ޚަބަރު

މާލެތެރެ މިހާރަށްވުރެ އަލިކޮށްފައި ބޭއްވުމާއި ގުޅޭ މަޝްވަރާތައް


މާލެތެރެ މިހާރަށްވުރެ ބޮޑަށް އަލިކޮށްފައި ބޭއްވުމަށްޓަކައި މަގު މަތީގައި ހުރި ބައްތިތައް ބަދަލު ކުރުމާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީއާއެކު ފުލުހުން މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުމުގައި، މާލޭގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކަކީ ރޭގަނޑުގެ ވަގުތުތަކުގައި އަނދިރިކޮށް އޮންނަ ތަންތަން ކަމަށްވާތީ އެފަދަ ހިސާބުތަކުގައި ނުރައްކާތެރި ކުށްތައް ހިންގަން މަގުފަހިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ސަރަޙައްދުތައް މިހާރަށްވުރެ އަލިކުރެވިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށާއި މިހާރުވެސް ބައެއް ސަރަޙައްދުތަކުގެ ލައިޓް ބަދަލު ކުރުމުން އޭގެ ފަސޭހަތައް މަގުމަތި ބަލަހައްޓަން ޙަރަކާތްތެރިވާ ފުލުހުންނަށް ލިބެމުންދާކަން ފުލުހުން ފާހަގަކުރައްވައެވެ.

މީގެ އިތުރުން ރަސްފަންނު ސަރަޙައްދާއި ބްރިޖްގެ މަސައްކަތް ހިނގާ ސަރަޙައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އެތަންތަނުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ބޮޑަށް ބެލެހެއްޓޭނެ ގޮތްތަކާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން ބްރިޖުގެ މަސައްކަތް ހިނގާ ސަރަޙައްދަކީ މަސައްކަތް ކުރުމުގައި ގިނަ ބަޔަކު ޙަރަކާތްތެރިވާ ސަރަޙައްދަކަށް ވެފައި އަގުބޮޑެތި އެތައް މުދަލެއް ޖަމާކޮށްފައި އޮތް ސަރަޙައްދެއްކަމުން އެސަރަޙައްދު ވަރަށް ބޮޑަށް ބެލެހެއްޓޭނެ އިންތިޒާމެއް ވީ އެންމެ އަވަހަކަށް ހަމަޖައްސަން މި ބައްދަލުވުމުގައި ނިންމެވިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ އިސްވެރިންނާއި ހައުސިންގ މިނިސްޓްރީގެ އިސްވެރިން ވަނީ މާލޭގައި ހުރި މިފަދަ ކަންކަމާ މެދު މަޝްވަރާކޮށް އެކަންކަން ފުރިހަމަ އިންތިޒާމެއްގެމަތިން ކުރިޔަށް ގެންދިއުމަށްޓަކައި 2 މުއައްސަސާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދިއުމަށް އެއްބަސްވެފައެވެ.