ޚަބަރު

އީރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ދިމާވި ޙާދިސާއާ ގުޅިގެން ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި


  • މި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް އީރާނުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުން

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަދި އެމަނިކުފާނާއެކު ދަތުރުކުރަމުންދިޔަ އިރާން ސަރުކާރުގެ އިސްވެރިން ހޯދުމުގެ މަސައްކަތް ކާމިޔާބުވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ހުރިހާ ފަރާތްތައްވެސް އަވަހަށް ސަލާމަތާއި ރައްކާތެރިކަމާއި ފެނުމަށް އުއްމީދު ކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


މި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ، އީރާނުގެ ރައީސްއާއި، އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރެއްވި އިސް އޮފިޝަލުން ސަލާމަތުން ފެނުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އަދި މި ދަތި އުނދަގޫ ވަގުތުގައި އީރާނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސުލްޖުމުހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ވަނީ މި ހާދިސާއާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާން ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ރާއްޖެއިން އޮތީ އިރާނުގެ ރައްޔިތުންނާއި އެކުގައި ކަމަށާއި ދުޢާއަކީ އިރާންގެ ރައީސް އަދި އެކުގައި ދަތުރުކުރެއްވި ބޭފުޅުން ސަލާމަތުން ފެނުންކަމަށް ވަޒީރު ވިދާޅުވިއެވެ.


އީރާނުން ކުރިން ބުނެފައި ވަނީ, ރައީސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް މައްސަލައެއް ދިމާވެ, ކުއްލި ގޮތަކަށް ޖައްސަން ޖެހުނު ކަމުގައެވެ. އަދި, ހެލިކޮޕްޓަރު ޖެއްސި ސަރަޙައްދަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަތުރު ކުރަމުންދާ ކަމުގައެވެ.

އީރާނުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ކުއްލި ހާލަތެއް މެދުވެރިވެ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރި ކޮށްފައި ވަނީ ވަރަށް ބާރު ދުވެލީގައި ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ.

އީރާންގެ ރައީސް ހޯދުމުގެ މަސައްކަތް އެ ޤައުމުން ކުރަމުންދާއިރު މި ޙާދިސާ ހިނގިކަމަށްބުނާ ސަރަޙައްދުގެ މޫސުން ގޯސްވުމުގެ އެ މަސައްކަތަށް ދަނީ ހުރަސްއެޅެމުންނެވެ.