ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި


  • ކޮންފަރެންސްގެ އިންތިޒާމުތަކަށް ތަޢުރީފްކުރެއްވި

  • ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތަކަށް މަޝްވަރާކުރެއްވި

  • އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާގެ ސަރުކާރުން ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިންތިޒާމުތައް ކުރައްވާފައިވާ ފުރިހަމަކަމަށް ތަޢުރީފުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އެޤައުމުން އަދާކުރެއްވި މެހުމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮންފަރެންސްގައި މަޝްވަރާކުރި ބައެއް މައްސަލަތަކާއި ތަރައްޤީވަމުންވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވިލުންތެރިކަން އިތުރުކުރުމާއި އިސްކަންދޭ މުހިންމު މައްސަލަތަކުގައި މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް 2024 މެއި 27 އިން 29 ބާއްވާފައި ވަނީ އެންޓީގާ އެންޑް ބާބިޔުޑާގައެވެ.