ޚަބަރު

ގެއްލުނު ދޯނި ހޯދުމަށް 6000 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި


  • ދޯނި ގެއްލިގެން ހޯދަން ފެށީ ހުކުރު ދުވަހު ހަވީރު

  • މިއަދު އެކަނިވެސް 6240 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި

ތިލަފުށިން ފުރައިގެން މ.އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދަނިކޮށް ޚަބަރެއްވެފައިނުވާ މުދާ އުފުލާ ދޯނި ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު އެކަނިވެސް 6000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.

ދޯނި ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހާމަކުރައްވަމުން އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި ކަނޑާއި ވައިގެ މަގުން މިއަދު އެކަނިވެސް 6240 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި މިމަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ. މިދޯނި ހޯދުމަށް ދެދުވަހު ކުރެވުނު މަސައްކަތުން 10،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް މިހާތަނަށް ބަލާފައިވެއެވެ.

އެ ދޯނިން ދަތުރުކުރީ ބަންގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސަކު ހިމެނޭހެން ޖުމްލަ 4 މީހުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ތިލަފުށިން ފުރައިގެން މ.އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދަނިކޮށް ޚަބަރުނުވެގެން ހޯދަމުންދަނީ "AAA-37" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. ހުކުރު ދުވަހު ހެނދުނު 6:00 އެހާކަށްހާއިރު ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 17:20 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފުންވަނީ އެދިވަޑައިގެންފައެވެ.