ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނިއު ދިއްލީއަށް ވަޑައިގެންފި


  • ރައީސް ދިއްލީއަށް ވަޑައިގަތީ އިންޑިޔާގެ ބޮޑު ވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށެވެ.

އިންޑިއާގެ އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެކްސްޓަރނަލް މިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވި، އެމިނިސްޓްރީ އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އިންޑިއާގެ ބޮޑުވަޒީރާއި ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މިއަދެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާއި ނަރެންދުރަ މޯދީ ހަވާލުވެވަޑައިގަންނަވާ ތިންވަނަ ދައުރެވެ. އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) އިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.