ތުރުކީވިލާތުގެ ރައްޔިތުން ވިސާއަކާނުލައި ވިލާތުގެ ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުމުގެ ޕްލޭނަށް ވިލާތުގެ އިއްތިޙާދުން އިޙްތިރާމް ކުރާނެކަމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކެލް ވިދާޅުވެއްޖެއެވެ.
މާކެލް ވިދާޅުވީ ޣައިރު ގާނޫނީގޮތުން ވިލާތަށް ހިޖުރަކުރާ ރެފިއުޖީންގެ ހަރަކާތްތައް ހުއްޓުވުމަށް ކުރަން އެއްބަސްވެފައިވާ ކަންތައްތައް ތުރުކީވިލާތުން ކުރަމުންގެންދާ ކަމަށާ އެހެންކަމުން ތުރުކީވިލާތުގެ ރައްޔިތުން ވިސާއަކާނުލައި ވިލާތަށް ދަތުރުކުރުމުގެ ޕްލޭނަށް އިހްތިރާމް ކުރުމުގައި ވިލާތުގެ އިއްތިޙާދު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާކެލް ވިދާޅުވީ ތުރުކީވިލާތުން ހިޖުރައިގެ އެއްބަސްވުން ތަންފީޒު ކުރަމުން ދިއުމުގެ ސަބަބުން އެގައުމާއި ވިލާތުގެ އިއްތިޙާދާ ދެމެދު އިތުރުބާރު އުފެދިއްޖެ ކަމަށާ ދެފަރާތުންވެސް އިތުބާރު ދަމަހައްޓަން ޖެހޭނެކަމަށެވެ.
ޣައިރު ގާނޫނީގޮތުން ވިލާތަށް ހިޖުރަކުރާ ރެފިއުޖީންގެ ހަރަކާތްތައް ހުއްޓުވުމަށް ވިލާތުގެ އިއްތިޙާދާއެކު ތުރުކީވިލާތުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މާޗުމަހުގެ ތެރޭގައެވެ.