރޭގައި އިދިކޮޅު ހަނގުރާމަވެރިން ގިނަ ސަރަހައްދެއްކަމަށްވާ ހަލަބް ނުހިމެނޭކަމަށް ސޫރިޔާ ސަރުކާރުގެ އަސްކަރީ އޮޕިޝަލުން މައުލޫމާތުދިނެވެ.

ސޫރިޔާގައި ބަދަލުކުރަމުންދިޔަ ހަމަލާތައް މިދިޔަ ފެބްރުއަރީމަހު ސޫރިޔާގެ އަސްކަރިއްޔާއިންނާއި ގުޅިފައިވާ ފައުޖުތަކުން، އަދި އިދިކޮޅު ފަރާތްތަކުންވެސް ކޮންމެސް ވަރަކަށް މެދުކަޑާލިނަމަވެސް ދެފަރާތުން މިއެއްބަސްވުމާއި އެކި ފަހަރުމަތިން ހިލާފްވަމުންގޮސް އެއްބަސްވުންވަނީ އުވާލާފައެވެ. ފެބްރުއަރީމަހުގެ އެއްބަސްވުން ތަންފީޒް ކުރަމުންދިޔައިރުވެސް ސޫރިޔާގެ ސަރުކާރާއި ގުޅިފައިވާ ފައުޖުތަކުން އައި.އެސްއަށް ރަމްޒުކޮށްކަމަށް ބުނެ ސޫރިޔާގެ އެކި ސަރަހައްދުތަކުގައި ދިޔައީ އަސްކަރީ ހަމަލާތައް ދެމުންނެވެ. އަދި މިކަމުގެ ރައްދުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންވެސް ދިޔައީ ހަމަލާ ބަދަލުކުރަމުންނެވެ. ދެން ފެނިގެން ދިޔައީ ހަމަލާ ބަދަލުކުރުން ހުއްޓުމުގެ އެއްބަސްވުން އެކުގައި އުވިގެންދިޔަތަނެވެ.

އ.ދ.އިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަ ޚާއްޞަ މަންދޫބު ދިމިސްތޫރާ ވިދާޅުވީ މެދުކެނޑިފައިވާ ސޫރިޔާގެ ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށްޓަކާ ބޮޑު މަސެއްކަތެއް ކުރަމުންދާކަމަށެވެ. މިގޮތުން ރަޝިއާގެ ހާރިޖީ ވަޒީރާއި އެކު މިކަމުގެ މަޝްވަރާތައް ކުރުމަށް ރަޝިއާއަށް ދަތުރުކުރާނެކަމަށް ދި މިސްތޫރާ ވިދާޅުވިއެވެ.