މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލްކުރާ ޖުމްލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފު ހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން މަގޭ ސޯލާ ޕްރޮގްރާމްގެ ތެރެއިން ހިންގާ މަސައްކަތެކެވެ.
އެގޮތުން ފުރަތަމަ އިންސްޓޯލްކުރާ ޖުމްލަ 3 މެގަވޮޓްގެ ނިޒާމްތައް ގަތުމަށް މޫސުމީ ތަރައްޤީއާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި ޖޭވީ ވިޒްޑަމް ނެގޯއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހިމެވެ. ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ވަންގް ޓާއޯއެވެ.
5 އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
މި ވައުދުގެ ދަށުން ކުރިއަށްގެންދާ މަގޭ ސޯލާ މަޝްރޫޢަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ
ބައިވެރިވުން އިތުރުކޮށް އޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ފެށިފައިވާ މަޝްރޫއެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ތަކެއް ރާއްޖޭގެ ރަށްރަށުގައި ޤާއިމުކުރުމެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގަނެވޭ މި 3 މެގަވޮޓް ތެރޭގައި ހިމެނެނީ 3 ކިލޯވޮޓުގެ 375 ނިޒާމާއި، އަދި 5 ކިލޯވޮޓުގެ 375 ނިޒާމެވެ. މިގޮތުން ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވިގެންދާނެއެވެ. މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވިފައިވެއެވެ. އެއީ ޤައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް %5 އެވެ.