ޚަބަރު

ސިޔާސީ ލީޑަރަކަށް އިއްވާފައިވާ މަރުގެ ޙުކުމް ތަންފީޒުކޮށްފި


ބަންގްލަދޭޝްގެ ޖަމާއަތޭ އިސްލާމީ ޕާޓީގެ ލީޑަރު މުތީއުއްރަހްމާންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އެގައުމުގެ ސަރުކާރުން ތަންފީޒުކޮށްފިއެވެ. 

ބަންގްލަދޭޝްގެ ގާނޫނުތަކާބެހޭ ވަޒީރު އަނީސުލްޙައްޤު ވިދާޅުވީ މުތީއުއްރަހްމާނަށް މަރުގެ އަދަބު ދިނީ އަންގާރަދުވަހުގެ މެންދުރު ޑާކާގެ ސެންޓްރަލް ޖަލުގައި އޭނާ ދަންޖައްސައިގެން ކަމަށެވެ. މިކަމާގުޅިގެން ޖަމާއަތޭ އިސްލާމީ ޕާޓީގެ ސަޕޯޓަރުން މަގުތަކަށްނުކުމެ ހަމަނުޖެހުންތަކެއް ހިންގަފާނެ ކަމަށް ބެލެވޭތީ ބަންގްލަދޭޝްގެ ސަރުކާރުންވަނީ ފުލުހުންގެ އެތަށް ސަތޭކަ ބަޔަކު ވެރިރަށް ޑާކާ އާއި އެނޫންވެސް ބޮޑެތި ސިޓީތަކުގެ މަގުތަކަށް ނެރެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މުތީޢުއްރަޙްމާންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު އަންހެނުން ރޭޕްކުރުމާއި މީހުން މެރުމުގެ ޖަރީމާތައް އޭނާ ހިންގާފައިވާ ކަމަށް ކުރެވިފައިވާ ތުހުމަތުތައް ކޯޓަށް ސާބިތުވުމާ ގުޅިގެނެވެ.