ޚަބަރު

މަސައްކަތްތެރިންނަށް ހައްޤުވާ މުސާރަ ކަށަވަރު ކޮށްދިނުމަށް އެމްޓީއޭއިން ގޮވާލައިފި


  • މިނިމަމް ވޭޖްއާއެކުވެސް ބައެއް މަސައްކަތްތެރިންގެ ހާލަތު ބަދަލުނުވާކަމަށް އެމްޓިއޭއިން ބުނޭ

  • މަސައްކަތްތެރިންގެ ގިނަ ހައްގުތަކެއް ހޯދައިދިނުމަށް އެމްޓިއޭއިން ވަނީ ގޮވާލާފަ

ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދީ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްޤުވާ މުސާރަ ކަށަވަރު ކޮށްދިނުމަށް ދައުލަތަށާއި، ވަޒީފާ ދޭ ފަރާތްތަކަށް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ގޮވާލައިފިއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެމްޓީއޭއިން ނެރުނު ބަޔާނެއްގައި، ދިވެހިރާއްޖެއަކީވެސް އެކަށީގެންވާ މުސާރައެއް މަސައްކަތްތެރިންނަށް ލިބި ނުދެވޭ، މަސައްކަތުގެ މާހައުލަށްވެސް އެކަށީގެންވާ ހެޔޮ ބަދަލުތައް އައިސްފައި ނުވާ ގައުމެއްގެ ގޮތުގައި އަދިވެސް އޮތް ޤައުމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލާ، މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ފޯރުކޮށް ދިނުމަށް، އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާފައިވީ ނަމަވެސް، މަސައްކަތްތެރިންގެ ހާލަތަށް އެންމެ އެކަށީގެންވާ ހެޔޮ ބަދަލެއައިސްފައި ނުވާކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އެކި ވަޒީފާތަކުގައި އަދިވެސް، ބައެއް އޮފީސްތަކުގެ ވެރީންގެ ގޮތުގައިވެސް ބިދޭސީން މަސައްކަތް ކުރަމުންދާ ދިއުމާއި، ރިސޯޓުތަކުގައި މަސައްކުރަމުންދާ އެތައް ހާސް މުވައްޒިފުންގެ ކެއުމާއި، ބުއިމާއި، އެކަމަޑޭޝަނާއި، އެމީހުންނަށް ސަރވިސް ޗާރޖު ލިބިދިނުންފަދަ އެތައް ކަމެއްގައި އަދިވެސް ބޮޑެތި އިހުމާލްތައް ހުރިކަމުގެ ޝަކުވާތައް ގިނަކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ. އަދި ބައެއްކަހަލަ މަޤާމުތަކުގައި ތަޢުލީމާއި ތަޖުރިބާއާއި އެކަށީގެންނުވާ ވަރުގެ ބޮޑެތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން އިޖުތިމާއީ އިންސާފު ގެއްލިގެން ގޮސްފައިވާކަމަށް އެމްޓީއޭއިން ބުނެފައިވެއެވެ.

އެ އެސޯސިއޭޝަނުން ބުނީ، މަސައްކަތްތެރިންނާމެދު ބޮޑެތި އިހުމާލުތައް ހުރިއިރު، މަސައްކަތްތެރިންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސީ މަސްލަހަތު އެކަނި އިސްކޮށް، މަސައްކަތްތެރިންގެ ޤުރުބާނީތަކުގެ މަތިން ހަނދާން ނައްތާލާއިގެން ތިބޭ ތިބުމަކީ މިފަދަ ދުވަހެއްގައި ފާހަގަކުރާންޖެހޭ ކަމެއްކަމަށެވެ.

އެމްޓީއޭއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކަށް ދިމާވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.