މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ވައި މަޑުވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އާދިއްތަ ދުވަހު ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތު ޕީއެސްއެމާއި ހިއްސާ ކުރައްވަމުން މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ، ހަފްތާ ބަންދަށްވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭ ވެހުމަށް ވުރެ ބޮޑަށް ވައިގަދަކަން ފާހަގަ ކުރައްވާ ހާފިޒް ވިދާޅުވީ، ވައި މަޑުވާނެ ކަމަށް ލަފާ ކުރެވެނީ އާދިއްތަ ދުވަހު ކަމަށެވެ.
އަދި ރާއްޖޭ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ހުކުރު ދުވަހުގެ ރޭ ތޫފާނަކަށް ބަދަލުވެގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް އެ ކޮޅިގަނޑު މިވަގުތު ދަތުރު ކުރަމުންދަނީ ރާއްޖެއާއި ދުރަށް ކަމަށާއި ތޫފާނަކަށް ބަދަލުވާއިރު އަރާނީ މިޔަންމާ އަދި ބަންގްލަދޭޝްގެ އައްސޭރިއަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
"މީގެ މިސްރާބު ހުރީ މިހާރުވެސް ރާއްޖެއާ ދުރަށް. ބޮޑަށް ހުރީ ބޭ އޮފް ބެންގާލްގެ އިރު އުތުރަށްވާ ކަހަލަ ގޮތަކަށް. އެހެން ނަމަވެސް މީގެ ބާރު ހިފަހައްޓާ ކަމަށްވަންޏާ އަޅުގަނޑުމެންގެ ސަރަހައްދުތަކުގައި މިހުރި ވައި އަދިވެސް ހިފަހައްޓާނެ ކަމަށް ބޮޑަށް ބެލެވެނީ. އަޅުގަނޑުމެންނަށް އިއްޔެ ބޮޑަށް އަންދާޒާ ކުރެވުނީ، ގަދަ ވައި ހޮނިހިރު ދުވަހު މަޑުވެގެން ދާނެ ކަމަށް. އެހެން ނަމަވެސް މިހާރު ބޮޑަށް ބެލެވެނީ އާދިއްތަ ދުވަހުއޭ މަޑުވެގެން ދާނީ " ހާފިޒް ވިދާޅުވިއެވެ.
ރާއްޖޭ ސަރަހައްދަށް މޫސުން ގޯސްވެ ގަދަވައި ހުރުމުގެ ސަބަބުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ވީހާވެސް ބޮޑަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ. އެގޮތުން އެވަރޭޖް ގޮތެއްގައި، 25 މޭލަށް މިހާރު ވައި ބާރުމިން ހިފަހައްޓަމުންދާއިރު ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.
މީގެ އިތުރުން ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ ކަމަށް ލަފާ ކުރެވޭތީ އެކަމަށްވެސް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސް ކުރެއެވެ.