ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ޑޮލަރު ނެގޭ މިންވަރު އިތުރުކުރުމުގެ ގޮތުން އެކުލަވާލާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގުމުގެ ހުރި ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަސައްކަތާ ގުޅޭގޮތުން މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ ލިމިޓް ކުޑަވުމުން ދަރިވަރުންގެ ޚަރަދުގެ ކަންކަން ހަމަޖެއްސުމަށް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށެވެ.
މިކަން ހައްލުކުރުމަށްޓަކައި ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށާއި އެ ދަފްތަރުގައި ސަރުކާރުގެ ޚަރަދުގައި ކިޔަވަމުންދާ ދަރިވަރުންނާއި އަމިއްލައަށް ޚަރަދުކޮށްގެން ކިޔަވަމުންދާ ދަރިވަރުންގެ މަޢުލޫމާތުތައްވެސް އެއްކުރާނެކަމަށެވެ. ޝަފީޢު ވިދާޅުވީ އެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ކޮންމެ ދަރިވަރަކަށްވެސް އޮންނާނެކަމަށް ޝަފީޢު ވިދާޅުވިއެވެ. އަދި މި ދަފްތަރުގެ ސަބަބުން ޑޮލަރުގެ ކަންކަމުގެ އިތުރަށް ކުއްލި ޙާލަތެއް މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ލުއިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަންކަން ވެރިފައި މިކުރަނީ އަޅުގަނޑުމެން މެދުވެރިކޮށް. ބޭންކުތަކަށް ބޭނުންވާ ޑޮލަރު ހަމަ މި ޖައްސަނީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ މެދުވެރިކޮށް. ސްކޮލަރޝިޕްތަކާއި ލޯނުގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ މަޢުލޫމާތު އަޅުގަނޑުމެންގެ އަތުގައި އެބަހުރި. ނަމަވެސް އަމިއްލައަށް ކިޔަވަން ތިބި ކުދިންނަށްވެސް އެ ފުރުޞަތުތައް ފަހިކޮށްދޭން މި ދަފްތަރު މި އެކުލަވާލަނީ" މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ ލިމިޓް އިތުރުކުރަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ސަރުކާރުން ނިންމަވާފައިވަނީ ޑޮލަރު ނެގޭ ލިމިޓް 750 އިން 1200 ޑޮލަރަށް އިތުރުކުރުމަށެވެ.