ޚަބަރު

މަސައްކަތްތެރިންގެ ދުވަސް: ޙައްޤުތައް ކަށަވަރުކުރަން ރާއްޖޭގައިވެސް ގިނަ ފިޔަވަޅުތަކެއް


  • ރާއްޖޭގައި މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 2011 ވަނަ އަހަރު

  • ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުންނަށް އަލުން އެ ފުރުޞަތު ދިނުމަށް ނިންމި

  • ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅުއްވާނެ

މަސައްކަތްތެރިންގެ ހައްޤުތައް ހޯދުމަށް އަޑު އުފުލުމަށް ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަމުން ދަނީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭ ގޮތުގައެވެ.

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ޝިޢާރަކީ "އެންޝުއަރިން ސޭފްޓީ އެންޑް ހެލްތް އެޓް ވޯކް އިން އަ ޗޭންޖިން ކްލައިމެޓް" ނުވަތަ "މޫސުމީ ގޮންޖެހުންތަކާއެކުވެސް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން" މި ޝިޢާރެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރަން ޖެހުނު މައިގަނޑު ސަބަބަކީ މަސައްކަތްތެރިންގެ ހައްޤުތަށް ރައްކާތެރިކުރުމަށް 1886 ވަނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހު އިންގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ އަމާން މުޒާހަރާއަށް ދިން އުދުވާނީ ހަމަލާއެވެ. ލަންޑަންގެ ހޭ މާކެޓްގައި ހިންގި މި އުދުވާނީ ހަމަލާގައި 7 ފުލުހަކާއި އާންމުންގެ 4 މީހަކު މަރުވެފައިވާއިރު، އެ ލޭ އޮހޮރުވުމުގެ ސަބަބުން ހަރަކާތް ފުޅާވެ މަސައްކަތްތެރިންގެ ހައްޤުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހެއްގެ ގޮތުގައި މޭމަހުގެ 1 ވަނަ ދުވަސް ކަނޑައެޅިއެވެ.

މި ދުވަސް ފާހަގަކުރުމަށް 1980ގެ ފަހުކޮޅު ހިންގަން ފެށި މިހަރަކާތްތަކުގެ ނަތީޖާއަކަށްވެގެންދިޔައީ، މަސައްކަތްކުރަންޖެހޭ ވަކި ވަގުތުތަކެއް ކަނޑައަޅައިދީ މަސައްކަތުގައި ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަކުރުމަށް އެތައް ފިޔަވަޅުތަކެއް ގިނަ ޤައުމުތަކަކުން އަޅަން ފެށުމެވެ. އެގޮތުން އަމާން މުޒާހަރާތަކަކުން ފެށި މިހަރަކާތްތައް ފުޅާވެ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ހަރަކާތަކަށް މިވަނީ ވެފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މޭ ޑޭ ނުވަތަ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރު ސިޔާސީ ބައެއް ފަރާތްތަކާއި މަސައްކަތްތެރިން ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމީ 2011 ވަނަ އަހަރުއެވެ. އެއާއެކު ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ފުރަތަމަ ދުވަހަކީ މަސައްކަތް ތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅައި އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ނިންމިއެވެ. މިއާއެކު ކަމާގުޅޭ ޤާނޫނަކާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީއެއްގެ އިތުރުން ލޭބަރ ޓްރައިބިއުނަލް އެއްވެސް ޤާއިމުކުރިއެވެ.

ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށިތާ 13 އަހަރުވެގެންދާއިރު މިހާތަނަށް މަސައްކަތްތެރިންގެ ޙައްޤުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. މިހާރަށްބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި 5 އަހަރުގެ ތެރޭގައިވެސް މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން މަސައްކަތްތަކެއް ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އަދި ސިއްޙީ ދާއިރާގެ އިތުރަށް ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެކި ދަޢިރާތަކުގެ ޚިދުމަތްތެރީންގެ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ. އަދި މި ދައުރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

އަދި ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅުއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު މިއީވެސް އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ނިންމި މުހިއްމު ނިންމުމެކެވެ.

މި ސަރުކާރުގެ މެނިފެސްޓޯއަށް ބަލާއިރުވެސް މަސައްކަތެރިންނާ ގުޅުންހުރި އެތައް ކަމެއް ހިމަނުއްވާފައިވެއެވެ. އެގޮތުން ޔުނިފޯމް އެޅީ މުވައްޒަފުންގެ ތެރެއިން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަޒީފާގެ ކުރިއެރުން ހަންގުވިނަމަވެސް އެ ކުރިއެރުން ނުލިބޭމީޙުންނަށް އެ ޙައްޤު ކަށަވަރުކޮށްދެއްވުމަށް ވަނީ ހިމަނުއްވާފައެވެ.

މީގެ އިތުރުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހި ޒުވާނުންނަށް ވަޒީފާ ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތެކެވެ.