ޚަބަރު

ބަރަކާތުން ފުރިގެންވާ ޙައްޖު މަސް ފެށިއްޖެ، ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަންނަވާ


  • މިއަދަކީ ޙައްޖުމަހުގެ ފުރަތަމަ ދުވަސް

  • ފުރަތަމަ 10 ދުވަހު ނަމާދުކޮށް ރޯދަހިފައި ޤުރުއާން ކިޔެވުން ގިނަކުރަންޖެހޭ

  • ޙައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހަކީ މިމަހުގެ 15ވަނަ ދުވަސް

ބަރަކާތުން ފުރިގެންވާ ޙައްޖު މަސް ފެށުނީއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން މައްކާގެ މުޤައްދަސް ބިމަށް ޖަމާވަމުން އަންނައިރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު މިއަހަރު ލިބިފައިނުވާ އެތައް ބަޔަކު ތިބޭނެއެވެ. އެހެންކަމުން ޙައްޖުގެ މަތުވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ނުލިބުނަސް ޙައްޖު މަޙުގެ ޘަވާބު ހޯދުމަށް އަމިއްލަ ވަޒަނުގައި ތިބެގެންވެސް ގަދައަޅައި މަސައްކަތްކުރަންވީއެވެ.

ޙައްޖު މަހުގެ މިފެށުނު ދުވަސްތަކަކީ މާތްﷲ ދުނިޔޭގައި ލައްވާފައިވާ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކެވެ. އެގޮތުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މީސްތަކުންވާ ޖިހާދަކަށްވުރެ ބޮޑަށް މި 10 ދުވަހު އަޅުކަން ކުރުމުގެ ސަބަބުން ހެޔޮކަން އިތުރުވާކަން ދީނި އިލްމުވެރިއެއްކަމުގައިވާ ޝައިޚް މުޙައްމަ ޠައްޔިބު ވިދާޅުވިއެވެ. ޝައްކެތްނެތް ގޮތުގައި މާތްﷲ އަކީ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި، އޭގެ ތެރެއިން އިރާދަ ކުރައްވާ އެއްޗެއް މާތް ކުރައްވައި ޚިޔާރު ކުރައްވާ ރަސްކަލާނގެކަން ފާހަގަކުރައްވަމުން ޝެއިޚް ވަނީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހު އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ދުވަސްތަކުގައި ކުރެވިދާނެ ޞާލިޙް ޢަމަލުތަކުގެ ތެރޭގައި، ރޯދަ ހިފުމާއި، މާތް ﷲއަށް ތަޤްވާވެރިވެ، ހެޔޮ ޢަމަލު ކުރުން ގިނަ ކުރުން ހިމެނޭކަން ޝައިޚް ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން އެބަޖެހޭ މި 10 ދުވަހުގައި ވަރަށް ބޮޑަށް ހީވާގިވާން. އަޅޫކަމުގައި ވަގުތުތައް ހޭދަކުރަން. ގިނަގިނައިން ޒުކުރު ކުރުމާއ، ދުޢާކުރުމާއި ފުރުޞުތު ނަމާދުތަކަށް ޚާއސަ ސަމާލުކަން ދޭންވާނެ. ރޭގަނޑުގެ ތެރެއިން އެންމެ ޚާއްސަ ރޭތަކަކީ ރަމަޞަންމަހު ރޭގަނޑުނަމަވެސް ޙައްޖުމަހުގައި ރޭގަނޑަށް ވުރެ ދުވާލު ވަގުތުތަކުައި އަޅުކަން ކުރަން ސަމާލުކަން ދޭންޖެހޭ" ޝައިޚް މުޙައްމަދު ޠައްޔިބު ވިދާޅުވިއެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ ބައެއް ބޭފުޅުންނަށް ޙައްޖަށް ދެވޭ ގޮތް ނުވި ކަމުގައި ވިޔަސް، މާތްﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލުމެއް ނުވެއެވެ. އެކަލާނގެ ރަޙްމަތް އަޅުގަނޑުމެންގެ މައްޗަށް ތަނަވަސްވެގެންވެއެވެ. އަމިއްލަ ޤައުމުގައި، އަމިއްލަ ވަޒަނުގައި، ތިބިކަމުގައި ވިޔަސް، ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ދަރުމަ އާއި ޘަވާބު ލިބިގަތުމަށް މަސައްކަތް ކުރުމުގެ މަގު ވަނީ އަޅުގަނޑުމެންނަށް ތަނަވަސްވެފައެވެ.

ނަމާދުކުރުމާއި، ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުން ގިނަކުރަންވީއެވެ. އަޅުކަންތަކުގައި މަސްޢޫލުވެ، އަރަފާތު ދުވަހު ރޯދަ ހިފުމަށް އިސްކަންދޭންވީއެވެ. އަރާފާތު ދުވަހު ހިފާ ރޯދައިގެ ސަބަބުން ފައިތުވި އަހަރުގެ ފާފަތަކާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވަދެއްވާކަމަށް ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ހަދީޘް ކުރައްވާފައިވެވެ.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ބަރާކާތްތެރި ދުވަސްތަކެއްގެ ގޮތުގައިވާކަން އެނގެން އޮންނައިރު، އެ 10 ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް ﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށްދެއްވުން ހިމެނެއެވެ. މި ދީން ފުރިހަމަ ވުމުގެ ސަބަބުން، މީސްތަކުންކުރާ ޢަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބި އެމީހުންނަށް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތެއް ވާކަން ޤަބޫލުކުރަންޖެހެއެވެ. ދެ ދުނިޔޭގެ ޙަޔާތް ބާއްޖެވެރިކުރުމަށާއި، ފާގަތި ހަޔާތަކަށް އެދޭ މީހާ މި 10 ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސަމާލުކަން ދޭންޖެހެއެވެ. ޚާއްސަކޮށް ސުންނަތް ރޯދަ ހިފުމަށް ގަދައަޅާ މަސައްކަތް ކުރުން މިއީ ނުހަނު މުހިއްމުކަމެއްކަން ދީނީ އިލްމުވެރިން ފާހަގަކުރައްވައެވެ.

މިއަދަކީ 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ ކަމަށްވާއިރު، މިއަހަރުގެ ޢަރަފާތު ދުވަސް ނުވަތަ ޙައްޖު ދުވަހަކީ މިމަހުގެ 15ވާ ހޮނިހިރު ދުވަސްކަމަށާއި އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 16ވާ އާދިއްތަ ދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ.