އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ޔޫއެންޑީޕީ ގުޅިގެން ބާއްވާ އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް ރާއްޖެއިން ކޯ ހޯސްޓުކުރަން ހަމަޖެހިފައިވާކަން ޔޫއެންޑީޕީން ހާމަކޮށްފިއެވެ.
މި ފޯރަމްއަކީ ނޫ އިޤްތިޞާދުގެ ދަށުން ޤައުމުތަކަށް ކުރެވޭނެ ކަންކަން ރާވައި ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމަށް ބާއްވާ ފޯރަމެކެވެ. ހޯމަ ދުވަހު ފަށާ ފޯރަމް ކުރިއަށް ދާނީ ހޯމަ އަދި އަންގާރަ ދުވަހުއެވެ. މިފަހަރުގެ ފޯރަމް ރާއްޖެއިން ކޯ ހޯސްޓްކުރާއިރު، މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއާއި، ޔޫއެންޑީޕީއާއި، އިންގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އަދި ޑިވެލޮޕްމެންޓް އޮފީހާއި ގުޅިގެންނެވެ.
ރާއްޖޭގެ ފަރާތުން މިފަހަރުގެ ފޯރަމް ކޯ ހޯސްޓުކޮށްދިނުމާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވަޒީރު މުހައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް ކޯ ހޯސްޓުކުރުމަކީ ފަޙުރުވެރިވާ ކަމެއްކަމަށެވެ. އަދި މި ފޯރަމުގައި މަޝްވަރާ ކުރެވޭ ކަންތަކުގެ ޢަމަލީ މަސައްކަތް އަވަހަށް ފެނިގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Proud to co-host the blue economy forum w/@UNDPMaldives w/support from @FCDOGovUK. Welcome high-level representation from CFN countries & eager to witness quick translation of forum outcomes into tangible action on the ground @enrico_gaveglia https://t.co/VReDsTnoAH
— Mohamed Saeed (@em_saeed) May 11, 2024
މި ފޯރަމުގައި ބައިވެރިވާނީ، ޔޫއެންޑީޕީގެ ކްލައިމެޓް ފައިނޭންސް ނެޓްވޯކުގައި ހިމެނޭ ޤައުމުތައް ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ. މިގޮތުން ފޯރަމުގައި 12 ވަރަކަށް ގައުމުން 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ.
ނޫ އިޤްތިޞާދު ނިސްބަތްކުރަނީ އިޤްތިޞާދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރުކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރުމަށެވެ. ނޫ އިޤްތިޞާދުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑު ދަތުރުފަތުރު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުނި މެނޭޖުކުރުމާއި އަދިވެސް ކަނޑުފަޅާއި ގުޅިފައިވާ މިފަދަ އެހެނިހެން ގިނަ ދާއިރާތަކެއް އެކުލެވެއެވެ.