ޚަބަރު

ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރަން ބޭނުންވަނީ މުޅި މުޖްތަމަޢުގެ އެއްބާރުލުން


  • ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މޭއި 22 ވަނަ ދުވަހު

  • މިއަހަރުގެ ޝިޢާރަކީ "ރޭވުންތަކުގައި ބައިވެރިވޭ"

  • ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމުގައި ހުރިހާ އެންމެންގެ ބައިވެރިވުމަށް މިއަހަރު ޝިޢާރު ގޮވާލާ

"އިންޓަނޭޝަނަލް ޑޭ އޮފް ބައިލޮޖިކަލް ޑައިވާސިޓީ" ނުވަތަ ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަ ކުރަނީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، އެއާއި ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށެވެ. މިދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށް ރޭވިގެން މަސައްކަތް ކުރުމެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ރޭވުންތަކުގައި ބައިވެރިވޭ" މި ޝިޔާރެވެ. މިއީ "ކުންމިންގ-މޮންޓްރިއާލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކް"އާ އެއްގޮތަށް ކަންކަން ތަންފީޒު ކުރުމަށް ގޮވާލާ ގޮވާލުމެކެވެ. އެގޮތުން މި ބަޔޯޑައިވާސިޓީ ޕްލޭން ތަންފީޒު ކުރުމަށް، ފަރުދީ އަދި އިޖްތިމާޢީ ފެންވަރުގައާއި، ޖަމިއްޔާ ޖަމަޢަތްތަކާއި ވިޔަފާރިތަކުން އަދި ސަރުކާރާއި ޤާނޫނު ހަދާފަރާތްތަކުން ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށް ކުރެވޭނެ ކަންކަން ފާހަގަކޮށް މަސައްކަތް ކުރުމަށް ބާރުއަޅައެވެ.

ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މި ރާއްޖެއަކީވެސް މުއްސަނދި ވެއްޓެއް ލިބިފައިވާ ޤައުމެކެވެ. ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އަދި ހިތްގައިމު، އެންމެ މުއްސަނދި ގުދުރަތީ ނިޒާމަކީ ރާއްޖޭގެ ރައްތަކާއި ގުޅިފައިވާ މުރަކައިގެ ފަރުތަކެވެ. އެގޮތުން ރާއްޖޭގެ މުރަކައާއި ފަރުތަކުގެ ނިޒާމު 8900 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ހިއްސާކުރާއިރު، މިއީ ދުނިޔޭގެ މުރަކައާއި ފަރުތަކުގެ 5 އިންސައްތައެވެ. ދުނިޔޭގެ ނިސްބަތުންވެސް 7 ވަނަ އަށް އެންމެ ބޮޑު މުރަކައާއި ފަރުތަކުގެ ނިޒާމު އޮތީ ރާއްޖޭގައެވެ.

ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަކުރާއިރު، ކަންބޮޑުވާން ޖެހޭ ވަރަށް އަޅުގަނޑުމެންގެ ފަރުތަކަށްވެސް މިވަނީ ގައު ހުދުވުމުގެ މައްސަލަ ކުރިމަތިވެފައެވެ. ފަރުތަކުގެ ގައު ހުދުވުމަކީ ފަރުތަކުގެ ދިރުންތަކުގެ ނަސްލު ނެތިގެން ހިނގައިދާނެ ވަރުގެ ކަމެކެވެ. އެކަމަށް ހައްލެއް ގެނައުމަށް އީޕީއޭއިން ވަނީ އައްސޭރިފަށުގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަޝްރޫއުތަކާއި ބިން ހިއްކުމުގެ މަޝްރޫއުތައް އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލަން އަނގާފައެވެ.

އަޅުގަނޑުމެން މި ދީބުގެ ވިދާ މުތްތަކެއް ފަދަ 1192 ރަށުގެ ވަށައިގެވާ ޤުދުރަތީ މާހައުލު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާއިރު، ރާއްޖޭގެ 99 އިންސައްތައަކީ ކަނޑެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުގައި، 1100 އަށްވުރެ ގިނަ ބާވަތްތަކުގެ މަސް އުޅެއެވެ. އޭގެ ތެރޭގައި ބޮޑުމަހާއި ކޯމަހުގެ 21 ވައްތަރަކާއި، ވެލާގެ 5 ވައްތަރެއް ހިމެނެއެވެ.

މިކަނޑުތައް ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާއިރު، މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްކަމަށްވާ "ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން"ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމާ ގުޅިގެން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިޅިުހަށް ފޮނުއްވާފައެވެ. މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މި މުޢާހަދާ އެކުލަވައިލެވިގެން ދިއުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ. އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މިފަދަ މުޢާހަދާއެއްގައި ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ރާޢްޖޭގެ ޤުދުރަތީ މުއްސަނދިކަން ކަނޑުތަކުން އެކަނި ނިންމާލެވެން ނެތެވެ. އެހެނީ މުރަކައިގެ ދިރުންތަކުގެ ގޮތުގައި 180 ވައްތަރެއް ފާހަގަކުރެވިފައިވާއިރު، ފިނިހަކަ، އިތާ، ބޯވައިގެ އިތުރުން ބޯވަދިލަމަހުގެ އާއިލާއަށް ނިސްބަތްވާ 400 އެއްހާ ވައްތަރު ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެއެވެ. އަދި 145 ވައްތަރެއްގެ ކަކުނި އުޅޭއިރު، ޑިނގާގެ 48 ވައްތަރެއް ރާއްޖޭގައި އުޅެއެވެ.

އެއްގަމުގެ ދިރުމަށް ބަލާއިރު، 580 އަށްވުރެ ގިނަ ބާވަތުގެ ގަސް ރާއްޖޭގައި ހުރެއެވެ. އަދި 170 އަށް ވުރެ ދޫނި ރާއްޖޭގައި އުޅެމުންދާކަމަށް ރެކޯޑުތަކުން ދައްކައެވެ. މިއީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ކުޑަ މިންވަރެކެވެ.

މި ދިރުންތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ހުރިހާ އެންމެންގެވެސް އެއްބާރުލުން ބޭނުންވެއެވެ. ފަރުދީ ފެންވަރުގައި ކުރެވޭ މަސައްކަތާއި ސަރުކާރާއި އަދި މުޅި މުޖްތަމަޢު ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެހެން ނޫންނަމަ ދެވަނައެއްނުވާ އަޅުގަނޑުމެންގެ މިރީތި ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ހަލާކުވެ މި ވެށީގައި އުޅޭ ދިރޭތަކެތީގެ ނަސްލު ނެތިގެން ހިނގައި ދާނެއެވެ.