ޚަބަރު

ޙަރަމްފުޅުގައި ކުރާ ނަމާދު އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެތައްގުނައެއް ހެޔޮކަން ބޮޑު


  • އިންސާނީ ދަރިފަސްކޮޅު އައުމުގެ މާކުރިން މަލާއިކަތް ބޭކަލުން މަސްޖިދުއް ހަރާމް ބިނާކުރެއްވިކަމަށްވޭ

  • އެކި ހާދިސާތަކާ ގުޅިގެން ކައުބާ މަރާމާތު ކުރަން ޖެހުނު

ދުނިޔޭގެ އެންމެ ދުވަސްވީ މިސްކިތަކީ މައްކާގައި ހުންނަ މަސްޖިދުލް ހަރާމެވެ. މުސްލިމުންގެ އެންމެ މުގައްދަސް ބިނާތަކުގެ ލިސްޓުން އެއްވަނައިގައިވާ ކައުބާއެވެ. މިއީ ދުނިޔޭގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިފަދަ މިސްކިތެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގެ މުސްލިމުން ދުވާލަކު 5 ފަހަރު ނަމާދު ގާއިމު ކުރުމަށް ކުރިމަތިލާ މުސްލިމުންގެ ޤިބްލައެވެ. މިއީ އަޅުކަން ކުރުމަށް ދުނިޔޭގައި ބިނާ ކުރެވުނު މިފަދަ ފުރަތަމަ އަޅުކަމުގެ ގޯއްޗެވެ.

މަސްޖިދުލް ހަރާމް ބިނާކުރައްވާފައިވަނީ އިންސާނީ ދަރިފަސްކޮޅު އައުމުގެ މާކުރިން މަލާއިކަތް ބޭކަލުންކަމަށް ތާރީޚީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެއަށްފަހު މާތް ﷲ އާދަމް ޢަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވުމަށްފަހު އެ ތަނުގައި ކައުބާ އެންމެ ފުރަތަމަ ބިނާކުރެއްވިއެވެ. އެތައް އަހަރަކަށް ފަހު އިބްރާޙިމް އަލައިހިއްސަލާމް ރަސޫލްކަމާއި ނަބީކަމާއެކު ފޮނުއްވެވުމުން މިހާރު ކައުބާ ހުރި ތަނުގައި އައު ކައުބާއެއް ބިނާކުރެއްވުމަށް މާތް ﷲ އަމުރުކުރެއްވިއެވެ. އައު ކައުބާ ބިނާ ކުރެއްވުމުގެ އަމުރު އައިރު އާދަމްގެފާނު ބިނާކުރެއްވި ކައުބާއެއް އަދި އޭގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އެހެންކަމުން މާތް ﷲގެ ޢަމުރުފުޅަށް އެތަނުގައި އަލުން ކައުބާ ބިނާ ކުރެއްވީ އިބްރާހިމްގެ ފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެ ފާނެވެ. އިސްމާޢީލުގެފާނުގެ ޒަމާނުގައި ކައުބާ ބިނާކުރެވިފައިވާ އުސް މިނަކީ ނުވަ މުށެވެ.

މި ދެބޭކަލުން ކައުބާ ބިނާކުރެއްވުމަށްފަހު ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަޞައްލަމަގެ ޒަމާނާ ދެމެދު ހިނގި އެކި ހާދިސާތަކާ ގުޅިގެން ކައުބާއަށް ގެއްލުންތަކެއް ލިބިފައިވާކަން ޝެއިޚް މުޙައްމަދު ޠައްޔިބު ފާހަގަކުރެއްވިއެވެ. ކޮންމެ ހާދިސާއަކާ ގުޅިގެން އަލުން ކައުބާ ބިނާކުރައްވަމުން ގެންދެވީ އިބްރާހިމްގެފާނު ކައުބާ ބިނާ ކުރެއްވުމަށް ގެންގުޅުއްވި ޤަވާޢިދުގެ މަތިންނެވެ. އިބްރާހިމްގެ ފާނުގެ ޒަމާނުގައި ކައުބާގައި 2 ދޮރުކޮޅު ހުއްޓެވެ. އެތައް ސަތޭކަ އަހަރުތަކަށް ފަހު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަ ނަބީކަމަށް ފޮނުއްވުމުގެ ކުރިން އުމުރުފުޅުން 35 އަހަރުފުޅުގައި ޤުރައިޝުން ކައުބާ ބިނާކުރިއެވެ. އެއީ ފެންބޮޑުވުމުގެ ސަބަބުން ކައުބާގެ ބިއްކޮޅުތަކަށް ގެއްލުން ލިބިގެންނެވެ. އޭރު އެ މަސައްކަތް ކޮށްފައިވަނީ އެކި މީހުންގެ އަތުން ފައިސާ ނަގައިގެންނެވެ. ކައުބާ ބިނާކުރުމަށްޓަކައި ނެގި ފައިސާއަކީ ހަލާލު ގޮތުގައިހޯދާފައިވާ ފައިސާތޯ ޔަޤީން ކުރިއެވެ.

ޤުރައިޝުން ކައުބާ ރޭނިއިރުގައި އެބައިމީހުންގެ އަތުގައި ހުރި ޙަލާލު ފައިސާ މަދުވުމުގެ ސަބަބުން، ކައުބާގެ އުތުރުން 6 މުށް އެތެރެއަށް ޖެއްސިއެވެ. އިބްރާހީމުގެފާނު ބިނާކުރެއްވި ބިންގަލަށްވުރެ 6 މުށް އެތެރެއަށް ޖެއްސި ބަޔަށް އަލްޙިޖްރު ނުވަތަ އަލްޙަޠީމު އޭ ކިޔައެވެ. އެބައިމީހުން ކައުބާގެ ދޮރުކޮޅު ބިމަށްވުރެ މައްޗަށް އުފުލިއެވެ.

" ދެން އެމީހުންގެ ތެރޭގައި ނިންމީ ހަލާލުގޮތުގައި ލިބިފައި ހުރި ފައިސާއިން ގެފުޅުގެ ބައެއް ބިނާކުރުމަށް. ގެފުޅުގެ އޭރިއާ ފާހަގަކުރުމަށްޓަކައި ތިރި ފާރުކޮޅެއް ރޭނީ. އެއީ ހިޖްރި އިސްމާޢީލް ކިޔާ ސަރަޙައްދު. ޠަވާފު ކުރަމުންދާއިރު ހިޖްރަ އިސްމާއިލް ތެރިއިން ތަވާފްކުރާ މީހާގެ ޠަވާފް ސައްޙައެއް ނުވާނެ."ޝެއިޚް މުޙައްމަދު ޠައްޔިބު ވިދާޅުވިއެވެ.

މައްކާގެ މާތްވެގެންވާ ޙަރަމާއި އެތަނުގައި ހުންނަ ކައުބަތުﷲ ގެފުޅަކީ ހައްޖާއި ޢުމްރާގެ އަޅުކަމުގެ ދުވަސްވަރު ނޫނަސް އަބަދުވެސް އެތައް ސަތޭކަބަޔަކު ޖަމާވެ ނަމާދާއި ޠަވާފާއި، އަޅުކަމުގައި ވަގުތު ހޭދަކުރާ ތަނެކެވެ. މިތަނުގައި ކުރާ ނަމާދުގެ ޘަވާބާއި ދަރުމަ އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެތައްގުނައެއް އިތުރުވެގެންދެއެވެ. ޙަރަމްފުޅުގައި ނަމާދުކުރުމަށް އެތައްބަޔަކު އަބަދުވެސް ޖަމާވެފައި އޮންނަ ސަބަބަކީ މިއީއެވެ. އަދި އެތަނުގައި ޖަމާޢަތުގައި ކުރާ ނަމާދުގެ ދަރުމަ ވަކިންބޮޑުކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. މަސްޖިދުލް ހަރަމްގައި ކުރެވޭ އެންމެ ނަމާދެއްގެ ޘަވާބު އެއްލައްކަ ނަމާދުގެ ދަރަޖައިގެ ގޮތުގައި އުފުލިގެން ދެއެވެ. މިއީ ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ. ފަރުޟު ނަމާދުތަކުގެ އިތުރަށް ކަށުނަމާދުތަކުގައި ބައިވެރިވުމާއި ސުންނަތް ނަމާދުތައް ކުރުމުގެ ފުރުޞަތު މަސްޖިދުއް ހަރަމުން ލިބިދެއެވެ.

ޙަރަމްފުޅުގެ ބޮޑުމިނުގައި 400،800 ސްކުއެއަރ ކިލޯމީޓަރު ހުންނައިރު ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫޢާއެކު މިހާރު އެއްފަހަރާ 4 މިލިޔަން މީހުންނަށް އަޅުކަން ކުރެވެއެވެ. އަދި ދުވާލެއްގެ މައްޗަށް މިލިޔަނެއްހާ މީހުން ޢުމުރާގެ އަޅުކަން އަދާކުރުމަށާއި ނަމާދުކުރުމަށް ޙަރަމަށް ދެއެވެ.