ޚަބަރު

ޙައްޖު މޫސުމުގައި އުދުހޭ ޓެކްސީ ތަޖުރިބާކުރަނީ


ޙައްޖު މޫސުމުގެ ތެރޭގައި އުދުހޭ ޓެކްސީ ޑްރޯން ފުރަތަމަ ފަހަރަށް ތަޖުރިބާކުރަން ސަޢުދީ ޢަރަބިއްޔާއިން ތައްޔާރުވެއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ ޙައްޖު މޫސުމުގައި ދަތުރުފަތުރުގެ އައު އީޖާދުތަކެއް ތަޖުރިބާކުރުމަށް ގިނަ ކުންފުނިތަކަކުން މަސައްކަތްކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ފަސިންޖަރުން އުފުލުމަށް އުދުހޭ ޓެކްސީއާއި ޑްރޯން ބޭނުން ކުރުން ހިމެނޭ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ޙައްޖު މޫސުމުގައި ދަތުރުފަތުރު ކުރުމަށް ފަސޭހަ މަގުތަކެއް ހުޅުވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ބުނެފައެވެ.

އުދުހޭ ޓެކްސީ ބޭނުން ކުރުމަށް ނިންމާފައި ވަނީ ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓުން މައްކާގެ ހޮޓާތަކަށް ޙައްޖުވެރިން ގެންދިއުމަށެވެ. އެ ގޮތުން ކޮންމެ ޓެކްސީއެއްގައި ހަތަރެއް ނުވަތަ ހަ މީހުންނަށް ދަތުރުކުރެވޭނެއެވެ. ސަޢުދީ ޢަރަބިއްޔާއިން ނިންމާފައި ވަނީ އެ ޚިދުމަތަށް 100 އުޅަނދު ނެރުމަށެވެ.

ޙައްޖު މޫސުމުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ގިނަ މަޝްރޫޢުތަކެއް ފަށައިފައެވެ. އޭގެ ތެރޭގައި ހައި ސްޕީޑް ރޭލުގެ ޚިދުމަތް ތަޢާރަފު ކުރުމާއި ކަރަންޓުން ދުއްވާ މަތިންދާބޯޓް އުފެއްދުން ހިމެނެއެވެ.