ޚަބަރު

ދިހަ އަހަރަށްފަހު ޙައްޖުވެރިން ސީދާ ސޫރިޔާއިން ސަޢޫދީ ޢަރަބިއްޔާއަށް


ދިހަ އަހަރަށްފަހު ޙައްޖުވެރިން ސީދާ ސޫރިޔާއިން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކޮށްފިއެވެ.

ސޫރިޔާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ފުރަތަމަ ބުރުގައި އެ ޤައުމުގެ 270 ޙައްޖުވެރިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ވަނީ ދަތުރުކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޙައްޖުވެރިން ޖިއްދާއަށް ދަތުރުކުރާނެ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.

ޙައްޖުވެރިން ސީދާ ސޫރިޔާއިން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރަން ފަށާފައި ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިވަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން 2012ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ސޫރިޔާއަށް ސަފީރެއް ކަނޑައަޅައިފައެވެ. އޭގެ އިތުރުން 22 ޤައުމު ހިމެނޭ ޢަރަބި ލީގަށް ސޫރިޔާ ވަނީ އަލުން ވައްދައިފައެވެ.

ޢަރަބި ޤައުމުތަކާއި ސޫރިޔާއާ ދެމެދު އޮތް ގުޅުން ހީނަރުވީ 2011 ވަނަ އަހަރު އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށުމުންނެވެ. 14 އަހަރުވީ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ 22 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ގެދޮރު ގެއްލި ވިއްސިވިހާލިވެފައިވެއެވެ. އަދި ހަނގުރާމައިގެ ސަބަބުން ބައި މިލިއަން މީހުން މަރުވެ އެ ޤައުމުގައި ބަނޑުހައިހޫނުކަން ވަނީ ފެތުރިފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު 1.8 މިލިއަން މީހުން ބައިވެރިވިއެވެ. އެ ޢަދަދު މި އަހަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. މި އަހަރުގެ ހައްޖު މޫސުން ފަށާނީ ޖޫން 14ވަނަ ދުވަހުއެވެ.