ޚަބަރު

އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕާސަން ނޫރްއައިން އިސްތިއުފާ ދެއްވައިފި


  • ނޫރްއައިން އިސްތިއުފާ ދިންކަން ލިއުމުން ޕީސީބީއަށް އެންގީ މޭއި 21 ވަނަ ދުވަހު

  • އެމަޤާމަށް ނޫރްއައިން އައްޔަންކޮށްފައިވަނީ 27 ޑިސެމްބަރ 2023 ގައި

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާޙް އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނޫރްއައިން އެ މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށް، ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ، 21 މޭއި 2024 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާ އެ ބޯޑަށް އަންގަވާފައިވާ ކަމަށެވެ. އެއާއެކު ޕީސީބީން ނޫރްއައިންގެ އިސްތިއުފާ ޤަބޫލުކޮށް މަޤާމުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރަމުންދާ ސަރުކާރު ކުންފުނި އެމްއެމްޕީއާރްސީގެ ބޯޑުން ނޫރްއައިން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ނޫރްއައިން އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.