20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބޭހޭ ކޮމިޓީގެ މުޤައްރިރުކަމުގެ މަޤާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް، ކޮމިޓީން އިންތިޚާބުކޮށްފިއެވެ.
ސަލާމަތީ ޚިދުމަތްތަކާބޭހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުޤައްރިރުކަމުގެ މަޤާމަށް މެންބަރު އަޙުމަދު ސަލީމު އިންތިޚާބުކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ކަނޑައެޅުމާއި ގުޅިގެން މިއަދު އެކޮމިޓީގެ މުޤައްރިރު ހޮވަން ބޭއްވި ކޮމިޓީ ފުރަތަމަ ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާޤުންނެވެ.
އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (މުޤައްރިރު)
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު (ނާއިބު މުޤައްރިރު)
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް
ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޛިމް
ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިޤް
ހަނިިމާދޫ ދާއިރާގެ މެންބަރު އަބްދުލްޤަފޫރު މޫސާ
މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު
މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް
މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރުކަމަށް ހޮއްވެވުމުން ކޮމިޓީގެ ރިޔާސަތާއި ހަވާލުވެވަޑައިގެން މެންބަރު ސަލީމު ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކާބޭހޭ ކޮމިޓީ އަކީ މުޙިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކޮމިޓީއެއްކަމުން ކޮމިޓީގެ މަސައްކަތައް އެންމެ ފުރިހަމަައަށް ކުރިއަށްގެންދަވަން މަސައްކަތްކުރައްވާނެކަމަށެވެ.
އަދި ދިރާސާކުރުމަށްފަހު ކޮމިެޓީގެ މަސައްކަތްތައް ފެށުމަށް ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެކަމަށްވެސް ސަލާމަތީ ޚިދުމަތްތަކާބޭހޭ ކޮމިޓީގެ މުޤައްރިރު އަޙުމަދު ސަލީމް ވިދާޅުވިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކާބޭހޭ ކޮމިޓީގައި ޕީއެންސީގެ މެންބަރުންގެ އިތުރުން މަޖިލީހުގައި ހިމެނޭ ކޮންމެ ޕާޓީއަކުންވެސް އެއް މެންބަރަކު އިންނަވާނެއެވެ. އަދި މިއީ 13 މެންބަރުން ހިމެނޭ ހަމައެކަނި ދާއިމީ ކޮމިޓީއެވެ. އެހެން ކޮންމެ ދާއިމީ ކޮމިޓީއެއްގައިވެސް ތިއްބަވާނީ 11 މެންބަރުންނެވެ.