ޚަބަރު

"އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދީންނަށް ޚާއްސަ ކާނިވަލެއް


  • ފެސްޓިވަލް ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހު

  • މި ޚާއްސަ ފެސްޓިވަލް ނިންމާލުމުގެ ގޮތުން ހަވާއެރުވުން އޮންނާނެ

އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން "އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދީންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ. މިކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހުގައެވެ.

ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ބާއްވާ މި ހަރަކާތަކީ ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީ އަދި އުރީދޫ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

2 ދުވަހަށް ކުރިއަށްގެންދާ މިކާނިވަލްގައި ބައިވެރިވާ ކުޑަކުދީންނަށް ގުރުއަތުގައި ބައިވެރިވެ ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި ފެސްޓިވަލްގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތައް ހުކުރު ދުވަހުގެ ހަވީރު ފެނިގެންދާނެއެވެ. އަދި ބައުންސިންގް ކާސަލް އަދި ތަފާތު މެސްކޮޓްތަކުގެ އިތުރުން ރީޑިންގެ ވިތް މިސް ޔޫލީ ކިޔާ ހަރަކާތެއްވެސް ހުކުރުދުވަހު ކުރިއަށް ދާނެއެވެ. މީގެ އިތުރުން އެމްއެންޑީއެފްގެ ފަޔަރ ޓްރަކް، އެމްޓީސީސީ ބަސް އަދި އެމްޕީއެލް ރީޗް ސްޓެކަރއަށް އަރާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

މި ފެސްޓިވަލުގެ 2 ވަނަ ދުވަހު ސްޓޯލްތަކުގެ ހަރަކާތަކުގެ ބަދަލުގައި އޮންނާނީ ފެންކުޅީގެ ތަފާތު ހަރަކާތްތަކެވެ. މިގޮތުން ފޯމް ބައުންސިންގް އިންފްލޭޓެބަލްއާއި ބައުންސިންގެ ކާސަލްގެ އިތުރުން ފެން ޖެހުމުގެ ކުޅިވަރު އޮންނާނެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭގައި ވަރަށް ޚާއްސަ މޫވީ ނައިޓެއްވެސް 20:00 އިން 22:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މޫވީ ނައިޓަށްފަހު މި ޚާއްސަ ފެސްޓިވަލް ނިންމާލުމުގެ ގޮތުން ހަވާއެރުވުން އޮންނާނެކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.