ޚަބަރު

ލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާނަން: ޚާރިޖީ ވަޒީރު


  • މިއީ ސްރީލަންކާގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށްކުރައްވާ ދަތުރުފުޅެއް

  • ދިވެހީންނާ ބައްދަލުކުރައްވާނެ

  • ދިވެހީންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް މަޝްވަރާކުރައްވާނެ

ސްރީލަންކާއަށް ދަތުރުކުރާ އަދި އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ލުއިގޮތްތައް ހޯދައިދިނުމަށް ދަތުރުފުޅުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު މުސާ ޒަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވާ ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުންނެވެ.

އަވަށްޓެރި ސްރީލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީގެ ދަޢުވަތަކަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ވަނީ ވަޑައިގެންފައެވެ. މިމަހުގެ 3އިން 6 އަށް ކުރައްވާ މި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.


ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންގްހެއާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރދެނާއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދާދި ފަހުން ސްރީލަންކާ ވިސާގެ ޤަވާއިދަށް ގެނައި ބަދަލާއި ގުޅިގެން ދިވެހިންނަށް ލުއިގޮތްތަކެއް ހޯއްދެވުމަށް މިދަތުރުފުޅުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރުވެސް ލަންކާއާއި ރާއްޖެއާއި ދެމެދު އެބަ އޮވޭ އިމިގްރޭޝަން އަދި ވިސާގެ އެގްރިމެންޓެއް. މި ދޭތެރެއިން ލަންކާގެ ވިސާ ރެގިއުލޭޝަނަށް ބައެއް ބަދަލުތަކެއް ގެންނަވައިފި. އެހެންވީމަ އެއާއި ބެހޭގޮތުން މަޝްވަރާކޮށް ދިވެހި ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދައިދެއްވުމަކީ އަޅުގަނޑުގެ ދަތުރުގެ އެއް އަމާޒު. މިހާރުވެސް ސަފީރު އެކޮޅުގައި ހުންނަވައިގެން އެ މަސައްކަތް އެބަ ކުރައްވާ." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސްރީލަންކާގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާ އަދި އެހެނިހެން ބައެއް ފަރާތްކާއި ބައްދަލުކޮށް މަޝްވަރާ ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެޤައުމުގައި ދިރިއުޅެމުންދާ ދިވެހިންނާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.