ޚަބަރު

ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކުރައްވައިފި


  • ލަންކާގެ ބޮޑުވަޒީރާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ލަންކާއިން ވެދެއްވާ އެހީއަށް ޝުކުރު އަދާކުރެއްވި

  • ގުޅުން ބަދަހިކުރުމަށް ދެ ޤައުމުންވެސް ތައްޔާރަށް އޮތްކަން ފާހަގަކުރެއްވި

ސްރީ ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެޤައުމުން މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނައާ ބައްދަލުކުރައްވައެވެ.

މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ދަމަހައްޓާ އެގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސްވަނީ ދެއްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޢިޖްތިމާޢީ އިޤްތިޞާދީ ކުރިއެރުމަށް ސްރީ ލަންކާއިން ދެއްވަމުން ގެންދަވާ އެހީއަށް ރާއްޖޭގެ ޚާރިޖީ ވަޒީރުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޚާރިޖީ ވަޒީރުގެ ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާގެ އިތުރުން ސްރީ ލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންގްހައާވެސްވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައިވެސް ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރުވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ލުއިގޮތްތަކެއް ހޯދާދިނުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.