އެއްވެސް މީހަކު ތަފާތުކުރުމެއް ނެތި، އެންމެންގެ މައްޗަށް ޤާނޫނު ހިންގަވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދ. މީދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔަމީން ވިދާޅުވީ ކޯޓްތަކުން ކުރައްވާ ޙުކުމްތައް ތަންފީޒުކުރެއްވުމަށް މި ސަރުކާރުން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ކުށްކުރާ މީހުންނަށް އެމީހަކު ކުރި ކުށަކަށް އަބަދު ލިބެންޖެހޭކަމަށާއި އެކަމަކީ މި ސަރުކާރުން އުފުއްލަވާނެ ޒިންމާއެއްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ކުށެއް ކޮށްގެން މީހަކަށް އަދަބެއް ދިނުމަށް ކޯޓަކުން ޙުކުމްކުރުމުން އެކަމެއް ތަންފީޒުކުރުމަކީ ރައީސް ގޯސްވެގެން ނުވަތަ ރައްޔިތުންނަށް އިޙްސާންތެރިކަން ނެތިގެން ކުރާކަމެއް ނޫންކަމަށާއި އެއީ ޤާނޫނުން ރައީސްގެ މައްޗަށް މަތިކުރައްވާފައިވާ ކަންކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރައްވަން ނިންމެވުމުން އެކަމަށް އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑުތަކަށް ރައްދުދެއްވައި ރައީސް ޔާމީން ވިދާޅުވީ މަރުގެ ޙުކުމަށް ފާޑުކިޔާ ފަރާތްތަކުން އެކަން ކުރައްވަނީ އިންސާނީ ކަރާމަތަށް ހެޔޮއެދިގެންކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ކޯޓްތަކުގެ ނިންމުތަކަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން އަންނަނީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދު އުފެއްދުމަށްކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މަޤާމްތަކުގައި ތިބޭ މީހުން ޤާނޫނު ނަހަމުގޮތުގައި ބޭނުންކުރާ ކުރުމަކީ ރާއްޖޭގައި އެކަނި އޮތްކަމެއް ނޫންކަމަށެވެ. އަދި އެކަންކަމުގެ ޙައްލު ހޯދާނީ ޤާނޫނީ ނިޒާމްގެ ތެރެއިން ކަމަށާއި މަގުމައްޗަށް ނުކުމެގެން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ ނިޒާމަށް ތަބާވާނަމަ، ތަބާވާންޖެހޭ އެއްކަމަކީ ޤާނޫނޫގެ ބާރު އެންމެންގެ މައްޗަށް ހަމަހަމަކަމަށް ހިންގަންޖެހޭކަމަށް ގަބޫލުކުރުންކަމަށެވެ.