ޚަބަރު

ބިލު ދައްކާފައިވާނަމަ އަންނަމަހުގެ ބިލުން ޑިސްކައުންޓް ދޭނެކަން ފެނަކައިންވެސް ހާމަކޮށްފި


  • ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފަ

  • ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށްވެސް ޑިސްކައުންޓު ލިބޭނެ

  • އެގޮތުނ ޖެހިގެން އަންނަމަހު ތައްޔާރު ކުރާ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ

އޭޕްރީލްމަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފެނަކައިންވެސް ފަށާފައިވާކަން އެފކުންފުނިން ހާމަކޮށްފިއެވެ.

ފެނަކަ ކޯރޕަރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައިކަމަށެވެ.

އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަމަހު ތައްޔާރު ކުރާ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށެވެ. ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ ސަރުކާރުގެ ވިސްނުންފުޅާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މީގެކުރިން ވަނީ ރޯދަމަހުގެ ކަރަންޓު ބިލް އެހެން އެވްރޭޖް މަސްތަކަށްވުރެ ބޮޑު ނުވާނެ ގޮތަށް ހަދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު މިދިޔަ މާރިޗުމަހުގެ ކަރަންޓު ބިލުން ގޭބީސީތަކަށް ވަނީ ބޮޑު ޑިސްކައުންޓެއް ދީފައެވެ. ނަމަވެސް ރޯދަ މަސް ނިމިފައިވަނީ އޭޕްރީލް މަހުގެ 2 ވަނަ ހަފްތާގައިކަމުން އެޕްރީލްގެ މަހުގެ ބިލުވެސް ބޮޑުވުމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރުމުން، މިކަމަށްވެސް ސަރުކާރުންމިވަނީ ލުއިގޮތްތަކެއް ހޯއްދަވާދެއްވާފައެވެ.

ރޯދަމަހުގެ ކަރަންޓު ބިލް ބޮޑުވެގެންދިޔަ އެންމެ ބޮޑު ސަބަބަކީ މިއީ ހޫނު ދުވަސްވަރަކަށް ވުމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމެވެ. މީގެ އިތުރުން ރޯދަ މަހަކީ ކަރަންޓު ބޭނުން ކުރާ މިންވަރު އެހެން މަސްތަކަށްވުރެ އަބަދުވެސް އިތުރުވާ މަހެކެވެ. އެހެން ކަމުން ކުރިއާލާ ކަރަންޓު އިޤްތިޞާދު ކުރުމަށް ކުންފުނިތަކުން އިރުޝާދު ދެއެވެ.