ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
ޕީއެންސީއާއި އަލްސަން ގުޅިވަޑައިގަތް ފޯމާއި ޙަވާލުވެވަޑައިގަތީ އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީއެންސީން ވާދަކޮށް 66 ގޮނޑި ކާމިޔާބު ކުރިއެވެ. އޭގެ ފަހުން މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އަމިއްލަ މެންބަރުންވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިއާއެކު މިހާރު އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދު މިވަނީ 75 އަށް އިތުރުވެފައެވެ.
އަމިއްލަ ގޮތުން އިންތިޚާބުވި މަދު މެންބަރެއް ފިޔަވައި ދެންތިއްބެވި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާއިރު، އެންމެފަހުން ޕީއެންސީއާ ގުޅިވަޑައިގަތް ތިނަދޫ ދެކުނު ދައިރާގެ އިންތިޚާބީ މެންބަރު އަލްސަންއަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އެންމެ ހަގު މެންބަރެވެ.
20 ވަނަ މަޖިލީހުގަ ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ ޢަދަދު 75 އަށް އަރާފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ ތާޢީދާއެކު ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ ލީޑަރުގެ އިތުރުން އެމްޑީއޭއިން އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި މެންބަރުން ހިމެނޭހެން 20 ވަނަ މަޖިލީހުގައި ސަރުކާރަށް ތާޢީދުކުރާ މެންބަރުންގެ އަދަދު މިހާރު މިވަނީ 79 އަށް އިތުރުވެފައެވެ.