ޙައްޖު މޫސުމުގައި އެކި ވައްތަރުގެ ސްކޭމުތަކުގައި ނުޖެހުމަށާއި އޮޅުވާލުންތަކަށް ސަމާލުވުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ޙައްޖު މޫސުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގުމަށް ރާވައިކަން ފާހަގަކޮށް ސަޢުދީ ޢަރަބިއްޔާއިން ވަނީ އެ ކަންކަމަށް ސަމާޅުވުމަށް އެދިފައެވެ. އެ ގޮތުން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބަދަލުގައި ޙައްޖުކޮށްދޭނެ ކަމަށާއި އުޞްހިޔާ ކަތިލާދޭނެ ކަމަށް ބުނެ ތަފާތު އިސްތިހާރުތައް ކުރަމުންދާ ކަމަށެވެ. އަދި ދަތުރުފަތުރުފަދަ ޙައްޖާ ގުޅުން ހުރި ކަންކަމުގައި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް ބުނެ ވެސް ބައެއް މީހުން އިސްތިހާރު ކުރަމުންދާ ކަމަށެވެ.
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނެފައި ވަނީ ޙައްޖު މޫސުމުގައި ހިންގާ އޮޅުވާލުންތަކުން ސަލާމަތްވުމަށް ރަސްމީ އިދާރާތަކުން ޚިދުމަތް ހޯދުން މުހިއްމު ކަމަށެވެ. އަދި އޮލޫވާޅުންތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނެކަމުގެ އިންޒާރު ވެސް އެ ޤައުމުގެ ސަރުކާރުން ދީފައިވެއެވެ.
މި އަހަރުގެ ޙައްޖުގައި 2 މިލިއަނެއްހާ މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އަދި ޙައްޖުވެރިންނަށް ޢަމާޒުކޮށް ހިންގާ އޮންލައިން ސްކޭމުތައް މި އަހަރު އިތުރުވާނެ ކަމަށް ސައިބަރ ސެކިއުރިޓީއާ ބެހޭ ކުންފުނިތަކުން ވަނީ ލަފާކޮށްފައެވެ.